މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ކުށް ސާބިތުވި ހަތް މީހަކަށް ސައުދީ އަރަބިއްޔާއިން މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި، ސައޫދީގެ ފަސް މީހަކާއި އުރުދުންގެ ދެ މީހެއްގެ މައްޗަށް ވަނީ އެ ގައުމަށް އެމްފެޓަމިން ގުޅަ އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ކުށް ސާބިތުވެފަ އެވެ.
"މި ކުށް ކުރި މީހުންނަށް ތައުޒީރީ އަދަބެއްގެ ގޮތުން ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި،" އެ އެޖެންސީން ބުނެފައިވެ އެވެ.
މި ހުކުމް ތަންފީޒުކޮށްފައިވަނީ މިއަދު، ވެރިރަށް ރިޔާޟްގަ އެވެ.
ރަސްމީ ތަފާސްހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އެއްކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރު ފެށުނު ފަހުން ސައޫދީން މިހާތަނަށް 61 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާއިރު، އޭގެ ތެރެއިން 38 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވި މީހުންނެވެ.
މި އަހަރު މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި ގިނައީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެއީ 33 އެވެ.
ސައުދީގައި މިދިޔަ އަހަރު މަރުގެ އަދަބު ދިން މީހުންގެ އަދަދު ވަނީ ވިދިވިދިގެން ދެވަނަ އަހަރަށް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އެ އަހަރު 356 މީހަކު މަރާލާފައި ވާއިރު، އޭގެ ތެރެއިން 243 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިން މީހުންނެވެ.
ސައޫދީގައި މިދިޔަ އަހަރު މަރުގެ އަދަބު ދިން މީހުންގެ އަދަދަކީ، 1990 ވަނަ އަހަރު އެމްނެސްޓީ އިންޓަނޭޝަނަލް އިން އެ ގައުމުގެ މަރުގެ ހުކުމްތަކުގެ ރެކޯޑް ބަލަހައްޓަން ފެށި ފަހުން އެއް އަހަރު ތެރޭގައި އެންމެ ގިނަ މީހުން މެރި އަހަރެވެ.
މީގެ ކުރީގެ ރެކޯޑަކީ 2024 ވަނަ އަހަރު 338 އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުން ގާތްގަނޑަކަށް ތިން އަހަރަށް މެދުކަނޑާލުމަށްފަހު، ސައުދީން އަލުން އެ ހުކުމް ތަންފީޒުކުރަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
އަރަބި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ސައުދީ އަކީ 'ކެޕްޓަގަން' ބޭނުންކުރާ އެންމެ ބޮޑު އެއް މާކެޓެވެ. އދ. އިން ބުނާ ގޮތުގައި މިއީ ސީރިއާގެ ކުރީގެ ލީޑަރު ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެ ގައުމުން އެންމެ ގިނައިން ބޭރުކުރި ވަގު މަސްތުވާތަކެތީގެ ބާވަތެކެވެ.
މަރުގެ އަދަބު ދިނުމާ ގުޅިގެން ސައުދީއަށް ދަނީ ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. -- އޭއެފްޕީ