އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އަވަހާރަކޮށްލާފައިވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާތަކުން ބުނެފި އެވެ. 

ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އެގޮތަށް ވާހަކަ ދައްކައިފަ އެވެ. އެކަމަކު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އިއްޔެ ވެސް ވަނީ ޚާމަނާއީ ސަލާމަތުން ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ އީރާނުގެ ސުޕްރީމް ލީޑަރާއި ރައީސާއި، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަދި ޕާލަމެންޓުގެ ރައީސް ވެސް ސަލާމަތުން އެބަ ހުންނެވި ކަމަށެވެ. 

ސުޕްރީމް ލީޑަރުގެ އޮފީހުގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އީރާނުގެ ދުޝްމަނުން ހިންގާ "ސައިކޮލޮޖިކަލް ހަނގުރާމައެއް" ކަމަށެވެ. 

ދައުލަތުގެ މީޑިއާތަކުން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށް ޚާމަނާއީ ހުންނެވީ ސާބިތުކަމާ އެކު ކަމަށް ބުނެފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ވެސް ވަނީ ޚާމަނާއީގެ މަރުގެ ހަބަރު ދޮގުކޮށްފަ އެވެ. 

މިއީ އެމެރިކާއިން ޚާމަނާއީ ބެހޭ ގޮތުން ބުނާ ވާހަކައާ ދިމާ އިދިކޮޅު ވާހަކަތަކެކެވެ. 

ނަމަވެސް އީރާނުގެ އެންމެ މަތީ ވެރިޔާ އާއި ރައީސް އުޅުއްވާ ޕާސްތޫރު އަވަށުގެ ކައިރީގައި ވަރުގަދަ ހަމަލާތަކެއް އިއްޔެ ދީފައިވެ އެވެ. އަދި މިއީ އީރާންގެ ވަރަށް ގިނަ އަސްކަރީ މައި މަރުކަޒުތަކާއި ޔުނިވަސިޓީތައް ވެސް ހުންނަ ހިސާބެކެވެ. 

ފާސް ނިއުސް އެޖެންސީން މީގެ އިރުކޮޅެއް ކުރިން ބުނި ގޮތުގައި  ޚާމަނާއީގެ ދަރިކަނބަލުންނާއި އޭނާ ފިރިކަލުން އަދި  ކާފަ ދަރިކަލެއް ހަމަލާތަކުގައި އަވަހާރަވެފައިވާ ކަމަށެވެ.