އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ކެއުންޖަރު ޑިސްޓްރިކްޓްގައި، މަރުވި އަންހެނެއްގެ އެކައުންޓުގައި ހުރި 20،000 ރުޕީސް ނަގަން ދިޔަ އޭނާގެ ކޮއްކޮއަށް ފައިސާ ދޫނުކުރުމުން ދައްތަގެ ގަބުރު ކޮނެ ނަގައިގެން ގަބުރާ އެކު ބޭންކަށް ހިނގައްޖެ އެވެ.  

މި ހާދިސާ ހިނގާފައިވަނީ ކެއުންޖަރު ޑިސްޓްރިކްޓްގެ 'އޮޑިޝާ ގްރާމީން ބޭންކް' ގަ އެވެ. ދައްތަގެ ގަބުރު ނަގައިގެން ދިޔައީ އުމުރުން 50 އަހަރުގެ ޖީތޫ މުންޑާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި އެހެން ކަންތައް ކުރަން ޖެހުނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މަރުވި އޭނާގެ ދައްތަ ކަލްރާ މުންޑާގެ އެކައުންޓުގައި ހުރި 20،000 ރުޕީސް ނަގަން ދިއުމުން، ފައިސާ ލިބޭނީ އެކައުންޓުގެ ވެރިފަރާތް ކޯޓަށް ހާޒިރުވުމުން ކަމަށް ބުނުމުންނެވެ.

ޖީތޫ މުންޑާ ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި، އޭނާ އެތައް ފަހަރަކު ބޭންކަށް ދިޔުމުން ވެސް ބޭންކުގެ މުވައްޒަފުން ވަނީ، ފައިސާ ދެވޭނީ އެކައުންޓުގެ ވެރިފަރާތް ބޭންކަށް ހާޒިރުކުރުމުން ކަމަށް ބުނެފަ އެވެ.

"ދައްތަ މަރުވެއްޖެ ކަމަށް އަހަރެން ބުނުމުން ވެސް އެމީހުން އަޑެއް ނޭހި. އެ މީހުން ބުނީ ފައިސާ ނަގަން ބޭނުން ނަމަ އެކައުންޓުގެ ވެރިމީހާ ގެންނަން ޖެހޭނެ ކަމަށް،" މުންޑާ ބުންޏެވެ.

މިކަމާ ގުޅިގެން މާޔޫސްވެފައި ހުރި މުންޑާ، އޭނާގެ ދައްތަގެ މަހާނަ ކޮނެ، އޭނާ މަރުވެފައިވާކަމުގެ ހެއްކެއްގެ ގޮތުން ގަބުރު ނަގައިގެން ބޭންކަށް ދިޔައީ، އެކައުންޓުގެ ވެރިމީހާ މަރުވިކަން ސާބިތުކޮށްދޭން އަމަލުކުރަންޖެހޭ ގޮތް ނޭނގި އެވެ.

މި އާދަޔާ ޚިލާފު މަންޒަރު ފެނުމާ އެކު ފުލުހުން ވަނީ ބޭންކަށް ގޮސް އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ. ފުލުހުން ބުނި ގޮތުގައި، މިކަން ކުރި މީހާ އަކީ ލިޔަންކިޔަން ނުދަންނަ މީހަކަށް ވާއިރު މަރުވެފައިވާ މީހެއްގެ އެކައުންޓުން ފައިސާ ނެގުމުގެ ގާނޫނީ މަރުހަލާތައް އޭނާއަށް ބޭންކުން ރަނގަޅަށް ކިޔައިދީފައި ވެސް ނުވުމަކީ މި ހާދިސާ މިހެން ހިނގަން ދިމާވި ސަބަބެވެ.

ފުލުހުންގެ މެދުވެރިވެގެން، މުންޑާއަށް އެ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ދީފަ އެވެ. އަދި އޭނާ ނެގި ގަބުރު ވަނީ ފުލުހުންގެ ހާޒިރުގައި އަލުން ވަޅުލައިފަ އެވެ.

ބޭންކުގެ ރެކޯޑްތަކުން ދައްކާގޮތުގައި އެ އެކައުންޓުގެ ވެރިމީހާ މަރުވެއްޖެ ނަމަ ފައިސާ ލިބެންޖެހޭ ކަމަށް ކަނޑައަޅައި ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ މީހާ ވެސް ވަނީ މީގެ ކުރިން މަރުވެފަ އެވެ. އެހެންވެ އެ ފައިސާ ލިބޭނެ ހަމައެކަނި މީހަކަށް މިހާރު ދުނިޔޭގައި ހުރީ ވެސް މުންޑާ އެވެ.