އެމެރިކާގެ އަސްކަރިއްޔާއިން މިއަދު ވަނީ އީރާންގެ ހަ ބޯޓެއް ފައްތާލައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި އާގު ބޯޓުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލާއި ޑްރޯންތަކެއް ވެސް ވައްޓާލާފައި ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ އިސް އެޑްމިރަލް އަކު ވިދާޅުވެއްޖެ އެވެ.
"ވިޔަފާރި އުޅަނދުތަކަށް ނުރައްކާ ކުރަމުންދިޔަ އީރާނުގެ ކުދި ހަ އުޅަނދަކަށް އެމެރިކާގެ އަޕާޗޭ އަދި ސީހޯކް ހެލިކޮޕްޓަރުތަކުން ވަނީ ހަމަލާދީފައި،" "އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ، އެޑްމިރަލް ބްރެޑް ކޫޕާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ ސިފައިންނާއި އާންމު އުޅަނދުތަކަށް އަމާޒުކޮށް އީރާނުން ފޮނުވި ހުރިހާ މިސައިލަކާއި ޑްރޯންތަކެއް ވެސް ކާމިޔާބުކަމާ އެކު ވައްޓާލާފައިވާ ކަމަށެވެ.
އެމެރިކާއިން މިހެން ބުނެފައި މި ވަނީ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުތައް ގެންދަން އެމެރިކާ ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައި އެ ކަނޑުއޮޅިއަށް ވަންނަން ދިޔަ އެމެރިކާގެ މަނަވަރަކަށް ދެ މިސައިލުން ހަމަލާދީ ފަހަތަށް ޖައްސާފައިވާ ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ.
އީރާނުން އެމެރިކާގެ މަނަވަރަކަށް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އަކީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށް އެމެރިކާއިން ބުނެފައި ވާއިރު އީރާނުން ވެސް ވަނީ އެމެރިކާއިން އީރާންގެ ހަ އުޅަނދެއް ފައްތާލި ވާހަކަ އަކީ ދޮގެއް ކަމަށް ބުނެފަ އެވެ.
މި ވާހަކަތަކަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އީރާންގެ ހަމަލާއަކުން އެމެރިކާގެ އެއްވެސް އުޅަނދަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ދެކުނު ކޮރެއާގެ ބޯޓަކަށް ގެއްލުންވި ކަމަށް ވިދާޅުވި އެވެ.
އަނެއްކޮޅުން އިޒްރޭލުން ވަނީ އެމެރިކާއިން އީރާންގެ ބޯޓުތަކެއް ފައްތާލި ކަމަށް ބުނާތީ އެކަމާ ގުޅިގެން އީރާނުން ރައްދުގައި ހަމަލާ ދީފާނެ ކަމަށް ތައްޔާރުވެ ތިބި ކަމަށް ބުނެފަ އެވެ.