ބާރުގަދަ ސިންތެޓިކް ސްޓިމިއުލަންޓެއް ކަމަށްވާ "ކެޕްޓަގަން" ގެ 227 ކިލޯގްރާމް އަތުލައިގެންފައިވާ ކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
މި ތަކެތީގެ އަގު ގާތްގަނޑަކަށް 19 މިލިއަން ޑޮލަރަށް އަރާއިރު މިއީ އިންޑިއާއިން މި ބާވަތުގެ ޑްރަގް އަތުލައިގަތް ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ފުލުހުން ވަނީ މަސްތުވާތަކެތީގެ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ މެންބަރެއް ކަމަށް ބުނާ ސީރިއާ މީހަކު މި ތަކެއްޗާ އެކު ހައްޔަރުކޮށްފަ އެވެ.
ކެޕްޓަގަން އަކީ އިންޑިއާގައި އާންމު އެއްޗެއް ނޫން ކަމަށާއި، މިތަކެތި އިންޑިއާއަށް އެތެރެކޮށްފައިވަނީ ސީރިއާއިން ގެނައި ކަންބަޅީގެ ވޫލްގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ކޮންޓެއިނަރެއްގައި ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"ފުރަތަމަ މަރުހަލާގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އަތުލައިގަތް ތަކެތި ފޮނުވަން ގަސްތުކޮށްފައިވަނީ ގަލްފް ސަރަހައްދަށް، ހާއްސަކޮށް ސައުދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އަވަށްޓެރި ގައުމުތަކަށް،" ބަޔާނުގައިވެ އެވެ.
ސީރިއާގައި 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގެ ތެރޭގައި މި މަސްތުވާތަކެތި ވެގެންދިޔައީ ސީރިއާގެ އެންމެ ބޮޑު އެކްސްޕޯޓަށެވެ. އަދި މީގެ ވިޔަފާރިއަކީ ރައީސްކަމުން ދުރުކުރި ބައްޝާރުލް އަސަދުގެ ސަރުކާރަށް މާލީ އެހީތެރިކަން ހޯދި މައިގަނޑު ވަސީލަތަކަށްވި އެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލި ފަހުން، ސީރިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ އަދަދެއްގެ ކެޕްޓަގަން އަތުލައިގެންފަ އެވެ. އަދި އަވަށްޓެރި ގައުމުތަކުން ވެސް ދަނީ މިފަދަ ބޮޑެތި ޝިޕްމަންޓްތައް އަތުލައިގަންނަމުންނެވެ.
"އަޅުގަނޑުމެންގެ އެޖެންސީތަކުން މިވަނީ 'ޖިހާދީ ޑްރަގް' ގެ ނަމުން މަޝްހޫރުވެފައިވާ ކެޕްޓަގަން، އިންޑިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަތުލައިގެންފައި،" ހޯމް މިނިސްޓަރު އަމިތު ޝާހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
"އިންޑިއާއަށް އެތެރެވާ ނުވަތަ އިންޑިއާގެ ސަރަހައްދު ޓްރާންސިޓް ރޫޓެއްގެ ގޮތުގައި ބޭނުންކޮށްގެން ބޭރުކުރާ ކޮންމެ ގްރާމެއްގެ މަސްތުވާތަކެއްޗާ ދެކޮޅަށް ވެސް އަޅުގަނޑުމެން ހަރުކަށި ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ފުރަތަމަ 31.5 ކިލޯގެ ކެޕްޓަގަން ގުޅަ އަތުލައިގަތީ މި މަހުގެ 11 ވަނަ ދުވަހު ވެރިރަށް ނިއު ދިއްލީގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ގުޅަތައް ފޮރުވާފައި ހުރީ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް އެކްސްޕޯޓް ކުރަން އުޅުނު، ރޮށި ދަމާ މެޝިނެއްގެ ތެރޭގަ އެވެ.
ހައްޔަރުކުރި ސީރިއާގެ މީހާއާ ސުވާލުކުރުމަށް ފަހު، ފުލުހުން ވަނީ ހުޅަނގުގެ ގުޖުރާތު ފްރޮވިންސްގެ މުންދްރާ ބަނދަރުގައި ހުރި ކޮންޓޭނަރެއް ފާސްކޮށް، އިތުރު 196 ކިލޯގެ ކެޕްޓަގަން އަތުލައިގެންފަ އެވެ.
"މި އޮޕަރޭޝަނުގެ ސަބަބުން، ބައިނަލްއަގުވާމީ ގްރޫޕްތަކުން އިންޑިއާއަކީ ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރަން ކުރާ މަސައްކަތްތައް ހާމަވެގެން ހިނގައްޖެ،" މިނިސްޓްރީން ބުންޏެވެ.
-- އޭއެފްޕީ