ކަރުދާސް ނޫޓު ޗާޕުކުރުމާއި ބޭނުންނުކުރެވޭވަރަށް ބާވުމުން އެ ނައްތާލުމަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުންނާއި، ފައިސާއަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެ ގައުމުގައި ޕޮލިމާ (ޕްލާސްޓިކް) ނޫޓު ތައާރަފުކުރަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގައި ޕޮލިމާ ނުވަތަ ޕްލާސްޓިކް ނޫޓު ބޭނުންކުރެވޭނެތޯ ބެލުމަށް، މަރުކަޒީ ބޭންކް، އާރުބީއައި އިން ދާދިފަހުން ޕަޓްނާ އަދި މުމްބާއީގައި ބޭއްވި ބޯޑު ބައްދަލުވުންތަކުގައި ބައެއް ހުށަހެޅުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މި ބަދަލަށް ވިސްނަމުންދަނީ، އާދައިގެ ކަރުދާސް ނޫޓާ އަޅާބަލާއިރު ޕޮލިމާ ނޫޓު މާގިނަ ދުވަހު ހަލާކުނުވެ ހުންނާތީ އާއި އުފައްދަން ހިނގާ ހަރަދު ވެސް ކުޑަވުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، މަރުކަޒީ ބޭންކުން ދަނީ ޕޮލިމާ ނޫޓުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ. އަދި މާލަސްތަކެއް ނުވެ މިކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.
އާރުބީއައި ގެ 2025 ވަނަ މާލީ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި، ފައިސާ ނޫޓު ޗާޕުކުރުމަށް ހިނގި ހަރަދު ވަނީ 5,101.4 ކްރޯޑް ރުޕީސް (828 މިލިއަން ދިވެހި ރުފިޔާ) އިން 6,372.8 ކްރޯޑް ރުޕީސް (1 ބިލިއަން ދިވެހި ރުފިޔާ) އަށް އިތުރުވެފަ އެވެ. މި ހަރަދު ބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ ފައިސާއަށް އޮތް ޑިމާންޑް އިތުރުވުމެވެ.
މީގެއިތުރުން، ބާވެ ހަލާކުވެފައިވާ ނޫޓުތައް ނައްތާލުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތައް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ބާވެ ހަލާކުވެގެން ބޭނުންކުރުން ހުއްޓާލި ނޫޓުގެ އަދަދު ގާތްގަނޑަކަށް 23.8 ބިލިއަނަށް އަރާ ކަމަށް 2025 ވަނަ މާލީ އަހަރުގެ ރިޕޯޓްގައިވެ އެވެ. މިއީ އޭގެ ކުރީ މާލީ އަހަރާ އަޅާބަލާއިރު (21.24 ބިލިއަން ނޫޓު) 12.3 ޕަސެންޓް އިތުރުވުމެކެވެ. ބޭނުންކުރުން ހުއްޓާލި ނޫޓުތަކުގެ ތެރޭގައި އެންމެ ގިނައީ 500 ރުޕީސްގެ ނޫޓެވެ. އަދި ދެވަނައަށް އެންމެ ގިނައީ 100 ރުޕީސްގެ ނޫޓެވެ.
ޕޮލިމާ ނޫޓު އުފައްދަނީ "ބައި-އެކްސިއަލީ އޮރިއެންޓަޑް ޕޮލިޕްރޮޕިލީން" (ބީއޯޕީޕީ) ފިލްމު ބޭނުންކޮށްގެންނެވެ. މި މެޓީރިއަލްގެ ސަބަބުން، ވަގު ފައިސާ ހެދުން ހުއްޓުވުމަށް އެހީތެރިވެދޭ ކުރިއަރާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި "މެޓަމެރިކް އިންކް" (އަލި އެޅުވުމުން ކުލަ ބަދަލުވާ ދެލި) ފަދަ މުހިންމު ސިފަތައް ނޫޓުތަކުގައި ހިމެނުމަށް މަގުފަހިވެ އެވެ.
ކަރުދާސް ފައިސާއާ އަޅާބަލާއިރު، މި ނޫޓުތަކަކީ ތެތްކަން ނުހިފާ، ފަތްޖެހުމުން ފަސޭހައިން ހަލާކުނުވާ އަދި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ވެސް ކުޑަ އެއްޗެކެވެ.
އޮސްޓްރޭލިއާއަކީ 1988 ވަނަ އަހަރު އެންމެ ފުރަތަމައަށް ޕޮލިމާ ނޫޓް ތައާރަފުކުރި ގައުމެވެ. އަދި 1996 ވަނަ އަހަރު އައިއިރު އެ ގައުމުން ވަނީ ކަރުދާސް ނޫޓް ބޭނުންކުރުން އެއްކޮށް ހުއްޓާލައި، ޕޮލިމާ ނޫޓަށް މުޅި ސިސްޓަމް ބަދަލުކޮށް ނިންމައިފަ އެވެ.
އިންޑިއާގައި ޕޮލިމާ ނޫޓު ނެރެން ފަށާނެ ވަކި ތާރީހެއް ނުވަތަ މުއްދަތަކާ ގުޅޭގޮތުން އާރުބީއައި އިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.