މިދިޔަ އަހަރު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާ އަކީ ޕައިލެޓުގެ ސަބަބުން ހިނގި ހާދިސާއަކަށް ނުވެދާނެ ކަމަށާއި އެއީ ބޯޓުގެ ކަރަންޓުގެ މައްސަލައަކުން ހިނގި އެކްސިޑެންޓަކަށް ވެދާނެ ކަމަށް ބުނެ އިތުރަށް ތަހުގީގުކޮށްދިނުމަށް ޕައިލެޓުންގެ ޖަމިއްޔާއަކުން އޭވިއޭޝަން މިނިސްޓްރީގައި އެދެފި އެވެ.
މެންބަރުންގެ އަދަދު 5,000 އަށްވުރެ ގިނަ ފެޑެރޭޝަން އޮފް އިންޑިއަން ޕައިލެޓްސް (އެފްއައިޕީ) އިން މިކަމަށް އެދި ސިޓީ ފޮނުވާފައި މި ވަނީ ބޮއިންގް 787-8 ޑްރީމްލައިނާ ޖޫން 12، 2025 ގައި ވެއްޓި 260 މީހުން މަރުވި އެކްސިޑެންޓާ ގުޅޭގޮތުން ނެރުމަށް ހަމަޖެހިފައިވާ ފައިނަލް ރިޕޯޓުގެ ކުރިންނެވެ.
ބައިނަލްއަގުވާމީ ގާނޫނުތައް ލާޒިމްކުރާ ގޮތުގެ މަތިން، އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ވަނީ، ހުޅަނގު އިންޑިއާގެ އަހުމަދުއާބާދުން ފުރިތަނުން ބޯޓުގައި އަލިފާން ރޯވެ ގޮވި ހާދިސާއަށްފަހު، ޖުލައި 12 ގައި ވަގުތީ ރިޕޯޓެއް ނެރެފަ އެވެ.
އެ 15 ސަފްހާގެ ރިޕޯޓްގައި ބުނެފައިވަނީ، ބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، އިންޖީނުތަކަށް ތެޔޮ ދިއުން ހުއްޓިފައިވާ ކަމަށެވެ. މިކަން މިހެންވީ އިންޖީނުގެ ތެޔޮ ގަސްތުގައި ކަނޑާލުމުން ކަމެއް ނުވަތަ ދިމާވި އެހެން މައްސަލަޔަކުން ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ.
މެއި 1 ގައި ފޮނުވި އަދި އޭއެފްޕީއަށް ފެނިފައިވާ މި ސިޓީގައި އެފްއައިޕީން ވަނީ، އިތުރަށް ބަލަންޖެހޭ "ގަބޫލުކުރެވޭ ސަބަބެއް" ކަމަށް ބުނާ "ޓެކްނިކަލް ނޯޓް" އެއް ހިމަނައިފަ އެވެ.
އެ ސިޓީގައިވާ ގޮތުން، "ފްލައިޓް ނައްޓާލި ވަގުތު ދިމާވި ކަރަންޓުގެ މައްސަލައަކުން، ޕައިލެޓުންގެ ބާރަކާނުލައި ރިލޭއެއް މަސައްކަތްކޮށް، ދެ އިންޖީނުގެ ތެޔޮ ކެނޑުން" އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން "މީޑިއާ ރިޕޯޓުތަކުން އަދިވެސް ދަނީ ... ޕައިލެޓުންގެ ސަބަބުން ކަމަށް" ބުނެ ވާހަކަ ދައްކަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
"ނަމަވެސް، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)... ގެ ގަވާއިދު ބުނާ ގޮތުން، ޓެކްނިކަލް ގޮތުން ދިމާވެދާނެ ހުރިހާ ކަމެއް އެންމެ ފުރަތަމަ ބަލައި ނިންމަން ޖެހެއެވެ."
މި ރިޕޯޓުގެ ފައިނަލް ނަތީޖާ، އެކްސިޑެންޓް ހިނގިތާ އަހަރެއްގެ ތެރޭގައި، އަންނަ މަހު ނެރޭނެ ކަމަށް ބެލެވެ އެވެ.
"މިކަން ޓެސްޓުކުރެވޭ ހައިޕޮތިސިސްއެއްގެ ގޮތުގައި ބަލައި، ކަރަންޓުގެ ތަހުލީލުތައް ކުރުމަށް ހުށަހަޅަމެވެ... މި ތަހުލީލުތައް ނިމެންދެން ޓެކްނިކަލް މައްސަލަތައް ނެތް ކަމަކަށް ނުނިންމޭނެ އެވެ."