އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ހަނދުގެ ވަށައިގެން ކުރިން ދަތުރަށް ފަހު މިއީ ހަނދަށް އިންސާނުން ދިޔަކަމާ މެދު ސުވާލު އުފައްދާ މީހުންގެ އަޑު ގަދަ ދުވަސްވަރެކެވެ. ހަނދަށް އަދި ހަނދުގެ ކައިރިއަށް ދިޔަ ދިއުން ވެސް، ކުޅެފައިވާ ފިލްމެއް ކަމަށް ގަބޫލުކުރާ މީހުން އެ މީހުންގެ ގޮތުގައި ތިއްބާ އިންޑިއާއިން ވަނީ ނާސާ އިން ހަނދަށް ފުރަތަމަ ތިރިކުރި ދެ އުޅަނދުގެ ފޮޓޯ ނަގައިފަ އެވެ.
އިންސާނުން ފުރަތަމަ ހަނދަށް ދިޔަތާ 50 އަހަރަށްވުރެ ވުރެ ފަހުން، އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) އިން ހަނދުގެ ދިރާސާތަކަށް ފޮނުވި "ޗަންދުރަޔާން 2" އިން ނެގި ފޮޓޯތަކުން، ހަނދަން އިންސާނުން ދިޔަ ފުރަތަމަ ދެ ދަތުރުގައި ބޭނުންކުރި އެޕޯލޯ 11 އަދި އެޕޯލޯ 12 މިޝަންގެ ލޫނާ ރޯވިން ވެހިކަލްސް (އެލްއާރްވީ) ހުރި ތަންތަން ވަރަށް ސާފުކޮށް ފޮޓޯ ނަގާފައިވެ އެވެ.
އެލްއާރްވީ އަކީ ހަނދުން އެނބުރި ބިމަށް އަންނައިރު ދޫކޮށްލާ ގޮތަށް ހަދާފައި އޮންނަ ބައެކެވެ. ބިމަށް އެނބުރި އަންނަނީ ކޯނެއްގެ ބައްޓަމަށް އޮންނަ ކޮމާންޑް މޮޑިއުލްގަ އެވެ.
މި ފޮޓޯތަކަކީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ޗަންދުރަޔާން 2 އިން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތައް މިދިޔަ އަހަރު ސޯޝަލް މީޑިއާގައި އަލުން ހިއްސާކޮށްފައިވަނީ ޖައްވީ ހޯދުންތަކާ ބެހޭ މައުލޫމާތު ފަތުރާ "ކިއުރިއޮސިޓީ" ޕޭޖުންނެވެ. އެ ޕޭޖުން ވަނީ މި ފޮޓޯތަކަކީ ހަނދަށް އިންސާނުން ދިޔަ ކަމަށް ގަބޫލުނުކުރާ މީހުންނަށް ދެވޭ ރައްދެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޖުލައި 20، 1969 ގައި ކުރި އެޕޯލޯ 11 މިޝަނަކީ އިންސާނުން ފުރަތަމަ ހަނދަށް ދިޔަ ދަތުރެވެ. މި ދަތުރުގައި ނީލް އާމްސްޓްރޯންގް އަދި ބަޒް އެލްޑްރިން ވަނީ ހަނދުގެ ސަތަހައިގައި ހިނގައިފަ އެވެ. މިޝަންގެ ތިންވަނަ އެސްޓްރޮނޯޓް މައިކަލް ކޮލިންސް ހުރީ ހަނދުގެ ވަށައިގެން ދަތުރުކުރަމުންދިޔަ ކޮމާންޑް މޮޑިއުލްގަ އެވެ.
އީގަލްގެ ނަން ދީފައިވާ ލޫނާ މޮޑިއުލް ހަނދުގެ އޯބިޓްގެ ތެރެއަށް ދޫކޮށްލުމަށް ފަހު، އޭގެ އެއް ދުވަސް ފަހުން، ކޮލިންސް އިން ކޮމާންޑް މޮޑިއުލްއާ ބައްދަލުވުމުން ހަނދުގެ ބިމުގައި ޖެއްސި އެވެ.
އޭގެ ފަހުން ނޮވެމްބަރު 19، 1969 ގައި ކުރި އެޕޯލޯ 12 މިޝަނަކީ އިންސާނުން ހަނދަށް ކުރި ދެވަނަ ދަތުރެވެ. މި ދަތުރުގައި ޗާލްސް "ޕީޓް" ކޮންރަޑް އަދި އެލަން ބީން ވަނީ ހަނދަށް ފައިބައިފަ އެވެ.
ނާސާގެ އެޕޯލޯ ޕްރޮގްރާމް 1972 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ކުރިއަށް ދިޔަ އެވެ. ހަނދުގައި އެންމެ ފަހުން ހިނގި މީހަކީ ޔޫޖީން ސާނަން އެވެ.
އިންޑިއާގެ ޗަންދުރަޔާން-2 މިޝަން އުދުއްސާލީ ޖުލައި 22، 2019 ގަ އެވެ. އެއީ އެޕޯލޯ 11 މިޝަނަށް ބަރާބަރު 50 އަހަރު ފުރުނު ދުވަހެވެ. އަދި އެއީ 1969 ގެ ލޫނާ ލޭންޑާތަކުގެ ފޮޓޯ އެ އުޅަނދަށް ނެގުނުތާ ދެ އަހަރު ކުރި އެވެ.
އިންޑިއާއިން 2024 ވަނަ އަހަރު ޗަންދުރަޔާން-3 ވެސް އުދުއްސާލި އެވެ. މިއީ ހަނދުގެ ދެކުނު ތަނޑިއަށް ކާމިޔާބުކަމާ އެކު އުޅަނދެއް ޖެއްސި ފުރަތަމަ މިޝަނެވެ.