އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކާ އެކު ފެށުނު ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހޯމަ ދުވަހު ސެއިންޓް ޕީޓަސްބާގްގައި ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރައްވާނެ ކަމަށް ރަޝިއާގައި ހުންނަވާ އީރާނުގެ ސަފީރު ވިދާޅުވެއްޖެ އެވެ.

ހުޅަނގުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ ރަޝިއާ އާއި އީރާނުން ވަނީ ފަހަކަށް އައިސް އެ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

އީރާނުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކާޒިމް ޖަލާލީ 'އެކްސް' ގައި ލިޔުއްވި ގޮތުގައި، ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީގައި އަރަގްޗީ ޕުޓިންއާ ބައްދަލުކުރައްވާނެ އެވެ.

"ބޭރުގެ ނުރައްކާތަކުގެ ތެރޭ ގައުމުގެ މަސްލަހަތު ކުރިއެރުވުމަށް ކުރަމުންދާ 'ޑިޕްލޮމެޓިކް ޖިހާދު' ކުރިއަށް ގެންދިއުމުގެ ގޮތުން، އީރާންގެ ފޮރިން މިނިސްޓަރު، ސެއިންޓް ޕީޓަސްބާގަށް ކުރައްވާ ދަތުރުގައި ރަޝިއާގެ ރައީސްއާ ބައްދަލުކުރައްވާނެ،" އޭނާ ލިޔުއްވާފައިވެ އެވެ.

އީރާނުގެ 'އިސްނާ' ނިއުސް އެޖެންސީން މީގެ ކުރިން ޖަލާލީއާ ހަވާލާދީ ބުނެފައިވަނީ، "ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މޮސްކޯއަށް ކުރައްވާ ދަތުރުގައި ރަޝިއާގެ ރައީސް ޕުޓިންއާ ބައްދަލުކުރައްވާނެ" ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަކި ތަނެއް އޭރު ހާމަކޮށްފައެއް ނުވެ އެވެ.

ޖަލާލީ ވިދާޅުވި ގޮތުގައި މި ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު އެވެ. އަދި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ މަޝްވަރާތަކުގެ އެންމެ ފަހުގެ ހާލަތާއި، ހަނގުރާމަ ހުއްޓާލުމާއި، ސަރަހައްދީ ކަންކަމާ ގުޅޭގޮތުން އަރަގްޗީ ރަޝިއާގެ އޮފިޝަލުންގެ ލަފާ ހޯއްދަވާނެ ކަމަށް 'އިސްނާ' އިން ރިޕޯޓްކޮށްފައިވެ އެވެ.

މަޝްވަރާތައް ބޭއްވުމަށް އަރަގްޗީ މޮސްކޯއަށް ދަތުރުކުރައްވާނެކަން ރަޝިއާގެ ފޮރިން މިނިސްޓްރީން އާދިއްތަ ދުވަހު ކަށަވަރުކޮށްދީފައިވާ ކަމަށް 'ރިއާ ނޮވޮސްޓީ' ނިއުސް އެޖެންސީން ވެސް ބުންޏެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރަގްޗީ އާދިއްތަ ދުވަހު އިސްލާމްއާބާދުން ރަޝިއާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރަޝިއާއަށް ވަޑައިގަތުމުގެ މަގުމަތީގައި އޭނާ ޕާކިސްތާނުގެ ވެރިރަށަށް ކުރެއްވި މި ޒިޔާރަތަކީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ސިޓީއަށް ކުރެއްވި ދެވަނަ ދަތުރުރެވެ. އޭނާ ވަނީ އުމާނަށް ވެސް ވަޑައިގެންފަ އެވެ. މި ދަތުރުތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާ އެކު ބާއްވާ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މެދުވެރިން ކުރާ މަސައްކަތުގެ ބައެކެވެ.

އެމެރިކާ-އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލިތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެމެރިކާ އާއި އީރާނާ ދެމެދު ސީދާ މަޝްވަރާތަކުގެ ދެވަނަ ބުރެއް އަދި ބޭއްވިފައެއް ނުވެ އެވެ. -- އޭއެފްޕީ