މިދިޔަ އަހަރު އެއާ އިންޑިއާގެ ބޮއިން 787 ޑްރީމްލައިނާގެ ބޯޓެއް ވެއްޓި 260 މީހުން މަރުވި ހާދިސާ ދިމާވީ ބޯޓުގެ ފިއުލް ކޮންޓްރޯލް ސްވިޗުގެ މައްސަލައަކުންކަން ތަހުގީގަށް ބެލެވިފައި ވަނިކޮށް އެ އެއާލައިންގެ އެހެން ބޯޓަކުން އެ މައްސަލަ ފާހަގަވެ އިންސްޕެކްޝަން ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން ފޮނުވާފައިވާ، އެއާ އިންޑިއާގެ އިންޓާނަލް މެމޯއެއް އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައިވާ ގޮތުން އެ އެއާލައިންގެ 787 ޑްރީމްލައިނާގެ އެއް ބޯޓު ވަނީ ފިއުލް ކޮންޓްރޯލް ސްވިޗުން މައްސަލަ ފެނިގެން ގްރައުންޑްކޮށްފަ އެވެ. އަދި އެ މަރުކާގެ 33 ބޯޓުގެ އިންސްޕެކްޝަން ވަނީ ފަށައިފަ އެވެ.
މި މައްސަލަ ފާހަގަވެ އިންސްޕެކްޝަން ފަށާފައި މި ވަނީ އިންޑިއާއިން ފުރިތަނާ ބޯޓު ވެއްޓި އެންމެ މީހަކު ފިޔަވައި އެންމެން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށް ދަނިކޮށެވެ.
އެއާ އިންޑިއާގެ ބޮއިން 787-8 ޑްރީމްލައިނާ މަތިންދާބޯޓު ގްރައުންޑް ކޮށްފައި ވަނީ އޭގެ ފިއުލް ކޮންޓްރޯލް ސްވިޗަށް މައްސަލައެއް ދިމާވެފައިވާ ކަމުގެ ރިޕޯޓެއް އެ ކުންފުނީގެ ޕައިލެޓެއްގެ ފަރާތުން ލިބުމުންނެވެ.
"މި މައްސަލަ ރިޕޯޓްކުރުމާ އެކު ... އިންޖިނިއަރުން ވަނީ ބޮއިންއަށް އަންގައި އިސްކަންދޭ ކަމެއްގެ ގޮތުގައި ބަލަން ފަށާފައި،" އިންޓާނަލް ނޯޓްގައި ބުނެފައިވެ އެވެ.
ބޮއިން ކުންފުނިން އޭއެފްޕީއަށް ދިން ބަޔާނެއްގައި ބުނީ އެއާ އިންޑިއާއާ ގުޅިގެން މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެއާ އިންޑިއާގެ މައި ކުންފުނި ކަމަށްވާ ޓާޓާ ގްރޫޕުން އޭއެފްޕީއަށް ބުނި ގޮތުގައި ހުރިހާ ބޯޓެއްގެ ފިއުލް ސްވިޗް އިންޕެކްޓުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަމުގެ މައުލޫމާތު އެނގޭ މީހަކު އޭއެފްޕީއަށް ބުނި ގޮތުގައި ފްލީޓްގެ ގިނަ ބޯޓުތައް މިހާރު އިންސްޕެކްޓްކޮށް ނިމިފައި ވާއިރު މާބޮޑު މައްސަލައެއް ފާހަގަވެފައެއް ނުވެ އެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން ކުރިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އަހްމަދުއާބާދުގެ އެއާޕޯޓުން ލަންޑަނަށް ދާން ފުރިތާ ހިނދުކޮޅެއްގެ ތެރޭ ވެއްޓުނު ބޯޓުގެ ފިއުލް ސްވިޗް "ރަން" އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވެ އެވެ. މިއީ މަަތިންދާބޯޓު ވެއްޓުނު ސަބަބު ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ފިއުލް ސްވިޗް އޯފް ކޮށްލުމުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އެކަމަކު އޭނާ އެހެން ނުހަދާ ކަމަށް ބުނެ އަނެއް ޕައިލެޓް ޖަވާބު ދިންކަން ވެސް ރިޕޯޓުން ހާމަވެ އެވެ. އެކަމަކު އެއީ ގަސްދުގައި ސްވިޗް ބަދަލުކުރީ ކަމެއް ނުވަތަ މައްސަލައެއްގެ ސަބަބުން އަމިއްލަ ޒާތުގައި ވީ ގޮތެއް ކަމެއް ނޭނގެ އެވެ.
"ކޮކްޕިޓް ވޮއިސް ރެކޯޑިންގައި އެއް ޕައިލެޓަކު އަނެއް ޕައިލެޓް ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރާ އަޑު އިވެ އެވެ. އެ ޕައިލެޓް ޖަވާބު ދީފައިވަނީ އޭނާ އެކަން ނުކުރާ ކަމަށެވެ." ރިޕޯޓްގައި ބުނެފައިވެ އެވެ.
ރިޕޯޓްގައިވަނީ އޭގެ ފަހުން ބޯޓު ތިރިވާން ފެށި ކަމަށާއި އެއާ އެކު ފިއުލް ސްވިޗް އަނެއްކާވެސް "ރަން" އަށް ބަދަލުވި ކަމަށާއި ދެން ބޯޓުގެ ސްޕީޑް މަތިވާން ފެށި ނަމަވެސް އެއް ޕައިލެޓަކު "މޭޑޭ މޭޑޭ މޭޑޭ" ގޮވައި، ކަމެއް ގޯސްވެގެން އުޅޭކަން އެއާޓްރެފިކް ކޮންޓްރޯލަށް އެންގި ކަމަށެވެ.
އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ވީ ކިހިނެއްތޯ އަހާފައި ކަމަށާއި އެކަމަކު ހަމަ އެ ވަގުތު ބޯޓު ވެއްޓުނީ ކަމަށް ރިޕޯޓްގައިވެ އެވެ.