އީރާނާއި އެމެރިކާއިން ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމަށް ފަހު އަނެއްކާވެސް ހާލަތު ގޯސްވެފައި ވަނިކޮށް އީރާނުން މިއަދު ދިން ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.
ކުވައިތުން ބުނީ އީރާނުން މިސައިލާއި ޑްރޯނުން ދިން ހަމަލާތަކުގައި ފަސިންޖަރުންގެ ޓާމިނަލަށް ގެއްލުންވެ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އެމެރިކާ އާއި ބަހްރެއިނުން ވަނީ އީރާންގެ ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
އީރާނުން ރައްދުގައި ހަމަލާ ދިނީ އީރާނަށް ދިޔަ ބޯޓަކަށް އެމެރިކާ ސިފައިން ހަމަލާދީފައި ވަނިކޮށެވެ. އަދި އޭގެ ފަހުން އެމެރިކާއިން ވަނީ އީރާންގެ ރަށެއްގައި ކަމަށްވާ ގިޝްމްގައި ގާއިމުކޮށްފައިވާ ކޮމާންޑް ސެންޓަރަކަށް ވެސް ހަމަލާ ދީފަ އެވެ.
ކުވެއިތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ސައުދު އަބްދުލްއަޒީޒް އަލް-އަތުވާން މި ހަމަލާ ސިފަކުރެއްވީ، "އިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެ، މީހުން ޒަހަމްވި، އީރާނުގެ އުދުވާނެއް" ގެ ގޮތުގަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލް-އަތުވާން ވިދާޅުވީ ޒަހަމްވި މީހުންނަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ވިދާޅެއް ނުވެ އެވެ.
ކުވައިތުގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި، "ޓާމިނަލް ވަން އަށް އީރާނުން ދިން ހަމަލާތަކެއްގައި މީހުންނަށް އަނިޔާވެ، ގެއްލުންތަކެއް ވުމާ ގުޅިގެން" ސިވިލް އެވިއޭޝަން އިދާރާއިން ވަނީ ވައިގެ ދަތުރުފަތުރު ހުއްޓާލައި، އަންނަން ހުރި ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށްފައި ކަމަށެވެ.
އީރާން އަސްކަރިއްޔާގެ އިންގިލާބީ ލަޝްކަރުން ވަނީ އެ ގައުމުގެ ރަށެއް ކަމަށްވާ ގަޝްމްގައި ހުރި މުއާސަލާތީ ޓަވަރަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް، ކުވެއިތުގެ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
"މި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން، ސަރަހައްދުގެ ގައުމެއްގައި ހުރި އެ މީހުންގެ އެއާ ބޭހާއި ހެލިކޮޕްޓަރުތަކަށާއި، އެމެރިކާގެ ފިފްތު ފްލީޓްގެ ހެޑްކުއާޓަރަށް އިންގިލާބީ ލަޝްކަރުގެ އެއިރޯސްޕޭސް ފޯސްގެ މިސައިލާއި ޑްރޯންތަކުން ވަނީ ހަމަލާދީފައި،" އީރާންގެ އަސްކަރިއްޔާއިން ބުންޏެވެ.
ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަނގުރާމައިގެ ތެރޭގައި އެތައް ފަހަރަކު ހަމަލާދީފައިވާއިރު، އެއާޕޯޓުގެ ހިދުމަތްތައް ފުރިހަމައަށް އަލުން ފެށީ މި މަހުގެ 1 ގަ އެވެ.
އެމެރިކާގެ ބައިވެރިއެއް ކަމަށްވާ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވެއިތަށް އީރާނުގެ ހަމަލާތައް އަމާޒުވާން ފެށީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެގައުމުގެ އިސްވެރިންތަކެއް އަވަހާރަކޮށްލުމުން އެކަމުގެ ރައްދުގަ އެވެ.
އީރާނުން ތަކުރާރުކޮށް ތުހުމަތުކުރާ ގޮތުގައި، ކުވެއިތާއި ގަލްފުގެ އެހެން ގައުމުތަކުން ދަނީ އެމެރިކާ ސިފައިންނަށް އެގައުމުތަކުގެ ބިން ބޭނުންކޮށްގެން ހަމަލާދިނުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ކުވެއިތާއި ބަހްރޭނަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި، އަދި އީރާނުގެ ގިޝްމް އަށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
"ކުވެއިތަށް ފޮނުވާލި އީރާނުގެ ދެ މިސައިލެއް އަމާޒަށް ނުފޯރައި ވެއްޓުނު. އަދި ބަހްރޭނަށް ފޮނުވާލި ތިން މިސައިލެއް އެމެރިކާ އާއި ބަހްރޭނުގެ އެއާ ޑިފެންސް ފޯސްއިން ވަނީ ވަގުތުން ހުއްޓުވާފައި،" ސެންޓްކޮމްގެ ބަޔާނުގައިވެ އެވެ.
ބަހްރޭނުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އީރާނުން ފޮނުވާލި ތިން މިސައިލަކާއި ބައެއް ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ