އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ހޮރްމުޒް ކަނޑޯޅި ބަންދުކޮށް ތެލުގެ ސަޕްލައިއަށް ތާށިކޮށްފައި ވާއިރު އުޅަނދުތަކަށް ހަމަލާދޭން މައިނު އެޅުމުގެ މަސައްކަތް ވެސް ކުރާ ކަމަށް ބުނެ އެމެރިކާއިން އީރާނުގެ 16 ބޯޓެއް ގޮއްވާލައިފި އެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އާންމުކުރި ވީޑިއޯއަކާ އެކު ބުނެފައިވަނީ އަންގާރަ ދުވަހު އީރާންގެ ވަރަށް ގިނަ ކަނޑު އުޅަނދުތައް ނައްތާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހޮރްމުޒް ކަނޑޯޅިއަށް މައިނު އަޅަން ބޭނުންކުރާ 16 ބޯޓު ވެސް ހިމެނޭ ކަމަށެވެ. 

ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 ޕަސެންޓް ސަޕްލައިކުރުމުގައި ބޭނުންކުރާ ހޮރްމޫޒް ކަނޑޯޅިއަށް އީރާނާ ދެކޮޅު ފިކުރުގެ އެއްވެސް ގައުމެއްގެ އުޅަނދެއް ވަދެފި ނަމަ ނުރައްކާކުރާނެ ކަމުގެ އިންޒާރު އީރާންގެ ސިފައިން ވަނީ ދީފަ އެވެ. މިކަމުގެ ސަބަބުން ހަކަތައިގެ އަގުތައް އިތުރަށް ބޮޑުވާން މެދުވެރިވެފައި ވާއިރު އެމެރިކާއިން ވަނީ ތެޔޮ ޓޭންކަރުތައް އެސްކޯޓްކޮށްދޭން ފަށާނެ ކަމަށް ވެސް ބުނެފަ އެވެ. 

ސެންޓްކޮމްގެ އެހެން ވީޑިއޯއަކާ އެކު ބުނީ އީރާނުން ބައިނަލްއަގުވާމީ ޝިޕިންއަށް ގޯނާކޮށް އެމެރިކާ އާއި ސަރަހައްދާއި މުޅި ދުނިޔޭގެ ދަތުރުފަތުރަށް ނުރައްކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އެހެންވެ އީރާންގެ ކަނޑުގެ ސިފައިންގެ ބާރުތައް ކުޑަކުރުމަށް ހަމަލާ ދެމުންދާ ކަމަށް ބުނެ ކަނޑު އުޅަނދުތަކަށް ހަމަލާދޭތަން ވަނީ ދައްކާފަ އެވެ. 

މި ހަމަލާތައް ދިންކަން ހާމަކުރުމުގެ ކުރިން އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ ސީއެންއެން އިން ވަނީ އީރާނުން ހޮރްމުޒް ކަނޑޯޅިއަށް މައިން އަޅަން  ފަށާފައިވާ ކަމަށް ބުނެފަ އެވެ. 

މާ ގިނަ މައިނެއް އަދި ނާޅާ ކަމަށާއި އެކަމަކު މިދިޔަ ދެތިން ދުވަހު މައިންތަކެއް އަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އީރާންގެ ކަނޑުގެ ސިފައިންގެ އެތައް އުޅަނދެއް އެމެރިކާއިން ހަމަލާދީ ހަލާކުކޮށްލާފައި ވާއިރު އަދިވެސް ކުދި ބޯޓުތަކުގެ 80-90 ޕަސެންޓް އެބަހުރި ކަމަށާއި އެހެންވެ އެ އުޅަނދުތައް ބޭނުންކޮށްގެން ކަނޑަށް އެތައް ސަތޭކަ މައިނެއް އެޅިދާނެ ކަމަށް ވެސް ސީއެންއެން އިން ކަމުގެ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ބުނެފައިވެ އެވެ. 

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުވާލަކު 15 މިލިއަން ފީފާގެ، ސާފު ނުކުރާ ތެޔޮ އަދި 4.5 މިލިއަން ފީފާގެ ސާފުކުރި ތެޔޮ މިހާރު ގަލްފުގައި ތާށިވެ އެވެ. އިރާގާއި ކުވައިތު ފަދަ ގައުމުތަކަށް ހޮރްމުޒް ކަނޑޯޅި ބޭނުންކޮށްގެން ނޫން ގޮތަކަށް ތެޔޮ ފޮނުވޭނެ އެއްވެސް ގޮތެއް ނޯވެ އެވެ.