އިންޑިއާއަށްް ދަތުރު ފެށުމުގެ ކުރިން، ސެލްފް ޑެކްލަރޭޝަން ފޯމް ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފި އެވެ.
މިގޮތަށް ކަނޑައެޅީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އިބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ހެލްތު އިމަޖެންސީ އިއުލާނުކުރުމާ ގުޅިގެން އަމަލުކުރުމަށް ޑީޖީސީއޭ އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގަ އެވެ.
މި އެސްއޯޕީގެ ދަށުން ފްލައިޓްތަކުގެ ތެރޭގައި ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން އެންގުމާއި، ފަސިންޖަރުން އަމިއްލައަށް ސިއްހީ ހާލަތު ބަޔާންކުރާ "ސެލްފް-ޑެކްލަރޭޝަން" ފޯމު ފުރުން ވަނީ މަޖުބޫރުކޮށްފަ އެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަތުމާއި، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އިންޑިއާގެ އެއާޕޯޓުތަކުގެ ސަވައިލަންސް ނުވަތަ ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.
އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މިކަން ފަސިންޖަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ސެލްފް ޑެކްލަރޭޝަން ފޯމް (އެސްޑީއެފް) މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެ އެވެ. މި ފޯމު ފުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.
އިންޑިއާއަށް ދަތުރުކުރާ އެންމެން ވެސް މި ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
އިންޑިއާގެ އެސްއޯޕީގެ ދަށުން
- ބަލީގެ އަލާމާތްތަކާ ބެހޭގޮތުން ފްލައިޓް ތެރޭގައި ފަސިންޖަރުންނަށް މައުލޫމާތު ދީ، އަލާމާތެއް ފެނިއްޖެނަމަ އެކަން އެންގުމަށް ބާރުއަޅަން ޖެހޭ.
- އިބޯލާ ފެތުރިފައިވާ ގައުމުތަކުން ދަތުރުކުރާ ނުވަތަ އެފަދަ ގައުމަކަށް ގޮސްފައިވާ ފަސިންޖަރުން، އެމީހުންގެ ދަތުރުގެ ތާރީހާއި ސިއްހީ ހާލަތުގެ ތަފްސީލް ހިމެނޭ ފޯމެއް (ސެލްފް ޑެކްލަރެޝަން ފޯމް) ފުރަންޖެހޭ.
- ބައިނަލްއަގުވާމީ ފްލައިޓްތައް އަންނަ ޓާމިނަލްތަކުގައި ތާމަލް ސްކޭނަރުތައް ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބަލަންޖެހޭ.
އިންޑިއާގައި ވަނީ އިބޯލާ ވައިރަހުގެ އަލާމާތް ހުރި ކަމަށް ބެލެވިގެން ބައެއް މީހުން ޓެސްޓުކޮށްފަ އެވެ. މިހާތަނަށް ނަތީޖާ ލިބުނު މީހުން ބައްޔަށް ނެގެޓިވް ވެފައި ވިޔަސް ރައްކާތެރިކަމުގެ ގޮތުން އެ މީހުން ކަރަންޓީނުގައި ބައިތިއްބަން ވަނީ ނިންމައިފަ އެވެ.
ޑީއާރްސީގައި އިބޯލާ ފެތުރެމުން ދާއިރު އަވަށްޓެރި ބައެއް ގައުމުތަކަށް ވެސް އެ ބަލި ވަނީ ފެތުރިފަ އެވެ.
ޑީއާރްސީގައި ފެތުރޭ އިބޯލާ ވައިރަހުގެ ސްޓްރެއިންއަށް ހާއްސަ ވެކްސިނެއް ނެތް ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދީފަ އެވެ.
ލޭ ނާރުތައް ހަލާކުވެ ހަށިގަނޑުން ލޭ ބޭރުވާ މި ނުރައްކާތެރި ހުން ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 263 މީހަކު މަރުވެފައި ވާއިރު މީގެ ތެރެއިން 128 މީހުންނަކީ ސީދާ އިބޯލާ ވައިރަހުގެ ސަބަބުން މަރުވި މީހުންކަން މިހާތަނަށް ވަނީ ކަށަވަރުވެފަ އެވެ.
މި ވައިރަސް ގައިންގަޔަށް އަރަނީ ހަށިގަނޑުން ބޭރުވާ ތެތްކަމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް ވާސިލްވެގެންނެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހެއްގެ ގައިން ނޫނީ އެހެން މީހުންނަށް ބައްޔެއް ނާރާނެ އެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ފެންނަން 21 ދުވަސް ވެސް ނަގާފާނެ އެވެ.