ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގައި ފެތުރެމުންދާ އިބޯލާ ރޯގާއާ ގުޅިގެން، ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ ރޯގާގައި 80 އަށްވުރެ ގިނަ މީހުން މަރުވެ ނުރައްކާ ބޮޑުވާން ފެށުމާ އެކު އެއީ ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅައިފަ އެވެ. 

އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ ކަމާ ގުޅުންހުރި އިދާރާތަކާއެކު ހާލަތު މޮނިޓާކުރުން ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ޑީއާރްސީގައި ފެތުރޭ އިބޯލާ ވައިރަހުގެ ސްޓްރެއިންއަށް ހާއްސަ ވެކްސިނެއް ނެތް ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދީފަ އެވެ.

އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ހޮނިހިރު ދުވަހު ބުނި ގޮތުގައި ލޭ ނާރުތައް ހަލާކުވެ ހަށިގަނޑުން ލޭ ބޭރުވާ މި ނުރައްކާތެރި ހުން ޖެހިގެން މިހާތަނަށް 88 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 336 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ވައިރަސް ގައިންގަޔަށް އަރަނީ ހަށިގަނޑުން ބޭރުވާ ތެތްކަމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް ވާސިލްވެގެންނެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހެއްގެ ގައިން ނޫނީ އެހެން މީހުންނަށް ބައްޔެއް ނާރާނެ އެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ފެންނަން 21 ދުވަސް ވެސް ނަގާފާނެ އެވެ.