ސްރީ ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ ބާސިލް ރާޖަޕަކްސަ އާއި ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯގެ ޗެއާމަން ބާޝްވަރާ ގުނަރަތުނަ އާއި މެނޭޖިން ޑިރެކްޓަރު ރޫމީ ޖައުފަރާއި އަދިވެސް އިތުރު ބަޔަކު ހައްޔަރުކުރުމަށް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި އަމުރު ނެރުނީ 2014 ވަނަ އަހަރު ބޭއްވި އޫވާ ޕްރޮވިންޝަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި، ޓޫރިޒަމް ޕްރޮމޯޝަން އޮތޯރިޓީގެ 7.8 މިލިއަން ރުޕީސް (ގާތްގަނޑަކަށް 367،000ރ.) އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
މެޖިސްޓްރޭޓް ޕަސަން އަމަރަސޭނާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް އެންގެވީ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށެވެ. މި އަމުރު ނެރުނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން، ދައުލަތުގެ މުދަލާ ބެހޭ ގާނޫނުގެ ދަށުން އެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަކާ ގުޅިގެންނެވެ.
ސީއައިޑީ އިން ކޯޓަށް މައުލޫމާތު ދިން ގޮތުގައި، ތުހުމަތުކުރެވޭ މީހުން ދިރިއުޅޭ ގެތަކަށް ގޮސް، އެ މީހުން ހައްޔަރުކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ސަބަބަކީ އެ މީހުން އެ ތަންތަނުގައި ނޫޅުން ކަމަށް ސީއައިޑީން ބުންޏެވެ.
މެޖިސްޓްރޭޓް ވަނީ ތުހުމަތުކުރެވޭ މީހުން ގައުމުން ބޭރަށް ދިއުން މަނާކޮށް - ޓްރެވަލް ބޭން އެއް ނެރެ - އެކަން އިމިގްރޭޝަން ކޮންޓްރޯލަރަށް އެންގުމަށް ވެސް އަމުރުކޮށްފަ އެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ހިމެނޭ ފައިސާ ބޭނުންކޮށްފައިވަނީ 12,000 ޓީޝާޓް ޕްރިންޓް ކުރުމަށެވެ. އެ ޓީޝާޓްތަކުގެ އެއްފަރާތުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ފޮޓޯއެއް އިންއިރު، އަނެއްފަރާތުގައި ސިޔާސީ ޕާޓީއެއްގެ ނަން ޖަހާފައިވެ އެވެ.
ސީއައިޑީ އިން ކޯޓުގައި ބުނި ގޮތުގައި މި ޓީޝާޓްތައް ބަހާފައިވަނީ މޮނަރަގަލާ ޑިސްޓްރިކްޓްގައި ބޭއްވި ސިޔާސީ ހަރަކާތެއްގެ ތެރޭގަ އެވެ.