އިންޑިއާގެ މަރުކަޒީ ބޭންކުން ރުޕީސްގެ އަގު ހިފެހެއްޓުމަށް އެތައް މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު އެމެރިކާ ޑޮލަރަކަށް 95 ރުޕީސްއާ ހަމަޔަށް ފައިސާގެ އަގު ވެއްޓިއްޖެ އެވެ. ނަމަވެސް ދުވަސް ނިމުނުއިރު އަގު ވަނީ ކުޑަކޮށް މައްޗަށް ޖެހިފަ އެވެ.
އޭޝިއާގެ ފޮރެކްސް މާކެޓުގައި 2025 ވަނަ އަހަރު އެންމެ ބޮޑަށް އަގު ވެއްޓުނު ފައިސާތަކުގެ ތެރޭގައި ރުޕީސް ހިމެނުނުއިރު، މި އަހަރު ވެސް އައީ އަގު ދަށްވަމުންނެވެ.
ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރުޕީސްއަށް އޮތް ޕްރެޝަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސަބަބަކީ ބޭރުގެ އިންވެސްޓަރުން އިންޑިއާގެ ހިއްސާގެ ބާޒާރުން ހިއްސާ ވިއްކާލުމާއި، ހަކަތަ އިމްޕޯޓް ކުރުމަށް އިންޑިއާއިން ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ބިރު އޮތުމެވެ.
މިއަދު މެންދުރުފަހު ރުޕީސްގެ އަގު ވަނީ 95.21 އަށް ވެއްޓިފަ އެވެ. މިއީ ހުކުރު ދުވަސް ނިމުނު އިރު ހުރި އަގަށް ވުރެ 0.3 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް ފަހުން ވަނީ 94.83 އަށް އަގު މައްޗަށް ޖެހިފަ އެވެ.
"ނޮމޫރާ" އެނަލިސިސް ގްރޫޕުން ހޯމަ ދުވަހު ނެރުނު ނޯޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާ އަކީ ހަކަތައިގެ އަގަށް އަންނަ ލޮޅުންތަކުގެ ނުރައްކާ އޭޝިއާގައި އެންމެ ބޮޑަށް އޮތް އެއް އިގްތިސާދު ކަމަށެވެ.
މި ސަބަބާ ހުރެ ބޭރުގެ އިންވެސްޓަރުން ވަނީ މި މަހު އެކަނިވެސް އިންޑިއާގެ ހިއްސާގެ ބާޒާރުން ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފަ އެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ މާލީ ހާލަތު ގޯސްވެއްޖެ ނަމަ، މިގޮތަށް ފައިސާ ބޭރުވާ މިންވަރު އިތުރުވެދާނެ ކަމަށް ނޮމޫރާއިން ލަފާކުރެ އެވެ.
ރުޕީސްގެ އަގު މިހާ ބޮޑަށް ވެއްޓުނީ، އިންޑިއާގެ މަރުކަޒީ ބޭންކު (އާރްބީއައި) އިން މާކެޓަށް ޑޮލަރު ނެރެގެން އަގު ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ. ހުކުރު ދުވަހު އާރްބީއައި އިން ވަނީ ބޭންކުތަކަށް ދުވާލަކު ގެންގުޅެވޭނެ ބޭރު ފައިސާގެ މިންވަރު 100 މިލިއަން ޑޮލަރުގައި ހިފަހައްޓައިފަ އެވެ.
އިންޑިއާގެ ބައެއް މާހިރުންނާ ހަވާލާދީ އޭއެފްޕީން ބުނީ މަރުކަޒީ ބޭންކުގެ މި ފިޔަވަޅުން ފައިސާގެ އަގު ކޮންމެވެސް ވަރަކަށް ހިފެހެއްޓުނު ކަމުގައި ވިޔަސް މިއީ ވަގުތީ ކަމެކެވެ. އެ މީހުން ބުނެފައިވާ ގޮތުގައި، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މަތީގައި ހުރުމާއި، ބޭރުގެ އިންވެސްޓަރުން ފައިސާ ބޭރުކުރަމުން ދިއުމަކީ އެއްވެސް ފިޔަވަޅަކުން ފަސޭހައިން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.