އެއާ އިންޑިއާގެ ފްލައިޓެއް ތައިލެންޑުގެ ޕުކެޓުން އިންޑިއާގެ ނިއު ދިއްލީއަށް ދަނިކޮށް މޫސުން ގޯސް ސަރަހައްދަކުން ކުއްލިއަކަށް 300 ފޫޓް ތިރިއަށް ވެއްޓި 14 މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އެއާ އިންޑިއާގެ ފްލައިޓް AI2379 ގަ އެވެ. މި ހާދިސާގައި 10 ފަސިންޖަރުންނާއި 4 ކްރޫއިންނަށް ވަނީ އަނިޔާވެފަ އެވެ.
މި ހާދިސާ ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ޓާބިއުލެންސެއްގައި، ބޯޓުގެ އުސްމިން ކުއްލިއަކަށް 300 ފޫޓަށް ދަށްވެގެންނެވެ.
ސީޓްބެލްޓް ނާޅާ ތިބި ބައެއް މީހުން ވަނީ މި ޓާބިއުލެންސާ އެކު ގޮނޑިން ވިއްސައިގެން ގޮސް ބޯޓުގެ ސީލިންގުގައި ބައެއް މީހުން ޖެހި އަނިޔާވި އެވެ. ނަމަވެސް މި ހާދިސާއަށްފަހު ޕައިލެޓުން ވަނީ ބޯޓު ކޮންޓްރޯލްގެ ދަށަށް ގެނެސް، ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް، ރައްކާތެރިކަމާ އެކު ޖައްސައިފަ އެވެ.
އަނިޔާވި މީހުންނަށް ވަނީ އެއާޕޯޓުގެ މެޑިކަލް ސެންޓަރުގައި އަވަސް ފަރުވާ ދީފަ އެވެ. އަދި އޭގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވި ބައެއް މީހުން ވަނީ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އާންމުކޮށް ރާޑަރަށް ނުފެންނަ، އަދި ސާފު އުޑުމަތީގައި އުފެދޭ "ކްލިއާ އެއާ ޓާބިއުލެންސް" ގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިންޑިއާގެ އޭވިއޭޝަން ކޮމިޝަން (ޑީޖީސީއޭ) އިން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.