އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުގައި ތެލުގެ ސަޕްލައި ހުއްޓުވަން ކުރާ މަސައްކަތް ފުޅާކޮށް އަދި ދިގު ހަނގުރާމައަކުން ދުނިޔޭގެ އިގްތިސާދު ހަލާކުވާ ވަރު ކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު އަނެއްކާވެސް 100 ޑޮލަރުން މައްޗަށް ހިނގައްޖެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތައް ތިން ވަނަ ހަފްތާއަކަށް ދެމިގެން ގޮސްފައި ވާއިރު މިކަމަށް ނިމުމެއް އައުމުގެ ނިޝާނެއް ނުފެނެ އެވެ. އަދި އީރާންގެ ރައްދު ހަމަލާތައް ވަނީ އިތުރު ވެސް ކޮށްފަ އެވެ.
ހާލަތު ގޯސްވަމުން ދާއިރު އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން އިއްޔެ ވަނީ އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގައި ރައްކާކޮށްފައިވާ އިމަޖެންސީ ރިޒާވްތަކުން، ސާފު ނުކުރާ ތެލުގެ 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރެ އަގުތައް ދަށަށް ގެންދެވޭތޯ މަސައްކަތް ފަށައިފަ އެވެ. މީގެ ތެރެއިން 172 މިލިއަނަކީ އެމެރިކާއިން ދޫކުރާ ތެލެވެ.
އެކަމަކު ސާފު ނުކުރާ ތެލުގެ މުޅި ދުނިޔޭގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސް ޕަސެންޓް އުފުލުމަށް ބޭނުންކުރާ ހޮރްމުޒް ކަނޑޯޅިން އުޅަނދުތަކަށް ހަމަލާދީ އަދި ބަންދުކޮށްފައިވުމާ އެކު ސަޕްލައިގެ ޔަގީންކަން ގެއްލި އަގުތައް ދިޔައީ މައްޗަށެވެ.
މި ހާސްކަމުގައި ވަނިކޮށް ރޭގެ ވަގުތެއްގައި ވަނީ އިރާގު ކަނޑުގެ ސަރަހައްދު ތެ ތެޔޮ ޓޭންކަރަސށް ހަމަލާ ދިނުމުގެ ސަބަބުން ރޯވެ އަނދައިފަ އެވެ. މި ހަމަލާ ދިނީ އީރާންގެ ދެ އުޅަނދެއްގެ ގޮވާތަކެތި ހަރުކޮށްގެން ގޮސް ޖައްސައި ގޮއްވާލައިގެން ކަމަށް ވަނީ ބެލެވިފަ އެވެ.
މި ހާދިސާ ހިނގި އިރު ވެސް އިރާގުން ވަނީ ތެލުގެ ސަޕްލައި ދަށްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އަދި އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ ސައޫދީގެ އިތުރުން ކުވައިތުން ވެސް ވަނީ އެގޮތަށް ނިންމައިފަ އެވެ.
ބަހްރެއިންގެ ތެޔޮ ޓޭންކްތަކަށް އީރާނުން ހަމަލާ ދީފައި ވާއިރު، ސައުދީ އަރަބިއްޔާ އިން ވަނީ އެ ގައުމުގައި ތެޔޮ ނަގައި ސާފުކުރުމުގެ މަސައްކަތްކުރާ ސަރަހައްދަކަށް އީރާނުން ދޭން މަސައްކަތްކުރި ޑްރޯން ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
ސާފު ނުކުރާ ތެލުގެ މައި ދެ ކޮންޓްރެކްޓްގެ އަގު ވެސް ވަނީ މި މައްސަލަތަކާ އެކު ބޮޑުވެފަ އެވެ. ބްރެންޓްގެ އަގު ނުވަ ޕަސެންޓަށް ވުރެ މައްޗަށް އަރައި ފީފާއެއްގެ އަގު 101.59 ޑޮލަރަށް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައި ވަނީ 96 ޑޮލަރަށް އަރައިފަ އެވެ. ތެލުގެ އަގު ކަނޑައެޅުމުގެ މި ދެ ބެންޗްމާކުގެ އަގު މިދިޔަ ހޯމަ ދުވަހު ވަނީ 30 ޕަސެންޓަށް އަރައި ފީފާއެއްގެ އަގު 120 ޑޮލަރަށް ވެސް އުފުލިފަ އެވެ.
ހަމަނުޖެހުން ދިގުދެމިގެންދާ ނަމަ ތެޔޮ ފީފާއެއްގެ އާންމު އަގު 90-100 ޑޮލަރަށް އަރާނެ ކަމަށް ވެސް މާކެޓް ދިރާާސާކުރާ މީހުން ދަނީ ބުނަމުންނެވެ.
ތެލާއި ގޭސް އުފުލުމުގައި އެތައް ގައުމަކުން ބަރޯސާވާ މުހިންމު މަގު ކަމަށްވާ ހޮރްމުޒްގައި ކާގޯ ބޯޓުތަކަކަށް ހަމަލާ ދިނުމަށް ފަހު އީރާނުން އިއްޔެ ބުނީ އެމެރިކާ އާއި އިޒްރޭލުގެ އަދި އެ މީހުންގެ ބައިވެރިންނާ ގުޅުން އޮންނަ ކޮންމެ ބައެއްގެ އުޅަނދެއް އެއީ ހަމަލާ ދިނުން ހައްގު އެއްޗެއްގެ ގޮތުގައި ބަލައި ހަމަލާ ދޭނެ ކަމަށެވެ.
އީރާން އަސްކަރިއްޔާގެ ވަރުގަދަ ފައުޖު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަ އިން ޗީފް ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ "މި ކުރެވެނީ އެމެރިކާ އާއި މުޅި ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވާނެ ދިގު ހަނގުރާމައެއް ކުރަންޖެހިދާނެ ކަމާ މެދު" އެމެރިކާ އާއި އިޒްރޭލުން ވިސްނަން ޖެހޭނެ ކަމަށެވެ.