އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރު އެދިވަޑައިގެންފައިވާ ކަމަށް އަންގާރަ ދުވަހު ސްމޮޓްރިޗް ބުނެފި އެވެ. 

ސްމޮޓްރިޗް ވަނީ މިކަމުގެ ފަހަތުގައި ވަނީ ފަލަސްތީނު ސަރުކާރު (ޕީއޭ) ކަމަށް ތުހުމަތުކޮށްފަ އެވެ.

ހޭގްގައި ހުންނަ އައިސީސީ އަކީ 'ޔަހޫދީންނާ ދެކޮޅު' ކޯޓުގެ ގޮތުގައި ސިފަކުރަމުން ސްމޮޓްރިޗް ބުނީ އޭނާ ހައްޔަރުކުރުމުގެ ބައިނަލްއަގުވާމީ އަމުރަކަށް އެދި ހުށަހަޅާފައިވާކަން ރޭގެ ވަގުތެއްގައި އަންގާފައިވާ ކަމަށެވެ. 

އޭނާ ހައްޔަރުކުރަން އެދުނީ ކޮން ކުށެއްގެ ތުހުމަތުގައިކަން ހާމަނުކޮށް ސްމޮޓްރިޗް ބުނީ އައިސީސީން އަމުރު ނެރެނީ ދޮގުގެ މައްޗަށް ކަމަށާއި އެ އަމުރުތައް ގަބޫލު ނުކުރާނެ ކަމަށެވެ. 

މިކަމާ ގުޅިގެން އައިސީސީގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ "މީޑިއާގައި ދެކެވޭ ވާހަކަތަކަށް ނުވަތަ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވާ ކަމަށް ބުނާ މައްސަލަތަކަށް ކޮމެންޓް ކުރެވެން ނެތް" ކަމަށެވެ.

މީގެ ކުރިން، ނޮވެމްބަރު 2024 ގައި އައިސީސީން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފަ އެވެ. އެއީ ޣައްޒާގައި ދެމުންދާ ހަމަލާތަކުގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފް އަމަލުތަކުގެ ތުހުމަތުގަ އެވެ.

ސްމޮޓްރިޗް ވަނީ ފަލަސްތީނުގެ ސަރުކާރުން މި ފިޔަވަޅު އެޅުމަށް ބާރުއަޅަމުންދާ ކަމަށް ތުހުމަތުކޮށް، އޭނާ އާއި ނަތަންޔާހޫ އަދި ގަލަންޓާ ދެކޮޅަށް އެޅި މި ފިޔަވަޅުތަކަކީ "ހަނގުރާމަ އިއުލާނުކުރުން" ކަމަށް ސިފަކޮށްފަ އެވެ.

މިކަމުގެ ބަދަލުހިފުމެއްގެ ގޮތުން އޭނާގެ ފުރަތަމަ އަމާޒަކަށް ވާނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުދުސްގެ އިރުމަތީގައި އޮންނަ ފަލަސްތީނުގެ ބަދަވީން ދިރިއުޅޭ 'ޚާން އަލް-އަހްމަރު'  އަވަށް ކަމަށް ސްމޮޓްރިޗް އިންޒާރު ދިނެވެ.

"މިތަނުގައި އަހަރެން ދައްކާ ވާހަކަ ނިމުމާ އެކު، ޚާން އަލް-އަހްމަރު ހުސްކުރުމުގެ އަމުރުގައި އަހަރެމެން ސޮއިކުރާނަން،" ޕްރެސް ކޮންފަރެންސެއްގައި އޭނާ ބުންޏެވެ.

އިޒްރޭލުގެ އާބާދުތަކުން ވަށާލާފައިވާ، ގުދުސްގެ ބާޒާރުމަތީ ސަރަހައްދާ 10 ކިލޯމީޓަރު ދުރުގައި ހުންނަ ކުދި ކޮޓަރިތަކާއި ފޭލިގެތަކެއް ހިމެނޭ ޚާން އަލް-އަހްމަރު އަވަށުގައި 750 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

އިޒްރޭކުގެ އާބާދީތަކަށް ފާރަވެރިވާ ޖަމާއަތެއް ކަމަށްވާ "ޕީސް ނައު" އިން ވަނީ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އެ ޖަމާއަތުން ބުނިގޮތުގައި، "މީހުން ބޭރުކުރުމާއި ބިންތައް ފޭރިގަތުމުގެ މިނިސްޓަރު (ސްމޮޓްރިޗް) މަސައްކަތް ކުރަމުންދަނީ ނިކަމެތި މުޖުތަމައެއްގެ ކިބައިން ބަދަލުހިފަން"  ކަމަށެވެ.

ޣައިރު ގާނޫނީކޮށް ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަހައްދެއްގައި ދިރިއުޅޭ ސްމޮޓްރިޗް އަކީ، ހުޅަނގު އައްސޭރި އެއްކޮށް އިޒްރޭލުގެ ދަށަށް ގެންދަން ވަރަށް ބޮޑަށް ވަކާލާތުކުރާ މީހެކެވެ.

އޭނާ ބުނީ، "މުޅި ސަރަހައްދު އިޒްރޭލުގެ ދަށަށް ގެނައުމަށްޓަކައި، އެތަނުގައި ތިބި ފަލަސްތީނުގެ އާންމުން އެތަނުން ބޭރުކުރަންޖެހޭ" ކަމަށެވެ.