އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހަރާކޮށްލުމުން އެކަމުގެ ބަދަލު ހިފުމަށް ދެމުން ގެންދާ ހަމަލާތަކުގައި މިއަދު ވެސް ގަލްފުގެ އެކި ގައުމުތަކުގެ ސިޓީތަކަށް ހަމަލާތައް ދީފި އެވެ.

ޔޫއޭއީގެ ދުބާއީ، ގަތަރުގެ ދޯހާ އަދި ބަހްރެއިންގެ މަނަމާއިން މިއަދު ހެނދުނު ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފަ އެވެ. 

މި ހަމަލާތައް ދީފައި ވާއިރު އިއްޔެ އާއި ރޭ ވެސް ވަނީ އެކި ތަންތަނަށް ހަމަލާ ދީފަ އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒާއި އަސްކަރީ އިންފްރާސްޓްރަކްޗާ ހުންނަ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް ގިނަ ހަމަލާތަކެއް ދީފައި ވާއިރު އީރާނުން ހަމަލާ ނުދެނީ އެންމެ ފަހުން އެމެރިކާއާ އެކު ބޭއްވި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އޮމާނަށް އެކަންޏެވެ. 

މެދުއިރުމަތީގެ އެންމެ އަމާން ސިޓީތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ތަންތަނަށް ދެމުން ގެންދާ މި ހަމަލާތަކާ އެކު މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެ ނުރައްކާ އަދިވެސް އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. 

އީރާންގެ ޑްރޯން ހަމަލާއަށް ފަހު ދުބާއީ އެއާޕޯޓް
އީރާންގެ ޑްރޯން ހަމަލާއަށް ފަހު ދުބާއީ އެއާޕޯޓް

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް އެ ގައުމަށް އަމާޒުކޮށް އީރާނުން ވަނީ 137 މިސައިލާއި 209 ޑްރޯން ފޮނުވާފައި ކަމަށެވެ.  މީގެ ތެރެއިން ބައެއް ހަމަލާތައް އެ ގައުމުގެ މަޝްހޫރު ބޮޑެތި އިމާރާތަކަށް އަމާޒުކޮށްފައިވެ އެވެ. ލޭންޑްމާކްތައް ކަމަށްވާ ދަ ޕާމް އާއި ބުރުޖުލް އަރަބްއާ ހިސާބަށް ބައެއް ހަމަލާތައް ފޯރާފައިވެ އެވެ. 

އަބޫދާބީގެ އެއާޕޯޓުގައި ހިނގި ހާދިސާގައި އެކަކު މަރުވެ ހަތް މީހަކު ޒަހަމްވި އެވެ. އަދި ދުބާއީ އެއާޕޯޓާއި ކުވައިތުގެ އެއާޕޯޓަށް ވެސް ވަނީ ހަމަލާތަކުގައި ގެއްލުން ވެފަ އެވެ.

ގަތަރުގެ އޮފިޝަލުން ބުނި ގޮތުގައި އީރާނުން އެ ގައުމަށް އަމާޒުކޮށް 65 މިސައިލާއި 12 ޑްރޯން ފޮނުވާލި އެވެ. އެ ހަމަލާތަކުގައި 8 މީހަކަށް އަނިޔާވެފައިވާ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް އެވެ.

ހަމަލާތައް ދިން ފުރަތަމަ ދުވަހު އަބޫ ދާބީ އާއި ބަހްރެއިންގެ ވެރިރަށް މަނަމާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާ ދިނެވެ. އެއީ އެމެރިކާގެ ނޭވީގެ 5 ވަނަ ފްލީޓްގެ މަރުކަޒެވެ. 

ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ އަރަބި ގައުމުތަކަކީ އީރާނުގެ އައްސޭރިފަށުގައި އޮންނަ ގައުމުތައް ކަމަށް ވާއިރު އެއީ އެމެރިކާއާ ގާތް ގުޅުން އޮންނަ އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކެވެ.