ކެނެޑާގެ ވެންކޫވަރަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް، އަށް ގަޑިއިރެއްހާއިރު ވައިގެ ތެރޭގައި ހޭދަކުރުމަށްފަހު، އިއްޔެ އެއްވެސް ތަނަކަށް ނުގޮސް އަނބުރާ ދިއްލީއަށް ޖައްސައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނެތް ބޯޓެއް އޮޅުމަކުން އެ ދަތުރުގައި ބޭނުންކުރެވުމުގެ ސަބަބުންނެވެ.
ފްލައިޓް އޭއައި185 ދިއްލީން އިއްޔެ ފުރީ ހެނދުނު 11:34 ގައެވެ. ނަމަވެސް އެއީ ކެނެޑާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނެތް މަރުކާއެއްގެ ބޯޓެއްކަން އެނގުނީ ހަތަރު ގަޑިއިރު ފަހުން، ޗައިނާގެ ކުންމިންގް ސަރަހައްދުގެ ވައިގެ ސަރަހައްދަށް ވަތް ފަހުންނެވެ.
މިކަން އެނގުމާ އެކު ބޯޓު އަނބުރާ ދިއްލީއަށް މިސްރާބުޖެހި އެވެ. ދަތުރަށް 7 ގަޑިއިރާއި 54 މިނެޓަށް ފަހު ޖެއްސީ ފުރި އެއާޕޯޓަށެވެ.
މި ދަތުރުގައި ބޭނުންކޮށްފައިވަނީ ބޮއިންގް 777-200LR މަރުކާގެ ބޯޓެކެވެ. ނަމަވެސް، އެއާ އިންޑިއާއަށް ކެނެޑާއަށް ދަތުރުކުރުމުގެ ހުއްދަ މިހާރު އޮތީ ހަމައެކަނި ބޮއިންގް 777-300ER މަރުކާގެ ބޯޓުފަހަރަށެވެ.
ގައުމުތަކުން އޭވިއޭޝަން ހުއްދަ ދިނުމުގައި އެކި ގޮތްގޮތަށް އަމަލުކުރެ އެވެ. އެއާލައިނަށް ނުވަތަ ވަކި މަރުކާއެއްގެ ބޯޓަކަށް ނުވަތަ ވަކި އެއާކްރާފްޓެއްގެ ވަކި ހާއްސަ ޓެއިލް ނަންބަރަކަށް ވެސް ހުއްދަ ދީފާނެ އެވެ.
އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ، ބޯޓު އަނބުރާ ގެނައީ "އޮޕަރޭޝަނަލް މައްސަލައަކާ" ގުޅިގެން ކަމަށާއި، އެ ނިންމުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ. "ބޯޓު ރައްކާތެރިކަމާ އެކު ޖެއްސުމަށްފަހު، ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ބޯޓުން ފައިބާފައި. މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށްޓަކައި އަޅުގަނޑުމެން މާފަށް އެދެން،" އެއާލައިނުން ބުނެފައިވެ އެވެ.
އެއާލައިނުން ބުނި ގޮތުގައި، ދިއްލީގައި ތިބި ގްރައުންޑް ޓީމުތަކުން ވަނީ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން، ހޮޓާ ހަމަޖެއްސުން ވެސް ހިމެނޭ ގޮތަށް ފޯރުކޮށްދީފަ އެވެ. އަދި ވީ އެންމެ އަވަހަކަށް ފަސިންޖަރުން ފުރުވާލަން މަސައްކަތްކޮށް ހުރިހާ ފަސިންޖަރުންނާއެކު މިއަދު ހެނދުނުގެ ފްލައިޓުން ވަނީ ކެނެޑާއަށް ގޮސް ކަމަށް ވެސް ބުންޏެވެ..
މި ހާދިސާގެ ސަބަބުން އެއާލައިނަށް ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ބޮއިންގް 777 މަރުކާގެ ބޯޓެއް ދުއްވާއިރު، އާންމުގޮތެއްގައި ގަޑިއަކު އަށް ޓަނާއި ނުވަ ޓަނާ ދެމެދުގެ އަދަދަކަށް ތެޔޮ އަނދަ އެވެ.