ހިޒްބުﷲ އިން ފޮނުވާލި މިސައިލްތަކެއް ވައްޓާލުމަށް ފަހު އާދިއްތަ ދުވަހު އިޒްރޭލު ސިފައިން ލުބްނާންގެ ބައިރޫތުގެ ދެކުނު ސަރަހައްދުގައި ހުރި ދެ އެޕާޓްމަންޓް ބިލްޑިންގަކަށް ހަމަލާދީފި އެވެ.

އިޒްރޭލާއި ހިޒްބުالله އާ ދެމެދު މެދުނުކެނޑި ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، އީރާނުގެ ތާއީދު އޮންނަ މި ޖަމާއަތުގެ މަރުކަޒުތައް ހުންނަ، ވެރިރަށުގެ ދެކުނުގެ ސަރަހައްދުތަކަށް އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ހަމަލާދީފައިވަނީ އެންމެ ދެ ފަހަރު އެވެ. އެހެންވެ އެއީ  ނިސްބަތުން އަމާންކޮށް އޮތް ސަރަހައްދެކެވެ.

އިޒްރޭލުން ފަހުން ވަނީ ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އިތާރާތު އަދި އެ ސިޓީގެ ވަށައިގެންވާ ބޮޑު ސަރަހައްދަކުން މީހުން ހުސްކުރުމަށް އިންޒާރު ނެރެފަ އެވެ. އެ ސަރަހައްދަކީ އާންމުކޮށް ހަމަލާތައް އަމާޒުވާ ސަރަހައްދެކެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި، އިޒްރޭލު ސަރަހައްދަށް ހިޒްބުالله އިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ސިފައިން ވަނީ ބައިރޫތުގެ ދާހިޔާ ސަރަހައްދުގައި ހުރި ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރަކަށް ހަމަލާދީފަ އެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުވެފައިވަނީ ދެ އިމާރާތެއްގައި ހުރި ދެ އެޕާޓްމަންޓަކަށެވެ.

އޭއެފްޕީގެ ފޮޓޯގްރާފަރަކަށް ފެނުނު ގޮތުގައި ހަނި މަގެއްގައި ހުރި އިމާރާތެއްގެ ދެ އެޕާޓްމަންޓަކަށް ގެއްލުންވެފައިވާއިރު، އެ ސަރަހައްދު ދޫކޮށް ދާން އާންމުން މަސައްކަތް ކުރުމުގެ ސަބަބުން މަގުތައް ބާރުވެ، ލުބުނާނުގެ ސިފައިން ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހަފްތާގެ ކުރީކޮޅު އެމެރިކާ އާއި ލުބުނާނާއި އިޒްރޭލުގެ މަންދޫބުން ވަނީ ޝަރުތުތަކަކާ އެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ވާހަކަ ދައްކައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހިޒްބުالله އިން ހަމަލާދިނުން ހުއްޓާލައި އިޒްރޭލުގެ ބޯޑަރު ކައިރިން ފަހަތަށް ޖެހެން ޖެހެ އެވެ.

ނަމަވެސް ހިޒްބުالله އިން ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދައި، ލުބުނާނުގެ ބިމުން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމަށް ޝަރުތުކޮށްފަ އެވެ.

މި އެއްބަސްވުމުގެ ވާހަކަ ދެކެވުނަސް، ހިޒްބުالله އިން އިޒްރޭލުގެ އުތުރަށް ހަމަލާދީފި ނަމަ ބައިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ކުރިން ވެސް އޮތީ ދީފަ އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ހަނގުރާމައިގައި އިޒްރޭލުން ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން މަދުވެގެން 131 މީހަކު މަރާލައިފަ އެވެ. 

"އަހަރެމެން ރޮކެޓެއް ނުގެންގުޅެން، އަހަރެމެންގެ ހަމައެކަނި ހަތިޔާރަކީ މީހުންނަށް ފޯރުކޮށްދޭ ފާރޮށި/ޕާން. އެމީހުން ގޮސް އެ އާއިލާއަށް ޕާން ދިނުމަށްފަހު ނިކުތްތަނާ ޑްރޯންއަކުން ހަމަލާދިނީ،" ސަލާމަތްކުރާ މީހެއް ކަމަށްވާ ގާސިމް ފުއާނީ އޭއެފްޕީއަށް ކިޔައިދިނެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާއި އެއްގަމު މަގުން އަރައިގަތުމުގެ ސަބަބުން މިހާތަނަށް 3,600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ