ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިއަކު، ކޮރަޕްޝަނުގެ ތުހުމަތުގައި ބުދަ ދުވަހު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ އެންޓި-ގްރާފްޓް ކޮމިޝަނުން ބުނެފި އެވެ.

މިއީ އެއްދުވަސްވަރެއްގައި އެ ގައުމުގައި އެންމެ ބާރުގަދަވި ސިޔާސީ އާއިލާއާ ދެކޮޅަށް ފަށާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުން ފެށި އެއް މައްސަލަ އެވެ.

އުމުރުން 38 އަހަރުގެ ޔޯޝިތަ ރާޖަޕަކްސަގެ މައްޗަށް ތުހުމަތު ކުރެވެނީ، އޭނާގެ ކަނޑުގެ ސިފައިންގެ ތެރޭގައި އުޅުނު އިރު ގައުމުން ބޭރުން ތަމްރީނު ހޯދުމަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ. 

ބްރައިބަރީ ކޮމިޝަނުން ބުނި ގޮތުގައި، ޔޯޝިތަގެ މައްސަލަ ބަލަނީ ޝަރުތުތައް ހަމަނުވެ، ނޭވީގެ މަގާމުތަކުގައި ކުރިއެރުން ހޯދުމާއި، ދައުލަތުގެ ހަރަދުގައި އޮފިސަރުންގެ ތަމްރީނު ހޯދުމަށް އިނގިރޭސިވިލާތަށް ދިޔަ މައްސަލައިގަ އެވެ.

އޭނާއަކީ މަނީ ލޯންޑަރިންގެ ދެ މައްސަލައެއްގައި މީގެ ކުރިން ވެސް ދައުވާ އުފުލި، ގައުމުން ބޭރަށް ދިއުން މަނާކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކުރުމާ ހަމައަށް ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

"އޭނާ ހައްޔަރުކުރީ، އެންމެ އަސާސީ ޝަރުތުތައް ވެސް ހަމަނުވެ ވަޒީފާއަށް ވަނުމަށް އެހީތެރިވެދިނުމާއި ހިތްވަރު ދިނުން، އަދި އޭގެ ފަހުން ގައުމުން ބޭރުގެ ތަމްރީނުތަކަށް ދައުލަތުގެ ފައިސާ ބޭނުންކުރުމާ ގުޅޭ ތުހުމަތުގައި،" ކޮމިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.

ޔޯޝިތަ ރާޖަޕަކްސަ ވަނީ އިނގިރޭސިވިލާތުގެ ނޭވަލް ކޮލެޖެއް ކަމަށްވާ ޑާޓްމައުތުގެ އަގުބޮޑު ކޯހެއް ފުރިހަމަކޮށްފަ އެވެ.

އޭނާ އެ ކޯސް ފުރިހަމަކުރި ދުވަސްވަރު، ބައްޕަ މަހިންދަ ރާޖަޕަކްސަ ހުންނެވީ ރައީސްކަމުގެ މަގާމުގަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޔޯޝިތަ ޑާޓްމައުތުން ފުރުސަތު ހޯދުމަކީ،  އެ ފުރުސަތު ހައްގުވާ އެހެން ނޭވީ ކެޑޭޓެއްގެ ފުރުސަތު ބޭއިންސާފުން އަތުލުން ކަމަށެވެ.

ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު 2024 ވަނަ އަހަރުގެ އިންތިހާބު، ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ކާމިޔާބު ކުރެއްވި ފަހުން، ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް ހުރި މައްސަލަތައް ބެލުން ވަނީ ވަރަށް ބޮޑަށް ހަލުވިވެފަ އެވެ.

ރާޖަޕަކްސަ އާއިލާގެ ބައެއް މެންބަރުންނާއި އެ މީހުންގެ ގާތް ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނާއި މީހުން މެރުން ފަދަ އެކި ކުށްތަކުގެ ދައުވާތައް އުފުލާފައިވާއިރު، އެ ހުރިހާ މައްސަލައެއް ވެސް އަދި ހުރީ ކޯޓުތަކުގަ އެވެ.

މީގެ އިތުރުން، އޭނާގެ ބައްޕަ 2005 އިން 2015 އަށް ވެރިކަމުގައި ހުންނެވި ދުވަސްވަރު ގެއެއް ގަތުމަށް ބޭނުންކުރި ފައިސާ ލިބުނު ގޮތް ސާފުކޮށްދެވިފައި ނުވާތީ، ޔޯޝިތަ ރާޖަޕަކްސައަށް ޖިނާއީ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.

ތަހުގީގުގައި އޭނާ ބުނެފައިވަނީ، އެއީ އޭނާގެ ބޮޑުދައިތަ ދިން ޖަވާހިރުތަކެއް ވިއްކައިގެން ހޯދި ފައިސާ ކަމަށެވެ. ނަމަވެސް އެ ބޮޑުދައިތައަށް އެ ޖަވާހިރުތައް ލިބުނު ގޮތެއް ހަނދާން ނެތް ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ޓީވީ ނެޓްވޯކެއް ބައްލަވައިގަތް މައްސަލައެއް ވެސް އޭނާއާ ދެކޮޅަށް ދަނީ ބަލަމުންނެވެ.

މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ ގޮތާބަޔާ ރާޖަޕަކްސަ 2019 ގައި ރައީސްކަމަށް ވަޑައިގެންނެވި ނަމަވެސް، އިގްތިސާދީ ބޮޑު ހީނަރުކަމާ ގުޅިގެން ފެށުނު މުޒާހަރާތަކާ ހެދި 2022 ވަނަ އަހަރު އޭނާއަށް ވަނީ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވެފަ އެވެ.

ގޮތާބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ދިއުން މި މަހުގެ ކުރީކޮޅު މަނާކޮށްފައިވާއިރު، 2019 ވަނަ އަހަރު 279 މީހުން މަރުވި އީސްޓާ ސަންޑޭ ބޮމުގެ ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށްފާނެތީ، އެކަން ހުއްޓުވުމުގެ އަމުރަކަށް ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. -- އޭއެފްޕީ