ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އިބޯލާ ރޯގާގައި 80 އަށްވުރެ ގިނަ މީހުން މަރުވެ ނުރައްކާ ބޮޑުވާން ފެށުމާ އެކު މިއީ ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ކަނޑައަޅައިފި އެވެ. 

ޑީއާރްސީގައި ފެތުރޭ އިބޯލާ ވައިރަހުގެ ސްޓްރެއިން (ވައްތަރު) އަށް ހާއްސަ ވެކްސިނެއް ނެތް ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދީފަ އެވެ.  

އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ހޮނިހިރު ދުވަހު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ލޭ ނާރުތައް ހަލާކުވެ ލޭއަންނަ މި ނުރައްކާތެރި ހުން ޖެހިގެން މިހާތަނަށް 88 މީހުން މަރުވެފައިވާއިރު، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 336 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި، އިބޯލާގެ "ބުންޑިބުގްޔޯ"  ސްޓްރެއިންގެ ސަބަބުން ފެތުރޭ މި ރޯގާއަކީ ބައިނަލްއަގުވާމީ ކަންބޮޑުވުން އޮތް "ޕަބްލިކް ހެލްތު އެމަޖެންސީ" އެކެވެ.

މިއީ ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން ނެރޭ ދެވަނައަށް އެންމެ މަތީ އެލާޓެވެ.

ޑަބްލިޔުއެޗްއޯ އިން އިންޒާރު ދީފައިވާ ގޮތުގައި ބަލިޖެހިފައިވާ މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ މިންވަރު ސާފެއް ނޫނެވެ. ނަމަވެސް، 2024 ވަނަ އަހަރު ތައާރަފްކުރި އެންމެ މަތީ އެލާޓް ލެވެލް ކަމަށްވާ "ޕެންޑެމިކް އެމަޖެންސީ" (އާލަމީ ބަލިމަޑުކަމުގެ ކުއްލި ހާލަތު) އިއުލާނު ކުރުމާ ހަމައަކަށް އަދި ނުދެ އެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުނީ ޑީއާރްސީއަށް ކުރިމަތިވެފައިވާ ނުރައްކަލާ ގުޅިގެން ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ބަލި ހަލުވިކަމާ އެކު ފެތުރެމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ޖަމްއިއްޔާ އާއި ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

"ބުންޑިބުގްޔޯ ސްޓްރެއިންއަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ނެތް،" ޑީއާރުސީގެ ހެލްތު މިނިސްޓަރު ސެމިއުލް-ރޮޖާ ކަމްބާ ވިދާޅުވި އެވެ. "މި ވައްތަރުގެ ވައިރަހުގެ ސަބަބުން މީހުން މަރުވާ ރޭޓް ވަރަށް މަތި. އެއީ ގާތްގަނޑަކަށް 50 ޕަސެންޓް."

މި ސްޓްރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 2007 ވަނަ އަހަރު އެވެ. އަދި މިފަހަރުގެ އައުޓްބްރޭކްގައި އަވަށްޓެރި ޔުގެންޑާގައި ވެސް ކޮންގޯގެ މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް އޮފިޝަލުން ހޮނިހިރު ދުވަހު ބުންޏެވެ.

މިހާރު ލިބެން ހުރި ވެކްސިންތަކަކީ ހަމައެކަނި "ޒަޔަ" ސްޓްރެއިންއަށް މަސައްކަތްކުރާ ވެކްސިންތަކެކެވެ. އެއީ 1976 ގައި ފެނުނު ސްޓްރެއިންއެކެވެ. އޭގެ މަރުވާ ރޭޓް އުޅެނީ 60 އިން 90 ޕަސެންޓާ ދެމެދުގަ އެވެ.

އެފްރިކާ ސީޑީސީން ބުނި ގޮތުގައި، ޔުގެންޑާ އަދި ސައުތު ސޫދާނާ ބޯޑަރު ހިއްސާކުރާ ޑީއާރުސީގެ އިރު އުތުރު އިތޫރީ  ޕްރޮވިންސުން މި ބަލިމަޑުކަން ފެނިގެން އުޅޭކަން ސިއްހީ އޮފިޝަލުން ކަށަވަރުކުރީ ހުކުރު ދުވަހު އެވެ.

"ވޭތުވެދިޔަ ދެ ހަފުތާގައި، މީހުން މަރުވަމުންދާތަން މި ދަނީ ފެންނަމުން،" އޭއެފްޕީ އަށް ފޯނުން ދިން އިންޓަވިއުއެއްގައި އެ ސަރަހައްދުގެ މަދަނީ ޖަމްއިއްޔާއެއްގެ މަންދޫބެއް ކަމަށްވާ އީސާކް ނިއާކުލިންޑާ ބުންޏެވެ. "ބަލިމީހުން އެކަހެރި ކުރާނެ އެއްވެސް ތަނެއް ނެތް. އެމީހުން މަރުވަނީ ގޭގައި. އަދި އެމީހުންގެ ހަށިގަނޑުތައް ކަފުންކޮށް ހުރިހާ ކަމެއް ކުރަނީ އާއިލާގެ މީހުން އަމިއްލައަށް."

މިނިސްޓަރު ކަމްބާ ވިދާޅުވި ގޮތުގައި، މި ބަލި އެންމެ ފުރަތަމަ ޖެހުނު މީހާ (ޕޭޝަންޓް ޒީރޯ) އަކީ ނަރުހެކެވެ. އޭނާ އެޕްރީލް 24 ގައި އިތޫރީގެ ވެރިރަށް ބޫނިއާގެ ސިއްހީ މަރުކަޒަކަށް ދެއްކީ އިބޯލާގެ އަލާމާތްތައް ފެންނާތީ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަށިގަނޑުގެ އެކި ގުނަވަންތަކުން ލޭއައުން އަދި ހޮޑުލުން ހިމެނެ އެވެ.

"މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ކޭސްތަކާއި މަރުތައް ފެނުމުގެ އިތުރުން، ބަލި އެކި ސިއްހީ ސަރަހައްދުތަކަށާއި ބޯޑަރު ހުރަސްކޮށް ފެތުރެމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް،" އެ ސަރަހައްދަށް ސިއްހީ އެހީތެރިން ފޮނުވަމުންދާ އެމްއެސްއެފްގެ އެމަޖެންސީ ޕްރޮގްރާމް މެނޭޖަރު ޓްރިޝް ނިއުޕޯޓް ވިދާޅުވި އެވެ.

އާބާދީ 100 މިލިއަނަށްވުރެ ގިނަ ޑީއާރުސީއަކީ މުއާސަލާތީ އަދި ދަތުރުފަތުރުގެ ވަސީލަތްތައް މަދު ގައުމަކަށްވުމުން، އެ ގައުމުގައި ބޮޑެތި މެޑިކަލް ސާމާނު އުފުލުމަކީ ބޮޑު ގޮންޖެހުމެކެވެ.

ބަލި ފެތުރުމުގެ ނުރައްކާ ބޮޑު

މިއީ ޑީއާރުސީއަށް އިބޯލާ ރޯގާ ކުރިމަތިވި 17 ވަނަ ފަހަރެވެ. އަދި ބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް އޮފިޝަލުން ވަނީ އިންޒާރު ދީފަ އެވެ.

"ބަލިޖެހިފައިވާ މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ ސަރަހައްދުތަކާ މެދު ބޮޑެތި އޮޅުންތަކެއް އެބަހުރި،" ޑަބްލިއުއެޗްއޯ އިން ބުންޏެވެ. ނަމަވެސް، ފުރަތަމަ ނެގި ސާމްޕަލްތަކުން ބަލި ހުރިކަން ދެއްކި ނިސްބަތް މަތިވުމާއި، ދެ ގައުމަކުން ބަލި ފެނުމާއި، ބަލި ހުރިކަމަށް ޝައްކުކުރެވޭ ކޭސްތައް އިތުރުވަމުންދިއުމުން އެނގެނީ، މިހާރު ފެންނަން ހުރި ވަރަށް ވުރެ މާ ބޮޑަށް ބަލި ފެތުރިފައިވުމުގެ ފުރުސަތު އޮތްކަން ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

ވެކްސިނާއި ފަރުވާއަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ވޭތުވެދިޔަ 50 އަހަރު ތެރޭގައި އެފްރިކާއިން 15،000 އެއްހާ މީހުން އިބޯލާ ބަލީގައި މަރުވެފައިވެ އެވެ. މީގެ ކުރިން އެ ގައުމުގައި އިބޯލާ ފެތުރުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މެދުތެރޭ ސަރަހައްދެއްގަ އެވެ. އެފަހަރު 34 މީހުން މަރުވި އިރު، ބަލި މުޅިން ފިލައިގޮސްފައިވާ ކަމަށް އިއުލާނުކުރީ ޑިސެމްބަރު މަހު އެވެ.

ޑީއާރުސީގައި 2018 އާއި 2020 އާ ދެމެދު ފެތުރުނު އެންމެ ނުރައްކާތެރި އިބޯލާ ބަލިމަޑުކަމުގައި ގާތްގަނޑަކަށް 2,300 މީހުން މަރުވި އެވެ.

ވާލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާފައިވާ ކަމަށް ބެލެވޭ އިބޯލާ ވައިރަހުގެ ސަބަބުން ހަށިގަނޑުން ލޭ ބޭރުވެ، ގުނަވަންތައް ފެއިލްވެ އެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ބައިގަރުނު ތެރޭގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ނިސްބަތް އުޅެނީ 25 ޕަސެންޓާއި 90 ޕަސެންޓާ  ދެމެދުގަ އެވެ.

މި ވައިރަސް ގައިންގަޔަށް އަރަނީ ހަށިގަނޑުން ބޭރުވާ ތެތްކަމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް ވާސިލްވެގެންނެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހެއްގެ ގައިން ނޫނީ އެހެން މީހުންނަށް ބައްޔެއް ނާރާނެ އެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ފެންނަން 21 ދުވަސް ވެސް ނަގާފާނެ އެވެ. -- އޭއެފްޕީ