ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމާއަތް އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވާން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފި އެވެ.

ޔޫއޭއީގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު އަލް މަޒްރޫއީ ރޮއިޓާސް އަށް ވިދާޅުވެފައިވާ ގޮތުގައި އެ ނިންމުން ނިންމީ އެ ގައުމުގެ ހަކަތައިގެ ސްޓްރެޓެޖީއަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލައިގެންނެވެ.

ރޮއިޓާސުން ބުނި ގޮތުގައި ޔޫއޭއީ އިން އެ ނިންމުން ނިންމީ ސައުދީ އަރަބިއްޔާގެ ލަފާ ހޯދައިގެންތޯ އެ އެޖެންސީން މަޒްރޫއީއާ ސުވާލުުކުރުމުން އޭނާ ވިދާޅުވީ އެހެން އެއްވެސް ގައުމަކުން އެކަމާ ބެހޭ ލަފައެއް ނުހޯދާ ކަމަށެވެ. 

"މިއީ ސިޔާސަތު ކަނޑައެޅުމުގެ ނިންމުމެއް، މި ނިންމުން ނިންމީ ތެޔޮއުފައްދާނެ މިންވަރާ މެދު މިހާރު ގެންގުޅޭ ސިޔާސަތުތަކާއި ކުރިއަށް ހުރި ސިޔާސަތުތަކަށް ފަރުވާތެރިކަމާ އެކު ވިސްނައިގެން،" މަޒްރޫއީ ވިދާޅުވި އެވެ.

ޔޫއޭއީ އެ ޖަމާއަތުން ވަކިވުމަކީ އޯޕެކް އަށް އަދި އެ ޖަމާއަތުގައި އިސްކޮށް އުޅޭ ސަައުދީއަރަބިއްޔާއަށް ބޮޑު ދެރައަކަށް ވާނެ ކަމަށް ބައިނަލްއަގުވާމީ ނޫސްއެޖެންސީތަކުން ބުންޏެވެ. އޯޕެކުން ވަކިވާން ޔޫއޭއީ އިން ނިންމާފައި މިވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ. 

ޖިއޯޕޮލިޓިކްސްއާއި ބާޒާރަށް ތެޔޮ ނެރޭނެ މިންވަރު ފަދަ ކަންތައްތަކުގައި އެތެރޭގެ ކޯޅުން އޮތް ނަމަވެސް ތެޔޮއެކްސްޕޯޓްކުރާ ގައުމުތަކުގައި ދިފާއުގައި އެންމެން އެއްބައިވާ އޯޕެކުން ޔޫއޭއީ ވަކިކުވުމަކީ އެ ޖަމާއަތް ބަލިކަށިވާނެ ކަމެކެވެ. 

ޔޫއޭއީ އިން މިގޮތަށް ނިންމި އިރު އޯޕެކް ގައުމުތަކުން މިހާރު ވެސް ދަނީ ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގައި ބޮޑެތި ދަތިތައް ތަހައްމަލުކުރަމުންނެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ އެ ކަނޑުއޮޅި އީރާނުން ބަންދުކޮށް، އެކަނޑުއޮޅިއަށް ވަންނަން މަސައްކަތްކުރާ އުޅަނދުތަަކަށް ހަމަލާ އީރާނުން ދަނީ ހަމަލާދެމުންނެވެ. 

މަޒްރޫއީ ވިދާޅުވީ ޔޫއޭއީ އޯޕެކުން ވަކިވިޔަސް ބައިނަލްއަގުވާމީ ބާޒާރަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މިހާރު ވެސް ބާޒާރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ވާތީ އެވެ.

ނަމަވެސް، އެގައުމު އޯޕެކުން ވަކިވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ބޮޑު ކާމިޔާބީއަކަށް ވާނެ އެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުކުރަނީ އޯޕެކުން ރާވައިގެން، ގަސްދުގައި ކަމަށް ޓްރަމްޕް ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.