ދުނިޔޭގެ ތެލުގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑޯޅިން ޖަޕާނުގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަމަށާއި އެ ކަނޑޯޅި ބަންދީ ހަމައެކަނި ދުޝްމަނު ގައުމުތަކަށް އެކަނި ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އަރަޣްޗީ މިހެން ވިދާޅުވީ 'ކިޔޯޑޯ ނިއުސް' އިން އިއްޔެ ޝާއިއުކުރި އޭނާގެ އިންޓަވިއުއެއްގަ އެވެ. 

ޖަޕާނަކީ މެދުއިރުމަތީގެ ސާފުނުކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. މީގެ ތެރެއިން ގިނަ ތެޔޮ އުފުލަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމަށް އެ ގައުމުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑޯޅިންނެވެ. އެ މަގު ބަންދުވެފައި އޮންނާތީ ގައުމުތަކުން ގެންދަނީ  އެހެން ގޮތްގޮތުން ތެޔޮ ސަޕްލައިކުރެވޭނެ މަގުތައް ހޯދަމުންނެވެ. 

ހުކުރު ދުވަހު ފޯނުން ދެއްވާފައިވާ އިންޓަވިއުގައި އަރަޣްޗީ ވިދާޅުވެފައިވަނީ ހޮރްމޫޒް ކަނޑޯޅި ބަންދުކޮށްފައިވާ ކަމަށް ބުނާ ވާހަކަ އީރާނުން ގަބޫލު ނުކުރާ ކަމަށެވެ.  އޭނާ ވިދާޅުވީ  ހުރަސްތަކާ ކުރިމަތިލާން ޖެހޭނީ އީރާނަށް ހަމަލާދޭ ގައުމުތަކަށް ކަމަށާއި، އެހެން ގައުމުތަކުގެ އުޅަނދުތައް އެ މަގުން ދަތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"އަހަރެމެން މި ކަނޑޯޅި ބަންދެއް ނުކުރަން. އަހަރެމެންގެ ނަޒަރުގައި ކަނޑޯޅި އޮތީ ހުޅުވިފައި،" އަރަޣްޗީގެ ޓެލެގްރާމް ޗެނަލްގައި ޝާއިއުކޮށްފައިވާ އިންޓަވިއުގެ ފާރިސީ ޓްރާންސްކްރިޕްޓެއްގައި ބުނެފައިވެ އެވެ.

"އެތަން ބަންދުކޮށްފައިވަނީ ހަމައެކަނި އަހަރެމެންގެ ދުޝްމަނުންގެ އުޅަނދުފަހަރަށް— އެއީ އަހަރެމެންނަށް ހަމަލާދޭ ގައުމުތަކަށް. އެހެން ގައުމުތަކުގެ އުޅަނދުފަހަރަށް އެތަނުން ދަތުރުކުރެވޭނެ."

އޭނާ ވިދާޅުވީ ޖަޕާނުގެ އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެކަން ކަށަވަރުކޮށްދޭން އީރާނުން އޮތީ ތައްޔާރަށް ކަމަށެވެ.

"މި ދަތުރުތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޖަޕާނުން އަހަރެމެންނާ ގުޅަންވީ،" އަރަޣްޗީ ވިދާޅުވި އެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަޕާނަކީ، ފަސްވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމެވެ. އެ ގައުމަށް ބޭނުންވާ ތެލުގެ 95 ޕަސެންޓް އަންނަނީ މެދުއިރުމަތިންނެވެ. އަދި އޭގެ ތެރެއިން 70 ޕަސެންޓް އުފުލަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ތެޔޮ ރައްކާކޮށް ރިޒާވްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެ ޖަޕާނުން ވަނީ އެ ގައުމުގެ ސްޓްރެޓީޖިކް ރިޒާވުން ތެޔޮ ބޭނުންކުރަން ފަށާފައިވާ ކަމަށް ހޯމަ ދުވަހު ބުނެފަ އެވެ. ޖަޕާނުގައި، 254 ދުވަހު ބޭނުންކުރެވޭ ވަރަށް ތެޔޮ ރައްކާކޮށްފައި ހުރެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ މެންބަރުން ވަނީ ރައްކާކޮށްފައި ހުރި ތެޔޮ ބޭނުންކުރުމަށް މި މަހު 11 ގައި އެއްބަސްވެފަ އެވެ. މިއީ ތާރީޚުގައި ވެސް މިފަދަ އެންމެ ބޮޑު ނިންމުމެވެ.