އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކާ އެކު ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިފައި ވަނިކޮށް ރަޝިޔާއިން ޔޫރަޕަށް ތެލާއި ގޭސް ސަޕްލައިކޮށްދޭން ތައްޔާރު ކަމަށް އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ. 

ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލާގައި ރަޝިޔާގެ ހަކަތައިގެ ބާވަތްތައް ވިއްކުމަށް ހުރަސްއަޅައި ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އާއި ޔޫރަޕުން ވަނީ އަޅައިފަ އެވެ. 

"ޔޫރަޕްގެ ކުންފުނިތަކާއި ޔޫރަޕްގެ ވިޔަފާރިވެރިންގެ ވިސްނުން ވަގުތުން ބަދަލުކޮށް، ސިޔާސީ ފިއްތުންތަކުން އެއްކިބާވެ، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި މިކަން ކުރަން ބޭނުން ނަމަ މި ތިބީ ކުރިއަށްދާ ގޮތަށް. މިއީ ރަޝިޔާއިން  ދުވަހަކު ވެސް އިންކާރުކުރާ ކަމެއް ނުން،" ޓީވީން ދެއްކި ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ޔޫރަޕާ  އެކު މަސައްކަތް ކުރަން ތައްޔާރަށް. އެކަމަކު އެ މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ބޭނުންވާ ސިގްނަލްތައް ލިބެންޖެހޭނެ، އެ މީހުން އަޅުގަނޑުމެންނާ އެކު ދެމެހެއްޓިވި ގޮތެއްގައި އަދި ދިގު މުއްދަތަކަށް މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔުނިއަން އިން 2022 ވަނަ އަހަރު ރަޝިޔާގެ ސާފުނުކުރާ ތެޔޮ ކަނޑުމަގުން ޔޫރަޕަށް އެތެރެކުރުން މަަނާކޮށްފަ އެވެ. އަދި ޔުކްރެއިން ހުރަސްކޮށް ހަންގޭރީ އާއި ސްލޮވާކިއާއަށް އަޅާފައިވާ ތެޔޮ ހޮޅިއަށް ލިބުނު ގެއްލުންތަކާ އެކު މިދިޔަ ޖެނުއަރީން ފެށިގެން ވަނީ އެ ސަޕްލައި ވެސް އެއްކޮށް ހުއްޓާލައިފަ އެވެ. 

ޕުޓިން މިހެން ވިދާޅުވެފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް އުފުލިގެން ދާތީ، ރަޝިޔާގެ ހަކަތައިގެ ބާވަތްތަކާ ދެކޮޅާށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ސަސްޕެންޑްކުރުމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަ އޯބަން ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލައްވާފައި ވަނިކޮށެވެ. އަދި ޕުޓިންގެ ވާހަކައަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ހަނގުރާމައާ ގުޅިގެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ހަނގުރާމައާ ހެދި ތެލުގެ އަގު ބޮޑުވެ މުޅި ދުނިޔެއަށް ހާސްކަން ލިބިފައި ވިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވަނީ މިއީ ވަގުތީ އުފުލުމެއް ކަމަށާއި އީރާނަށް ދޭ ހަމަލާތައް ނިމުމާ އެކު ކުއްލިއަކަށް އަގުތައް ދަށަށް ދާނެ ކަމަށެވެ. އަދި މިއީ އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލުމަށްޓަކައި އަދާކުރަންޖެހޭ ކުޑަ އަގެއް ކަމަށް ވިދާޅުވެ ހަނގުރާމަ ދިފާއުކުރައްވައި ވަނީ ވާހަކަ ދައްކަވައިފަ އެވެ. 

ރަޝިޔާގެ ތެޔޮ އިންޑިއާއަށް ގަންނާތީ އެއީ ޔުކްރެއިނާ ދެކޮޅަށް ދޭ ހަމަލާތަކަށް އިންޑިއާއިން އެހީވުން ކަމަށް ބުނެ އެ ގައުމުގެ މުދަލުން ޓެރިފް ބޮޑުކުރި އެމެރިކާއިން ވަނީ އީރާން ހަނގުރާމަ ފެށުމާ އެކު ރަޝިޔާގެ ތެޔޮ އިންޑިއާއަށް ގަތުމަށް 30 ދުވަހުގެ ވަގުތީ "ހުއްދައެއް" ދީފަ އެވެ. 

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ 30 ދުވަހުގެ މި ލުޔަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި ހުއްޓުމެއް ނެތި ދައުރުވާނެ ގޮތް ހެދުމަށް އެޅި ކުރު މުއްދަތުގެ ފިޔަވަޅެއް ކަމަށެވެ.

 މިދިޔަ މަހުގެ 28 ގައި އީރާނަށް ހަމަލާދޭން ފެށުމާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ވަނީ ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 ޕަސެންޓް ބޭރުކުރާ ހޮރްމޫޒް ކަނޑޯޅި ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފަ އެވެ. އެއާ އެކު ގޭހާއި ތެލުގެ އެތައް މިލިއަން ފީފާއެއް ވަނީ ގައުމުތަކަށް ނުގެންދެވި ތާށިވެފަ އެވެ. އަދި އީރާންގެ ހަމަލާތައް އަމާޒުވާތީ އާއި ސަޕްލައި ދަށްވުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުން ގެންދަނީ ތެލުގެ ސަޕްލައި ދަށްކުރަމުންނެވެ.