ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ހަލުވިކަމާ އެކު ފެތުރެމުންދާ، އަދި މިހާތަނަށް 131 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިބޯލާ ރޯގާގެ ހާލަތާއި އެ ބަލި ފެތުރޭ ހަލުވިމިނާ  މެދު ކަންބޮޑުވާ ކަމަށައި މި ބަލިމަޑުކަން ދިގުލައިގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހަލުވިކަމާ އެކު ފެތުރޭ މި ނުރައްކާތެރި ހުމާ ގުޅިގެން، އދ. ގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ މިއީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައި، މި ކްރައިސިސްއާ ގުޅޭގޮތުން ކުއްލި ބައްދަލުވުމަކަށް ގޮވާލައިފަ އެވެ.

ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ފެތުރެމުންދާ މި ބަލިމަޑުކަމަކީ އިބޯލާގެ 'ބުންޑިބުގްޔޯ' ސްޓްރެއިންގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މި ވައްތަރުގެ އިބޯލާއަށް އަދި އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ.

ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އެފްރިކާއިން 15,000 އަށްވުރެ ގިނަ މީހުން ވަނީ އިބޯލާ ބަލީގައި މަރުވެފަ އެވެ.

ފަހަކަށް އައިސް މި ބަލި ފެނިފައިވަނީ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުކުރަން އުނދަގޫ ސަރަހައްދުތަކަކުން ކަމަށް ވުމުން، ލެބޯޓްރީތަކުން ޓެސްޓުކުރެވިފައިވަނީ މަދު ސާމްޕަލްތަކެކެވެ. އެހެންވެ މިހާރު އާންމުކޮށްފައިވާ ހިސާބުތަކަކީ ބަލިޖެހިފައިވާ ކަމަށް ބެލެވޭ (ސަސްޕެކްޓެޑް) ކޭސްތަކަށް ބިނާކޮށް ހަދާފައިވާ ހިސާބުތަކެކެވެ.

"މިހާތަނަށް ޖުމްލަ 131 އެއްހާ މީހުން މަރުވެފައިވާއިރު، ބަލިޖެހިފައިވާ ކަމަށް ބެލެވޭ 513 ކޭސް ރިޕޯޓްކޮށްފައިވޭ،" ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ އަންގާރަ ދުވަހުގެ ހެނދުނު ގައުމީ ޓީވީ މެދުވެރިކޮށް ވިދާޅުވި އެވެ.

"މި ރިޕޯޓްކުރާ މަރުތަކަކީ މުޖުތަމައުގެ ތެރެއިން ފާހަގަކުރެވުނު ހުރިހާ މަރެއް. އެހެންކަމުން މިއީ ހައްތަހާވެސް އިބޯލާއާ ގުޅުންހުރި މަރުތަކެކޭ ސީދާ ބުނާކަށް ނޭނގޭ."

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ މި ބަލިމަޑުކަން ފެތުރެމުންދާ މިންވަރާއި ބާރުމިނާ މެދު އޭނާ  ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މިހާރު ޑީއާރުސީގައި ހުންނެވި ޑަބްލިއުއެޗްއޯގެ މަންދޫބު އޭން އަންސިއާ ވިދާޅުވީ 'އާވެބޯ'  ނަމަކަށް ކިޔާ ޓެސްޓް ފޭސްގައިވާ ވެކްސިނަކަށް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ލިބެން ވެސް އެންމެ އަވަސްވެގެން ވެސް ދެ މަސްދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ "ދެ މަސްދުވަހުގެ ތެރޭގައި މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ ކަމަކަށް ނުބެލެވޭ" ކަމަށާއި، އެހެންކަމުން އެ މުއްދަތަށްފަހު ވެސް އެ ވެކްސިންގެ ބޭނުން ހިފިދާނެ ކަމަށެވެ.

ކޮންގޯގެ ތާރީހުގައި އިބޯލާގެ އެންމެ ނުރައްކާތެރި ބަލިމަޑުކަން ކުރިމަތިވީ 2018 އާއި 2020 އާ ދެމެދުގަ އެވެ. އެ ފަހަރު 3,500 ކޭސް ރިޕޯޓްކުރި އިރު، 2,300 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވި އެވެ.

މިފަހަރު ބަލި އެންމެ ބޮޑަށް ފެތުރެން ފެށި މަރުކަޒަކީ ޔުގެންޑާ އަދި ސައުތު ސޫދާނުގެ ބޯޑަރުގައި އޮންނަ އިރުއުތުރު އިޓޫރީ ޕްރޮވިންސެވެ. މި ސަރަހައްދަކީ ރަން ނަގާ މައި ހަބަކަށް ވުމުން، ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް މި ސަރަހައްދު ހުރަސްކޮށް ދަތުރު ކުރެ އެވެ. މީގެ އިތުރުން މިއީ ހަތިޔާރުއެޅި ޖަމާއަތްތަކުގެ މެދުގައި ކުރިމަތިލުންތައް ހިނގަމުންދާ ހަމަނުޖެހުން ބޮޑު ސަރަހައްދެއް ވެސް މެ އެވެ.

މިހާރު މި ވައިރަސް ވަނީ ކައިރީގައިވާ އެހެން ޕްރޮވިންސްތަކަށާއި، ކޮންގޯގެ ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޔުގެންޑާއަށް ވެސް ފެތުރެން ފަށައިފަ އެވެ.

"ހިތާމައަކީ، މިއީ ސިހުރުގެ ނުވަތަ ރޫހާނީ ކަމެއްގެ ސަބަބުން ދިމާވި ބައްޔެއް ކަމަށް އާންމުން ގަބޫލުކުރުމުގެ ސަބަބުން، ބަލީގެ އިންޒާރު މުޖުތަމައުގެ ތެރޭގައި ފެތުރުނީ ވަރަށް ލަހުން. އެހެންވެ ބަލިމީހުން ހޮސްޕިޓަލަކަށް ނުގެންދެވޭ،" މިނިސްޓަރު ކަމްބާ ވިދާޅުވި އެވެ.

މިއީ 100 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ މެދުތެރޭ އެފްރިކާގެ މި ބޮޑު ގައުމުގައި އިބޯލާ ފެތުރުނު 17 ވަނަ ފަހަރެވެ. މިހާތަނަށް ވެކްސިން އުފެއްދިފައިވަނީ ހަމައެކަނި އެބޯލާގެ 'ޒަޔަ' ސްޓްރެއިން އަށެވެ. މިއީ ތާރީހުގައި އެންމެ ބޮޑު ބަލިމަޑުކަން ކުރިމަތިިކުރުވި ވައްތަރެވެ. -- އޭއެފްޕީ