އިރާނާ ދެކޮޅަށް ކުރި ހަނގުރާމާގައި އެމެރިކާ ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައި ކަމަށާއި އީރާންގެ ބަނދަރުތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި ބާއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިޔަސް އެކަމާ ޖެހިލުން ނުވާ ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެއްޖެ އެވެ.
"ދުނިޔޭގެ 'ބުލީން' މި ސަރަހައްދުގައި ހިންގި އެންމެ ބޮޑު އަސްކަރީ އުދުވާނުގައި އެމެރިކާއަށް ލިބުނު ލަދުވެތި ނާކާމިޔާބީއަށް މިއަދު ދެ މަސް ފާއިތުވީއިރު، ގަލްފު އެތެރެވަރި (ޕާޝިއަން ގަލްފު) އާއި ހޮރްމޫޒް ކަނޑުއޮޅިއަށް ވަނީ އާ ބާބެއް ފެށިފައި،" ޚާމަނާއީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ލިޔުމުން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
މާޗް 9 ގައި އިރާނުގެ އާ ރޫހީ ލީޑަރަކަށް އައްޔަންކުރި އަދި އޭގެ ފަހުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންގައިނުވާ މުޖުތަބާގެ މި މެސެޖު އާންމުކުރެއްވީ އިރާނުގައި ފާހަގަކުރާ "ޕާޝިއަން ގަލްފު" ދުވަހުގެ މުނާސަބަތުގަ އެވެ.
މުޖްތަބާ ރޫހީ ލީޑަރުކަމަށް ހަމަޖެއްސީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އިރާނުގެ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން މިދިޔަ ހަފުތާގައި ބުނެފައިވަނީ، މުޖުތަބާއަށް މި ހަމަލާތަކުގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް އޭނާ ހުންނެވީ ކަންކަން އެނގިވަޑައިގަންނަވާ ފަދަ، ހަމަ ވިސްނުންފުޅުގައި ކަމަށެވެ.
ބުރާސްފަތި ދުވަހު ނެރުއްވި މެސެޖުގައި އޭނާ ވިދާޅުވީ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން ވެސް އެމެރިކާގެ ނެތް ކަމަށާއި، ބައިވެރިންނަށް އެހީތެރިކަން ދިނުމުގައި ވެސް އެއްވެސް އުންމީދެއް ނެތް ކަމަށެވެ.
އަދި ހަކަތައިގެ ބާވަތްތައް އުފުލަން ބޭނުންކުރާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އިރާނުން އަލަށް ގެންނަ "ގާނޫނީ އޮނިގަނޑާއި މެނޭޖްމަންޓް" ގެ ސަބަބުން ސަރަހައްދުގެ ގައުމުތަކަށް ހިތްހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުފާވެރި މުސްތަޤްބަލެއް
މެދުއިރުމަތީގެ ހަނގުރާމަ ފެށުނީއްސުރެ މި ކަނޑުއޮޅިއަކީ ނުރައްކާތެރި ސަރަހައްދަކަށް ވެފައިވާއިރު، އިރާނުން މިހާރު ހުއްދަ ދެނީ މަދު އުޅަނދުތަކަކަށެވެ.
މިދިޔަ ހަފުތާގައި، ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ކަނޑުއޮޅިން ނަގާ ޓޯލް [ފީ] ގެ ފުރަތަމަ އާމްދަނީ އީރާނަށް ލިބިފައިވާ ކަމަށެވެ.
އެމެރިކާއާ ނުލައި ގަލްފުގެ މުސްތަގުބަލް ވަރަށް އުޖާލާވާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އަދި އެތައް ހާސް ކިލޯމީޓަރެއް ދުރުން އައިސް ވަންނަ "ބޭރުގެ ފަރާތްތަކަށް" އެ ސަރަހައްދުން ޖާގައެއް ނެތް ކަމަށާއި އެ މީހުންގެ ނިމުމަކީ ކަނޑުގެ އަޑި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އިރާނުގެ ރައްޔިތުންނަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ ސައިންސް، ސިނާއީ، ނިއުކްލިއާ އަދި މިސައިލް ޓެކްނޮލޮޖީ ފަދަ ހުރިހާ ދާއިރާތަކަކީ ގައުމުގެ ރައުސުލްމާލު ކަމަށެވެ. -- އޭއެފްޕީ