އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި ދިގު ހަނގުރާމަކަށް ތައްޔާރު ކަމަށާއި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި ވާހަކަ ދެއްކުމެއް މި ވަގުތަށް ނޯންނާނެ ކަމަށް އީރާންގެ ރޫހީ ލީޑަރުގެ އޮފީހުގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ކަމާލް ޚަރާޒީ ވިދާޅުވެއްޖެ އެވެ.
ސީއެންއެންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޚަރާޒީ ވިދާޅުވީ އީރާންގެ ހަމަލާތައް ހުއްޓާލާނީ އެމެރިކާ އާއި އިޒްރޭލުން ހަމަލާތައް ހުއްޓާލުމުން ކަމަށެވެ.
އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުގައި ގަލްފުގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އިޝާރާތްކުރައްވަމުން ޚަރާޒީ ވަނީ ހަަމަލާތައް ހުއްޓުމަކަށް ގެންނަން ބޭނުން ނަމަ ގަލްފުގެ ގައުމުތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މެދުވެރިކޮށް ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.
"ޑިޕްލޮމެސީއަށް އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑު މިހާރު ނުދެކެން. ސަބަބަކީ ޑޮނަލްޑް ޓްރަމްޕު އެ ގެންދަނީ އޮޅުވާލަމުން އަދި ވައުދާ ހިލާފްވަމުން. މަޝްވަރާއަށް ދިޔަ ދެ ފަހަރު ވެސް އަޅުގަނޑުމެންނަށް ކުރަން މި ޖެހުނީ އެ ތަޖުރިބާ - މަޝްވަރާތަކުގައި ތިއްބާ ހަމަލާ ދެނީ،" ޚަރާޒީ ހޯމަ ދުވަހު ސީއެންއެން އަށް ވިދާޅުވި އެވެ.
"އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެހެން ގައުމުތަކުން ނުފޫޒު ފޯރުވާ މިންވަރަށް އިގްތިސާދީ ޕްރެޝަރު ބޮޑުވެގެން ނޫނީ [މަޝްވަރާއަށް] ޖާގައެއް ނެތް،" ގަލްފުގެ އަރަބި ގައުމުތަކާއި އެހެން ގައުމުތަކުން ވެސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއަށް ޕްރެޝަރުކުރަން ޖެހޭނެ ކަމަށް ދޭހަވާ މޭރުމުން ޚަރާޒީ ވިދާޅުވި އެވެ.
"މި ހަނގުރާމައިން ވަރަށް ބޮޑެތި ޕްރެޝަރު އެބަ އުފެދޭ - އިގްތިސާދީ ޕްރެޝަރު - އިންފްލޭޝަނާއި ހަކަތައިގެ ބާވަތްތައް މަދުވުމުން އެހެން މީހުންނަށް. އެހެންވެ [ހަނގުރާމަ] ކުރިއަށް ގެންދިއުމުން މި ޕްރެޝަރު އެހެން މީހުންނަށް އަދިވެސް ވާނީ ބޮޑު. އަދި މިކަން ހުއްޓުވަން އެކަމުގެ ތެރެއަށް ވަނުން ނޫން އިހުތިޔާރެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން ޓްރަމްޕު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ވަރަށް އަވަހަށް ހަނގުރާމަ ނިމެނޭނެ ކަމަށާއި ހަމަލާތަކުގެ މަގްސަދު ހާސިލް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން އީރާނުން އަންނަނީ މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް ހަމަލާ ދެމުންނެވެ. އީރާނުން ބުނަނީ ހަމަލާތައް އަމާޒުކުރަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ކަމަށެވެ. އެކަމަކު އާންމުންގެ އިމާރާތްތަކާއި އެއާޕޯޓްތަކަށް ކިތަންމެ ހަމަލާއެއް އަމާޒުކޮށްފައިވެ އެވެ. އީރާންގެ އިންގިލާބީ ލަޝްކަރުން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި އީރާނުން އަދި ބޭނުންކުރަނީ ލިބިފައިވާ ބާރުގެ 60 ޕަސެންޓެވެ.
މި ހަމަލާތަކާ އެކު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އަރައިގެން ގޮސް އަދިވެސް ދަނީ ހުއްޓުމެއް ނެތި އިތުރުވަމުންނެވެ. ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 ޕަސެންޓް ބޭރުކުރާ ހޮރްމޫޒް ކަނޑޯޅި އީރާނުން ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފައިވުމާ އެކު މުޅި ދުނިޔެއަށް ވަނީ ތެލާއި ގޭހުގެ ސަޕްލައި ތާށިވާން ފަށައިފަ އެވެ.