ލުބްނާނުގެ ދެކުނު ސަރަހައްދުގައި ހިނގި ދެ ކުރިމަތިލުމެއްގައި އިޒްރޭލު ސިފައިންގެ ދެ މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނެފި އެވެ.
މިއާއެކު، މާޗް މަހުގެ ކުރީކޮޅުން ފެށިގެން މަރުވި އިޒްރޭލު ސިފައިންގެ ޖުމްލަ އަދަދު މިހާރު ވަނީ 27 އަށް އަރައިފަ އެވެ.
އިޒްރޭލު ސިފައިން ނެރުނު ދެ ބަޔާނެއްގައި ބުނީ، "ދެކުނު ލުބްނާނުގައި ހިނގި ކުރިމަތިލުންތަކެއްގައި" މަރުވެފައިވަނީ އުމުރުން 20 އަހަރުގެ ސްޓާފް ސާޖަންޓް އެޑަމް ޒަރްފާތީ އާއި، އުމުރުން 30 އަހަރުގެ ކެޕްޓަން ޑޮކްޓަ އޮރީ ޔޫސެފް ސިލްވެސްޓާ ކަމަށެވެ.
އިޒްރޭލު އަސްކަރިއްޔާގެ އޮފިޝަލުން އޭއެފްޕީއަށް ބުނި ގޮތުގައި، ޒަރްފާތީ އާއި ސިލްވެސްޓާ މަރުވީ ހިޒްބުالله އިން ދިން ޑްރޯން ހަމަލާތަކެއްގަ އެވެ.
އަސްކަރިއްޔާއިން ބުނި ގޮތުގައި، ސިލްވެސްޓާ މަރުވީ އާދީއްތަ ދުވަހު އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެނައި ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ބޯފޯޓް ކާސަލް ކައިރީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އީރާނަށް ތާއީދުކުރާ ޝީއީ ހަނގުރާމަވެރި ޖަމާއަތް، ހިޒްބުالله އިން މާޗް 2 ގައި އަލުން ހަމަލާތައް ފެށި ފަހުން މިހާތަނަށް އިޒްރޭލުގެ 27 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ސިފައިންނާއި އާންމު ކޮންޓްރެކްޓަރެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރޭ އިއުލާނުކުރައްވާފައިވާ ގޮތުގައި ހިޒްބުﷲ އާއި އިޒްރޭލުން ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފަ އެވެ. އެކަމަކު އެކަން އިއުލާނުކުރި ފަހުން ވެސް ދެ ފަރާތުން ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ.