އަފްޣާނިސްތާނުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނުން ހަމަލާދީ 400 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކޮށްފި އެވެ.
ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރަމުން ބުނީ އެއީ "އާންމުންގެ މެދުގައި ނުބައި ތަސައްވަރެއް އުފެއްދުމަށް" ދައްކާ ވާހަކައެއް ކަމަށެވެ. ހޯމަ ދުވަހު އެގައުމުން ހަމަލާދީފައިވަނީ ހަމައެކަނި ކާބުލް އާއި ނަންގަހާރު ޕްރޮވިންސްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ކަމަށްވެސް ޕާކިސްތާނުން ބުންޏެވެ.
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނުގެ ނައިބު، ހަމްދުﷲ ފިތުރަތު ވިދާޅުވި ގޮތުގައި، ކާބުލްގެ އުމަރު އެޑިކްޝަން ޓްރީޓްމަންޓް ހޮސްޕިޓަލަށް މި ހަމަލާދީފައިވަނީ އެގައުމުގެ ގަޑިން ރޭގަނޑު 9 ޖެހިއިރު އެވެ.
އެކްސްގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި، 2،000 އެނދުގެ މި ހޮސްޕިޓަލަށް ދިން މި ހަމަލާގައި އިމާރާތުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ.
"ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 400 އަށް އަރާފައި. އަދި 250 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ. ރެސްކިއު ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ...، އޭނާ ވިދާޅުވި އެވެ.
ޓީވީ ޗެނަލްތަކުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ސުންނާފަތިވެފައިވާ އިމާރާތުގެ ތެރޭގައި ގަދަޔަށް ރޯވެފައިވެ އެވެ.
ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ އުމީދު ސްޓެނިކްޒާއީ، 31، އޭއެފްޕީ ނޫސް އެޖެންސީއަށް ބުނި ގޮތުގައި، ހަމަލާ ދިނުމުގެ ކުރިން ޖެޓްތަކެއް އުދުހޭ އަޑު އޭނާއަށް އިވުނެވެ.
"އަހަރެމެންގެ ވަށައިގެން އަސްކަރީ ޔުނިޓްތައް ތިބޭ. އެ ޔުނިޓްތަކުން ޖެޓަށް ހަމަލާދޭން ފެށުމުން، ޖެޓުން ބޮން އެޅީ. އެއާއެކު މުޅި ތަނުގައި އަލިފާން ރޯވި،" އޭނާ ބުންޏެވެ.
މަރުވި އަދި ޒަހަމްވި ހުރިހާ އެންމެންނަކީވެސް އާންމުން ކަމަށް އޭނާ ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ވިދާޅުވީ މި ތުހުމަތުތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކާބުލްގެ އެއްވެސް ހޮސްޕިޓަލަކަށް އަމާޒުކޮށް ހަމަލާއެއް ދީފައެއް ނުވެ އެވެ.
އެކްސްގައި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ހަމަލާތަކަކީ "ވަރަށް ބޮޑަށް ބަލަންޖެހޭ ކަންކަން ބަލައި، އަސްކަރީ މަރުކަޒުތަކަށާއި ޓެރަރިސްޓުންނަށް އެހީތެރިވާ ވަސީލަތްތަކަށް" އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. މީގެ ތެރޭގައި ކާބުލް އަދި ނަންގަހާރުގައި ހުރި އަފްޣާން ތާލިބާނުންގެ ޓެކްނިކަލް ސާމާނު ރައްކާކުރާ ތަންތަނާއި ހަތިޔާރު ގުދަންތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ ތަންތަނަކީ ޕާކިސްތާނުގެ ކުށެއް ނެތް އާންމުންނާ ދެކޮޅަށް ބޭނުންކުރަމުންދާ ތަންތަން ކަމަށް ވެސް ބުންޏެވެ.
ޕާކިސްތާނުގެ ހަމަލާތަކަކީ "އާންމުންނަށް ނުވަތަ އެހެން ތަންތަނަށް ގެއްލުން ނުވާނެހެން ވަރަށް ފަރުވާތެރިކަމާއެކު ދީފައިވާ" ހަމަލާތަކެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ތާލިބާނުންގެ ތަރުޖަމާނު މުޖާހިދު ކުރާ ތުހުމަތުތަކަކީ ޕާކިސްތާނާ ދެކޮޅު ރޫހެއް އުފެއްދުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމަށް ތާލިބާނުން ދޭ "ޣައިރު ގާނޫނީ އެހީތެރިކަން" ފޮރުވުމަށް ކުރާ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ހަމަލާ ދީފައިވަނީ، އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ދެފަރާތުގެ ދެމެދުގައި ހަމަލާތަކެއް ބަދަލުކޮށް، އަފްޣާނިސްތާނުން ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނިތާ ގަޑިއިރުތަކެއް ފަހުންނެވެ. އަވަށްޓެރި މި ދެގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެ ހަަމަލާ ބަދަލުކުރާތާ މިހާރު ވަނީ ތިން ހަފުތާ ވެފަ އެވެ. މިދިޔަ މަހުގެ 27 ވަނަ ދުަވަހުގެ ރޭ ވެސް ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅާފައިވެ އެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަލުން އައި ފަހުން ޕާކިސްތާނާ ގުޅުން ގޯސްވެފައި އޮތުމަށް ފަހު އިތުރަށް ގޯސްވީ މިދިޔަ އޮކްޓޫބަރު މަހު ދެ ގައުމުން ބޯޑަރު ސަރަހައްދުގައި އެއްބަޔަކު އަނެއް ބަޔަކަށް ދިން ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް ފަހުގަ އެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ހަނގުރާމަވެރިން ޕާކިސްތާނަށް ދޭ ހަމަލާތައް ހުއްޓުވަން ތާލިބާން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ތާލިބާނުން މި ތުހުމަތަށް އިންކާރުކުރެ އެވެ.
އަފްޣާނިސްތާނުގެ ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އަލުން އައުމަށް ފަހު ޕާކިސްތާނުގައި ހަމަލާތައް އިތުރުވެފައި ވާއިރު ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ތާލިބާން ޖަމާއަތެއް ކަމަށްވާ ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިންނެވެ.