އެމެރިކާގެ ސެކްރެޓަރީ އޮފް ދަ ނޭވީ ޖޯން ފީލަން "ވަގުތުން" މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ޕެންޓަގަން އިން ބުދަ ދުވަހު އިއުލާނުކޮށްފި އެވެ. ނަމަވެސް މި ކުއްލި ވަކިވުމާ ގުޅޭ އެއްވެސް ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ފީލަން މަގާމުން ވަކިވެވަޑައިގެންފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ އަދިވެސް ނިމުމަކަށް ނައިސް އޮއްވައި އަދި އެމެރިކާ ސިފައިންގެ އެންމެ އިސް އޮފިސަރު ޖެނެރަލް ރޭންޑީ ޖޯޖާއި އިތުރު ދެ ސީނިއާ އޮފިސަރަކު މި މަހުގެ ކުރީކޮޅު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް "އެކްސް" ގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ފީލަން "ވަގުތުން ވަކިވެވަޑައިގަންނަވާނެ" ކަމަށެވެ. އަދި އޭނާގެ ބަދަލުގައި ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންޑަސެކްރެޓަރީ ހަންގް ކާއޯ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ރައީސްކަމާ އަލުން ހަވާލުވެވަޑައިގަތް ފަހުން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރިއްޔާގެ އިސްވެރިން މަގާމުން ވަކިކުރުމުގެ 'ބޮޑު އޮޕަރޭޝަނެއް' ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޗާލްސް "ސީކިއު" ބްރައުން ވެސް ހިމެނެ އެވެ. އޭނާ މަގާމުން ވަކިކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެއްވެސް ސަބަބެއް ހާމަކުރުމަކާ ނުލަ އެވެ.
މަގާމުން ވަކިކުރި އެހެން އިސް އޮފިސަރުންގެ ތެރޭގައި އެމެރިކާގެ ނޭވީ އަދި ކޯސްޓް ގާޑްގެ ވެރިންނާއި، ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) ގެ ވެރިޔާ، އެއާ ފޯސްގެ ވައިސް ޗީފް އޮފް ސްޓާފާއި، ނޭޓޯއަށް ކަނޑައަޅާފައި ހުންނަވާ ނޭވީ އެޑްމިރަލެއްގެ އިތުރުން އަސްކަރިއްޔާގެ އިސް ތިން ގާނޫނީ ވަކީލުން ހިމެނެ އެވެ.
މީގެ އިތުރުން، އެއާ ފޯސްގެ ޗީފް އޮފް ސްޓާފް ވެސް ވަނީ އޭނާގެ ހަތަރު އަހަރުގެ ދައުރުން ދެ އަހަރު ހަމަވިތަނާ އެއްވެސް ސަބަބެއް ނެތި ރިޓަޔާކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ. އަދި އެމެރިކާގެ ސަަަދަން ކޮމާންޑްގެ ވެރިޔާ ވެސް ވަނީ އޭނާގެ ދައުރުގެ އެއް އަހަރު ހަމަވިތަނާ ރިޓަޔާކުރައްވައިފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު ވިދާޅުވަނީ ރައީސް ކުރައްވަމުން ގެންދަވާ ކަމަކީ ބޭނުންފުޅުވާ ލީޑަރުން ހޮއްވެވުން ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ، ވަކި ފަރާތަކަށް ނުޖެހި އޮންނަ އެމެރިކާގެ އަސްކަރިއްޔާ ސިޔާސީ ވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރު ޕެންޓަގަންގެ އިސްވެރިޔާ ވަނީ އެމެރިކާ އަސްކަރިއްޔާގައި ހަރަކާތްތެރިވާ ފޯ-ސްޓާ ޖެނެރަލުންނާއި އެޑްމިރަލުންގެ އަދަދު މަދުވެގެން 20 ޕަސެންޓް މަދުކުރުމަށާއި، ޖެނެރަލް އަދި ފްލެގް އޮފިސަރުންގެ ޖުމްލަ އަދަދުން 10 ޕަސެންޓް މަދުކުރުމަށް އަމުރުކުރައްވައިފަ އެވެ.