ހުޅަނގު އައްސޭރި ހިފުމަށާއި ޣައްޒާ އަލުން އިސްތިއުމާރު ކުރުމަށް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ފާޅުގައި ވަކާލާތު ކުރަމުންދާތީ، އޭނާ ވެސް ފްރާންސަށް އެތެރެވުން މަނާކޮށްފި އެވެ.  

ފްރާންސްގެ ފޮރިން މިނިސްޓަރު ޝާން-ނޮއެލް ބަރޯ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، ޔަހޫދީ އާބާދީތައް ހިންގާ ޖަމާއަތްތަކުގެ ހަތަރު ލީޑަރަކާއި، އެފަދަ ޖަމާއަތްތަކުގެ ތެރެއިން ހަމަނުޖެހުން ހިންގާ 21 މީހަކު ވެސް ފްރާންސްގެ ސަރަހައްދަށް ވަނުން ވަނީ މަނާކޮށްފައެވެ.

އޭނާ ވަނީ މިއީ "ދެ ދައުލަތުގެ ހައްލަށް ފުރިހަމައަށް ތާއީދުކުރާ ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު އަޣްލަބިއްޔަތަކަށް ގަބޫލުނުކުރެވޭނެ ސިޔާސަތެއް" ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުޅަނގު އައްސޭރީގައި އާބާދީތައް އިތުރުކުރުމާއި ހަމަނުޖެހުން ހިންގުމަށް ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅުމަށް ނިންމި ނިންމުމަކީ އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ނޯވޭގެ ނިންމުންތަކާ އެއްގޮތަށް ނިންމި ނިންމުމެކެވެ.

ހަރުކަށި ކަނާތު ފިޔައިގެ 'ރިލިޖަސް ޒަޔަނިސްޓް' ޕާޓީއަށް ނިސްބަތްވާ ސްމޮޓްރިޗް އަކީ، މި ފަހުން ފްރާންސުން އެގައުމަށް އެތެރެވުން މަނާކުރި އިޒްރޭލުގެ ދެވަނަ މިނިސްޓަރެވެ.

މީގެ ކުރިން، ފްރާންސުން ވަނީ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު ވެސް އެގައުމަށް އެތެރެވުން މަނާކޮށްފަ އެވެ. އޭނާ މަނާކުރީ، ހިސާރުކޮށްފައިވާ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ އުޅަނދުތަކުން އިޒްރޭލު ސިފައިން ހައްޔަރުކުރި އެކްޓިވިސްޓުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމާ ގުޅިގެންނެވެ.

ބެން ގަވީރު އަދި ސްމޮޓްރިޗް އަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަން ސަރުކާރުގެ އެންމެ މުހިންމު ދެ މީހުންނެވެ.

މީގެ އިތުރުން، އަޔަލޭންޑުން ވެސް ވަނީ މި ދެ މިނިސްޓަރުން އެގައުމަށް އެތެރެވުން މަނާކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުން މިދިޔަ އަހަރުގެ ޖޫން މަހު މި ދެމީހުން މަނާކޮށްފައިވާއިރު، ސްޕެއިން އަދި ސްލޮވީނިއާ ހިމެނޭ ގޮތަށް އެހެން ގައުމުތަކުން ވެސް ވަނީ މި ފިޔަވަޅު އަޅައިފަ އެވެ.