އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް 22 ގައުމަކުން މިއަދު ބުނެފި އެވެ. 

ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ޔޫއޭއީ އާއި ބަހްރައިން ހިމެނޭހެން 22 ގައުމަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، ގަލްފް ސަރަހައްދުގައި ދަތުރުކުރާ އާންމު މުދާ އުފުލާ ބޯޓުފަހަރަށާއި، ތެލާއި ގޭހުގެ ވަސީލަތްތަކަށް އީރާނުން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އީރާނުގެ އަސްކަރިއްޔާއިން ހޮރްމޫޒް ކަނޑޯޅި ބަންދުކޮށްފައި އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެ ސް އެ ގައުމުތަކުން ބުނެފައިވެއެވެ.

"ހޮރްމޫޒް ކަނޑޯޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ކުރެވޭ އެކަށީގެންވާ މަސައްކަތްތަކުގައި ބައިވެރިވުމަށް މި ތިބީ ތައްޔާރަށް،" އެ ބަޔާނުގައިވެ އެވެ.

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާއެ ކު، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން، އަވަށްޓެރި ގައުމުތަކަށާއި ކަނޑޯޅިން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާދޭން ފަށައިފަ އެވެ.

ކޭޕްލާ އެނަލިޓިކްސް ފާމުން ބުނެފައިވާ ގޮތުގައި، މި މަހުގެ 1 އިން 19 އަށް އެ ކަނޑޯޅި ހުރަސްކޮށްފައިވަނީ އެންމެ 116 ބޯޓެވެ. މިއީ އާންމު ހާލަތްތަކާ އަޅާބަލާއިރު 95 ޕަސެންޓުގެ ދަށްވުމެކެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ 20 ޕަސެންޓް ސަޕްލައިކުރާ މި މަގު ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެހެންވެ، އާންމު ވަސީލަތްތަކަށް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް އެ ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ. -- އޭއެފްޕީ