ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ސްރީ ލަންކާގެ ބުޑިސްޓް ހާމުދުރުންގެ ތެރެއިން އިސް މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. މިއީ އެ ގައުމުގައި ދީނީ އިލްމުވެރިންނާ ގުޅޭގޮތުން މިހާތަނަށް ފެންމަތިވި އެންމެ ބޮޑު މައްސަލަ އެވެ.
އުމުރުން 71 އަހަރުގެ ޕައްލެގަމާ ހެމަރަތަނާ ހައްޔަރުކޮށްފައިވަނީ، 2022 ވަނަ އަހަރު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގުގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ސިއްހީ ބޭނުމަކަށް ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލަކަށް ގޮސް އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މި ހާމުދުރު ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރަނީ ކޮލަމްބޯއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) އުތުރުގައި އޮންނަ އަނޫރާދަޕޫރާގައި ހުންނަ، ބުދު ދީނުގެ މީހުންގެ މެދުގައި ހާއްސަ ފައްޅިއެއްގަ އެވެ. ހެމަރަތަނާއަކީ އެ ފައްޅީގެ އިސް ފާދިރީ އެވެ.
ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، "މި މައްސަލައިގައި އިތުރަށް އަމަލުކުރާނެ ގޮތެއް ނިންމާނީ މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން" ކަމަށެވެ.
މި ހާމުދުރު ބަންދުގައި ބެހެއްޓުމާ ބެހޭ ގޮތުން ވަރަށް އަވަހަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މި ޖަރީމާ ހިންގުމުގައި ފާދިރީއަށް އެހީތެރިވެދީ، އެކަމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި، އަނިޔާ ލިބުނު ކުއްޖާގެ މަންމަ ވެސް ހައްޔަރުކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ހާމުދުރު ހައްޔަރުކުރީ އޭނާ ގައުމުން ބޭރަށް ދިއުން މަނާކޮށް އަމުރެއް ނެރުނުތާ އެއް ދުވަސް ފަހުންނެވެ.
ސްރީ ލަންކާގައި މީގެ ކުރިން ވެސް ދީނީ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ބައެއް މައްސަލަތައް ފެންމަތިވެފައިވީ ނަމަވެސް، މިއީ މިފަދަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި އެންމެ މަތީ ފަންތީގެ ފާދިރީ އެވެ.
މި 71 އަހަރުގެ ހާމުދުރަކީ، މީގެ 2،500 އަހަރަށްވުރެ ކުރިން ބުދު ދީނުގެ ބާނީ "ބުއްދާ" އަށް އިންޑިއާގައި އެކަމުގެ ހިޔާލު އައި އިރު ހިޔާވަހިކަން ލިއްބައިދިން "ބޯދީ" ގަހުގެ އޮފިގަނޑަކުން ހައްދާފައިވާ ކަމަށް ގަބޫލުކުރެވޭ ގަހެއް ބަލަހައްޓާ އެންމެ އިސް މީހާ ކަމަށް ބުދު ދީނުގެ މީހުން ގަބޫލުކުރެ އެވެ. -- އޭއެފްޕީ