އީރާނުން ގަތަރަށް ދިން އެކި ހަމަލާތަކުގެ ފުޓޭޖާއި ހަމަލާތަކާ ގުޅޭ ދޮގު ވާހަކަ ފެތުރި 313 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ގަލްފުގެ އެކި ގައުމުތަކަށް ޑްރޯން އާއި މިސައިލުން ދަނީ ހަމަލާ ދެމުންނެވެ. އެ ގައުމުގެ އެއާޕޯޓުތަކާއި އަސްކަރީ މަރުކަޒުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވެ އެވެ.
ހައްޔަރު ކުރި މީހުން ވީޑިއޯ ކްލިޕްތައް ނަގައި އާންމުކޮށް، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ޝާއިއު ކުރި ކަމަށް ވެސް އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑިޕާޓްމަންޓް ފޯ ކޮމްބެޓިން އިކޮނޮމިކް އެންޑް ސައިބަ ކްރައިމްސް އިން އެ މިނިސްޓްރީގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންގައި މި މައްސަލަތަކުގެ ތުހުމަތަށް އެކި ގައުމުތަކުގެ މީހުން ބަންދުގައި އެބަތިބި ކަމަށް ބަޔާނުގައި ބުންޏެވެ.
ގަތަރުގެ އިތުރުން ގަލްފުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ މިފަދަ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ.
ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނީ އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯކޮށް ދޮގު ހަބަރު ފެތުރި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުވައިތުގެ އިދާރާތަކުން ބުނީ އެ ގައުމުގެ ހާލަތަށް ފުރައްސާރަކުރާ ވީޑިއޯތަކެއް މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ މީހުންނަށް ވަނީ ސެންސިޓިވް ފޮޓޯ އާއި ވީޑިއޯ އަދި ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ރީޕޯސްޓްކުރާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ޓެކްސްޓު މެސެޖުތަކެއް ފޮނުވައިފަ އެވެ.
ސައޫދީ އަރަބިއްޔާއިން ވެސް ވަނީ މިފަދަ އިންޒާރެއް ދީފަ އެވެ.
މި އިންޒާރުތަކާ އެކު ވެސް، މިސައިލްތަކާއި ޑްރޯންތަކާއި، ހަނގުރާމައިގެ އެކި ހާދިސާތަކާ ގުޅޭ ޕޯސްޓުތައް ސޯޝަލް މީޑިއާގައި އަދި ގުރޫޕް ޗެޓްތަކުގައި މީހުން ގެންދަނީ ދައުރުކުރަމުންނެވެ. -- އޭއެފްޕީ