އެމެރިކާގެ ކެލިފޯނިއާގައި ހުންނަ މިސްކިތެއްގެ ގޯތިތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން މީހަކު މަރާލައިފި އެވެ.
އަދި މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ފުރާވަރުގެ ދެ ކުދިން ފަހުން ވަނީ ކާރެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނިފަ އެވެ. ފުލުހުން ބުނީ އެއީ އަމިއްލަ ހަށިގަނޑަށް ބަޑިޖަހައިގެން ކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާދީފައިވަނީ ސަން ޑިއޭގޯ ކައުންޓީގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ "އިސްލާމިކް ސެންޓަ އޮފް ސަން ޑިއޭގޯ" ގަ އެވެ. ފުލުހުންނަށް ރިޕޯޓް ލިބުނުތާ ހަތަރު މިނެޓު ތެރޭގައި އެ ސަރަހައްދަށް ދިޔައިރު، މިސްކިތް ކުރިމަތިން ވަނީ މަރާލާފައޮ އޮތް ތިން މީހަކު ފެނިފަ އެވެ. މި ހަމަލާދިނީ އުމުރުން 19 އަހަރުގެ ޒުވާނަކާއި 17 އަހަރުގެ ކުއްޖަކު އެވެ.
ފުލުހުން ބުނީ ހަމަލާގެ ރިޕޯޓަށް ފުލުހުން އެ ތަނަށް ދިޔަ ނަމަވެސް ފުލުހުން ބަޑި ޖަހާފައި ނުވާނެ ކަމަށާއި އެކަމަކު ހަމަލާ ދިން ކަމަށް ތުހުމަތުވާ ދެ ކުދިން ފެނުނީ މިސްކިތް ހުންނަ ސަރަހައްދާ ދުރު ނޫން ހިސާބަކުން، މަގުމެދުގައި ހުއްޓާފައި އޮތް ކާރެއްގެ ތެރެއިން ބަޑީގެ ހަމާލަތެއްގައ ޒަހަމްވެ މަރުވެފައި ވަނިކޮށް ކަމަށެވެ.
ސަން ޑިއޭގޯގެ ފުލުހުންގެ ވެރިޔާ ސްކޮޓް ވޯލް ވިދާޅުވި ގޮތުގައި، މި ހާދިސާ ތަހުގީގު ކުރަމުންދަނީ "ހޭޓް ކްރައިމް" ނުވަތަ ނަފްރަތުގެ ސަބަބުން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގަ އެވެ. އަދި މިކަމުގައި ނަފްރަތު އުފައްދާ ފަދަ ވާހަކަތަކެއް އެކުލެވިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަލާގައި މަރުވި ތިން މީހުންގެ ތެރޭގައި މިސްކިތުގެ ސެކިއުރިޓީ ގާޑު ހިމެނެ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ދެއްކި ހިތްވަރުގެ ސަބަބުން، މިއަށްވުރެ ބޮޑު ލޭއޮހޮރުވުމަކަށް ނުގޮސް ގިނަ ބައެއްގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ. މަރުވި އަނެއް ދެ މީހުންނަކީ ކޮން ބައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ހަމަލާދިނުމުގެ ދެ ގަޑިއިރު ކުރިން، ތުހުމަތުކުރެވޭ އެއް ކުއްޖެއްގެ މަންމަ ވަނީ ފުލުހުންނަށް ގުޅައި، އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވާން އުޅޭ ކަމަށާއި، ގޭގައި ހުރި ބައެއް ހަތިޔާރާއި އޭނާގެ ކާރު ނެތް ކަމަށް ރިޕޯޓްކޮށްފަ އެވެ. ފުލުހުން ފުރަތަމަ އެ ކުއްޖާ ހޯދަން ދިޔައީ އޭނާ ކިޔަވާ ހައިސްކޫލް ކައިރިއަށެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅެނިކޮށް، މިސްކިތުގައި ބަޑިޖަހާ ކަމުގެ ރިޕޯޓް ލިބުނީއެވެ.
މިސްކިތުގެ އިމާމް ތާހާ ހައްސާން ވިދާޅުވީ، މިސްކިތުގެ މުވައްޒަފުންނާއި، ޓީޗަރުން އަދި ކުދިން ތިބީ ސަލާމަތުން ކަމަށެވެ. އަދި އަޅުކަންކުރާ ބިނާއަކަށް މިފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަމަލާއަކީ "ބިރުވެރި ހާލަތެއް" ކަމަށް ސިފަކުރައްވައިފަ އެވެ. މިކަމާ ބެހޭ މައުލޫމާތުތައް ލިބިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލަ ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. -- އޭއެފްޕީ