މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި އިޒްރޭލާއި ލުބުނާނުން ސީދާ މަޝްވަރާތައް ފަށަން އެއްބަސްވެއްޖެ އެވެ.
ހަ ހަފުތާއަށް ވުރެ ގިނަ ދުވަސްވީ ހަނގުރާމައަށް ފަހު، ސަރަހައްދީ މަސްލަހަތު ފިނިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އީރާނާ އެކު ވެސް މި ހަފުތާގެ ތެރޭގައި ސުލްހައިގެ ވާހަކަތައް އަލުން ފެށޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލާއި ލުބްނާންގެ ތާރީހީ ބައްދަލުވުން
ވޮޝިންޓަންގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މެދުވެރިއަކަށް ހުންނަވައިގެން ކުރިއަށް ގެންދަވާ މި ބައްދަލުވުމަކީ 1993 ވަނަ އަހަރަށް ފަހު ދެ ގައުމުގެ މެދުގައި ބާއްވާ އެންމެ މަތީ ފަންތީގެ ފުރަތަމަ ސީދާ މަޝްވަރާތަކެވެ. ރަސްމީކޮށް ހަނގުރާމައިގެ ހާލަތެއްގައި ތިބި ދެ ބައެއްގެ ސަފީރުން އެއް މޭޒެއްގެ ދޮށަށް އައުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ރޫބިއޯ ވިދާޅުވީ މިއީ "ތާރީހީ ފުރުސަތެއް" ކަމަށާއި، ދާހިލީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަހު މިއީ އުންމީދީ ފެށުމެއް ކަމަށެވެ. ލުބުނާނުގެ ރައީސް ޖޯސެފް އައޫން ވިދާޅުވީ މި މަޝްވަރާތަކަކީ އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް ނިމުމެއް އައުމުގެ ފެށުން ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް، މި މަޝްވަރާތަކާ ދެކޮޅަށް ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ބައްދަލުވުން ފެށުނު ވަގުތާ ދިމާކޮށް އިޒްރޭލުގެ އުތުރުގެ 12 އަށް ވުރެ ގިނަ އަވަށަށް ހިޒްބުالله އިން ވަނީ ރޮކެޓް ހަމަލާދީފަ އެވެ. އިޒްރޭލުގެ ސަފީރު ޔެހީލް ލައިޓާ ބުނީ ހިޒްބުاللهގެ ކިބައިން ލުބްނާން ސަލާމަތްކުރުމަކީ އަމާޒެއް ކަމަށެވެ.
އީރާންގެ ބަނދަރުތައް ބަންދު، އެކަމަކު މަޝްވަރާގެ ދޮރު ހުޅުވިފައި
ސުލްހައިގެ ވާހަކަތައް ދެކެވުނު ނަމަވެސް، ޓްރަމްޕް ވަނީ އީރާނަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކޮށްފަ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ކަނޑުގެ މަގުން އީރާނަށް ވަދެ ނުކުންނަ ހުރިހާ އިގްތިސާދީ މުދަލެއް މިހާރު ވަނީ އެއްކޮށް ހުއްޓުވައިފަ އެވެ. މި ބްލޮކޭޑާ ގުޅިގެން އީރާނުން ބުނެފައި ވަނީ މިއީ "ކަނޑުފޭރުމުގެ އަމަލެއް" ކަމަށާއި މިކަމުގެ ބަދަލު ހިފާނެ ކަމަށެވެ.
މި ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް، ޓްރަމްޕް ވިދާޅުވީ އީރާނުގެ އޮފިޝަލުން އޭނާއަށް ގުޅުއްވައި ސުލްހައިގެ އެއްބަސްވުމަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޕާކިސްތާނުގައި އީރާނާ އެކު އާ ބުރެއްގެ މަޝްވަރާތައް ފެށޭނެ ކަމަށް ބެލެވެ އެވެ.
"އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދީފި ނަމަ، އެ ގައުމަކީ މުއްސަނދި ގައުމަކަށް ހެދުމަށް އެމެރިކާއިން އެހީވާނެ. މިއީ ރައީސް ޓްރަމްޕް ހުށަހަޅުއްވާ 'ގްރޭންޑް ބާގެއިން' އަކީ،" ޓްރަމްޕްގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި އެވެ.
ތެލުގެ އަގާއި ބައިނަލްއަގުވާމީ އިޖާބަ
މި ހަބަރުތަކާ އެކު ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ދިރުމެއް އައިސްފަ އެވެ. ހަނގުރާމަ ނިމި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވޭނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގުތައް ވަނީ ތިރިވާން ފަށައިފަ އެވެ. ބްރެންޓް ކުރޫޑް ފީފާއެއް މިހާރު ހުރީ 94.79 ޑޮލަރުގަ އެވެ.
އީރާނުގެ ނިއުކްލިއާ މައްސަލައިގައި ދެ ގައުމުގެ މެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެމެރިކާއިން އީރާނުގެ ޔުރޭނިއަމް ފައްކާކުރުން 20 އަހަރަށް ހުއްޓާލަން އެދޭ އިރު، އީރާނުން ހުށަހަޅަނީ ފަސް އަހަރުގެ މުއްދަތެކެވެ.
މި ދަނޑިވަޅުގައި ރަޝިއާ އާއި ޗައިނާއިން ވެސް ދަނީ މެދުއިރުމަތީގެ މަސްލަހަތު ފިނިކުރުމަށް މަޝްވަރާ ކުރަމުންނެވެ. ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލާވްރޯވް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި، އީރާނުގެ ނިއުކްލިއާ މާއްދާތައް ރަޝިއާގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ހުށަހަޅައިފަ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މި މައްސަލައަށް އޮތީ އަސްކަރީ ހައްލެއް ނޫން ކަމަށާއި، ދެމެހެއްޓެނިވި ސުލްހައަކަށް ބޭނުންވަނީ ދެ ފަރާތުގެ އިހުލާސްތެރި ސިޔާސީ ނިންމުންތަކެއް ކަމަށެވެ.