އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: އޭއެފްޕީ
20 އޯގަސްޓް 2025 - 05:51
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރުމުން ޔަހޫދީންނާ މެދު ނަފްރަތުގެ އަމަލުތައް އިތުރުވެއްޖެ ކަމަށް ބުނެ އެ ދެ ކަންތައް އެއްހަމަޔަކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އަށް ސިޓީ ފޮނުވައިފި އެވެ.
އޭއެފްޕީއަށް މި ސިޓީ ފެނިފައި ވާއިރު ފްރާންސްގެ ވަޒީރަކު މި ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ އެންޓިސެމިޓިޒަމް ނުވަތަ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
އިޒްރޭލުން ފްރާންސަށް ބަހުގެ ހަމަލާތައް ދަމުން ގެންދަނީ އަންނަ މަހު ބާއްވާ އދ.ގެ އާންމު ޖަލްސާގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަމަށް މިދިޔަ މަހު އިއުލާނުކުރި ހިސާބުންނެވެ.
އެހެންވެ ފްރާންސް ވާނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ގައުމުތަށް އިތުރުވެފައި ވާއިރު އެ ލިސްޓަށް އިތުރުވާ ނުފޫޒު ގަދަ ގައުމަކަށެވެ.
މެކްރޮންއަށް ނަތަންޔާހޫ ފޮނުވި ސިޓީގައި ވަނީ ފްރާންސްގެ ނިންމުން އިއުލާނުކުރުމާ އެކު ފްރާންސްގައި އެންޓިސެމިޓިޒަމް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ގޮވައިލެއްވުމުން އެންޓިސެމިޓިޒަމްގެ ހުޅުގަނޑަށް ޖެހެނީ ތެޔޮ. އެއީ ޑިޕްލޮމެސީއެއް ނޫޏް، އެއީ މީހުން ރުއްސުން. އެކަމުން ބަދަލު ލިބެނީ ހަމާސްގެ ޓެރަރިޒަމަށް. ރަހީނުން މިނިވަންކުރުމަށް ހަމާސް އިން ދެކޮޅުހެދުން ވެސް އިތުރަށް ވަނީ ވަރުގަދަ،" ނަތަންޔާހޫގެ ސިޓީގައިވެ އެވެ.
އދ.ގެ މެމްބަރު 193 ގައުމުގެ ތެރެއިން، ފަލަސްތީނުގެ ދައުލަތެއް މިހާރު ބަލައިގަންނަ ނުވަތަ ބަލައިގަތުމުގެ ވިސްނުން ގެންގުޅޭ 145 ގައުމުގެ ތެރޭގައި ފްރާންސް ހިމެނެ އެވެ. މި މަހު ކުރީކޮޅު އޮސްޓްރޭލިއާ ވެސް ވަނީ މި ލިސްޓަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
20 August 2025
އެންޓިސެމިޓިޒަމް އެއީ ކޯއްޗެއް؟ ތިޔަ އިތުރުވާ އެއްޗެއް އިތުރުވަނީ ނަތަންޔާހޫގެ ސަބަބުން. ނަތަންޔާހޫގެ އޮކިއުޕައި ކުރުމުގެ ސަބަބުން