މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ-ވަތަނީ ޕާޓީން ވެސްޓް ބެންގާލްގެ އިންތިހާބު ކާމިޔާބުކުރި ފަހުން، ބަންގްލަދޭޝްގެ ގާތްގަނޑަކަށް 5,000 މީހުން ޑިޕޯޓްކޮށްލާފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާބާދީ 100 މިލިއަނަށްވުރެ ބޮޑު،ބަންގްލަދޭޝްގެ ބޯޑަރު ހިއްސާކުރާ މި ސްޓޭޓްގެ އިންތިހާބު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރީ، ގަވާއިދާ ހިލާފަށް އުޅޭ ހިޖުރަވެރިން ހޯދައި ޑިޕޯޓްކުރާނެ" ކަމަށް ވައުދުވަމުންނެވެ.

އިންޑިއާއިން ބަންގްލަދޭޝްއާ، ދިގު ބޯޑަރެއް ހިއްސާކުރާއިރު، ތާރީހީ ގޮތުން ބަލާއިރު އިގްތިސާދީ ދަތިކަމާއި އާއިލީ ގުޅުންތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބަންގްލަދޭޝްއިން އިންޑިއާއަށް ހިޖުރަކުރެ އެވެ.

ވެސްޓް ބެންގާލްގެ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި، މިޔަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ފިލައިގެން އުޅޭ ރޮހިންޖާ މުސްލިމުން ބޭތިއްބުމަށްޓަކައި ޑިޓެންޝަން ސެންޓަރުތަކެއް ހެދުމަށް ވަނީ އަމުރުކޮށްފަ އެވެ.

ސްޓޭޓްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ، ވެރިރަށް ކޮލްކަތާގައި އާދިއްތަ ދުވަހު ވިދާޅުވީ، މިހާތަނަށް ބަންގްލަދޭޝްގެ 5,000 އެއްހާ މީހުން ބޯޑަރު ހުރަސްކޮށް ފޮނުވާލާފައިވާ ކަމަށެވެ.

"ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ) ގެ ދަށުން އިސްތިސްނާނުވާ، ބަންގްލަދޭޝްއިން ސިއްރުން އެތެރެވި މީހުން ޑިޕޯޓްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ވަނީ ފަށާފައި،" މެއި މަހުގެ ތެރޭގައި ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއްގައި 'ހޯލްޑިން ސެންޓަރުތައް' ގާއިމުކޮށްފައިވާކަން ފާހަގަކުރައްވަމުން އަދިކާރީ ވިދާޅުވި އެވެ.

"މި ސެންޓަރުތަކުން މިހާތަނަށް 4,800 ބަންގްލަދޭޝް މީހުން ވަނީ ޑިޕޯޓްކޮށްފައި. އަދި އިތުރު 836 މީހުން މިހާރުވެސް ސެންޓަރުތަކުގައި އެބަތިބި. އެމީހުން ވެސް ވީ އެންމެ އަވަހަކަށް ޑިޕޯޓްކޮށްލުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުން،" އަދިކާރީ ވިދާޅުވި އެވެ.

މި ޑިޕޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ބޯޑަރު ހިއްސާކުރާ މި ސްޓޭޓްގައި ހިޖުރަވެރިންގެ މައްސަލައިގައި ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އިންޑިއާގެ އިސް ބައެއް އޮފިޝަލުން މީގެ ކުރިން، ހިޖުރަވެރިންނަކީ "ކަތުރުފަނި" ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި، ބީޖޭޕީގެ މި ހަރުކަށި ބަސްމަގާއި ސިޔާސަތުތަކުގެ ސަބަބުން، އިންޑިއާގައި އުޅޭ 200 މިލިއަނަށްވުރެ ގިނަ މުސްލިމުންގެ މެދުގައި ބިރުވެރިކަމާއި އެކަހެރިކަން ދަނީ އިތުރުވަމުންނެވެ. އަދި އެ ޕާޓީން ދީނީ އައިޑެންޓިޓީ އާއި ގަވާއިދާ ހިލާފަށް އެތެރެވުން އެއްކޮށްލައިގެން ސިޔާސީ ފައިދާ ނަގާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ހިއުމަން ރައިޓްސް ޖަމާއަތްތަކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އިންޑިއާއިން ވަނީ އެއްވެސް ޝަރުއީ އިޖުރާއަތަކާ ނުލައި، ބެންގާލީ ބަހުން ވާހަކަދައްކާ އެތައް ސަތޭކަ މުސްލިމުންނެއް ގަދަކަމުން ބަންގްލަދޭޝްއަށް ފޮނުވާލައިފަ އެވެ.

އިންޑިއާ އާއި މުސްލިމް އަޣްލަބިއްޔަތު އޮންނަ ބަންގްލަދޭޝްގެ ގުޅުން ގޯސްވީ، 2024 ވަނަ އަހަރު، އިންޑިއާއާ ގުޅުން ބޮޑު އޭރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވައްޓާލުމާ ގުޅިގެންނެވެ. ހަސީނާއާ ދެކޮޅު މުޒާހަރާތައް ހޫނުވުމާ އެކު ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ނަމަވެސް، މިއަހަރުގެ ފެބްރުއަރީ މަހު ބަންގްލަދޭޝްގައި އާ ސަރުކާރެއް އިންތިޚާބުވުމުން، ދެގައުމުގެ ގުޅުން މިހާރު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

ބަންގްލަދޭޝް އާއި އިންޑިއާގެ ބޯޑަރު ބަލަހައްޓާ ފައުޖުތަކުގެ ވެރިން ހޯމަ ދުވަހު ނިއު ދިއްލީގައި ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. -- އޭއެފްޕީ