ޓާކިޝް އެއާލައިންގެ މަތިންދާބޯޓެއް 277 ފަސިންޖަރުންނާއި 11 ފަޅުވެރިންނާ އެކު ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް މިއަދު ޖައްސަނިކޮށް އަލިފާން ރޯވެއްޖެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
އިސްތަންބޫލުން ފުރައިގެން ދަތުރުކުރި މި ބޯޓުގައި އަލިފާން ރޯވީ ބޯޓުގެ ކަނާތްފަރާތު ލޭންޑިން ގިއަރުން ކަނިތަކެއް ބުރުމުގެ ސަބަބުން ކަމަށް ނޭޕާލުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ޔާނެންދުރަ ބޫލް ވިދާޅުވި އެވެ.
"ބޯޓުން ދަތުރުކުރި ހުރިހާ އެންމެން ތިބީ ސަލާމަތުން، ރެސްކިއު މަސައްކަތް މިހާރު ވަނީ ނިމިފައި. މިހާރު މި ދަނީ މި ހާދިސާ ތަހުގީގު ކުރަމުން،" އޭއެފްޕީއަށް ބޫލް ވިދާޅުވި އެވެ.
މި ހާދިސާގެ ސަބަބުން އެއާޕޯޓުގެ ހަމައެކަނި ރަންވޭ ގާތްގަނޑަކަށް ދެ ގަޑިއިރަށް ބަންދުކުރަން ޖެހުނު ކަމަށާއި، ނަމަވެސް މިހާރު ރަންވޭ އަލުން ހުޅުވާފައިވާ ކަމަށް ބޫލް ވިދާޅުވި އެވެ.
ހިމާލިޔާ ސަރަހައްދުގެ މި ގައުމަކީ ދުނިޔޭގެ އެންމެ އެކަހެރި އަދި ނުރައްކާތެރި ބައެއް ރަންވޭތައް އޮންނަ ގައުމެވެ. މި ރަންވޭތައް ހުންނަނީ ސްނޯއިން ފުރިފައިވާ ފަރުބަދަތަކުގެ މެދުގައި ކަމަށް ވުމުން، ތަޖުރިބާކާރު ޕައިލެޓުންނަށް ވެސް މިތަންތަނަށް ބޯޓު ޖެއްސުމަކީ ބޮޑު ގޮންޖެހުމެކެވެ.
ނޭޕާލުގައި ހިނގާ މަތިންދާބޯޓު އެކްސިޑެންޓްތަކާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަނުން ވަނީ ނޭޕާލުގެ ހުރިހާ އެއާލައިނެއް ބްލެކްލިސްޓް ކޮށްފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ އާ ރާޑަރު ސިސްޓަމްތަކާއި މޫސުން ބަލާ ނިޒާމުތައް ގާއިމުކުރުމަށް ނިންމާފައި ކަމަށް މިދިޔަ އަހަރު އިއުލާނުކުރި އެވެ.
ޓާކިޝް އެއާލައިންގެ މަތިންދާބޯޓެއް 2015 ވަނަ އަހަރު ވެސް 224 ފަސިންޖަރުންނާ އެކު ކަތުމަންޑޫ ރަންވޭއިން ކައްސާލައި އެކްސިޑެންޓު ވެފައިވެ އެވެ.
އެ ހާދިސާގައި ވެސް ފަސިންޖަރުންނަށް އެއްވެސް ގެއްލުމެއް ނުލިބުނު ނަމަވެސް، ހަތަރު ދުވަހުގެ މުއްދަތަކަށް ރަންވޭ ބަންދުކުރަން ޖެހުމުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުނެވެ. -- އޭއެފްޕީ