ބުލީކުރުން ހުއްޓުވުމަށް މެލޭޝިއާގައި އަލަށް އަމަލުކުރަން ފެށި ގާނޫނަކާއި އެކަމަށް ހާއްސަކޮށް އުފެއްދި ޓްރައިބިއުނަލަށް އެ ގައުމުގެ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ޖަމިއްޔާތަކުން މަރުހަބާ ކިޔައިފި އެވެ. ނަމަވެސް، ކުދިން ކުރާ ކަންކަމަށް ބެލެނިވެރިން ޒިންމާދާރުކުރެވޭ ގޮތަށް އޮތް މާއްދާއަކާ މެދު އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މެލޭޝިއާ ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އެކަނިވެސް އެ ގައުމުގައި 3،000 އަށްވުރެ ގިނަ ދަރިވަރުންނަށް ބުލީކުރުމުގެ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. 

"މި ގާނޫނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. ސަބަބަކީ މީގެ ސަބަބުން ކުދިންގެ ރައްކާތެރިކަމަށް އިސްކަންދެވި، ބުލީކުރުމުގެ ސަބަބުން ކުދިންގެ ނަފްސާނީ، ޖަޒުބާތީ އަދި ތައުލީމީ ހަޔާތަށް ކުރާ ނޭދެވޭ އަސަރުތައް ބަލައިގަނެފައިވާތީ،" އަންގާރަ ދުވަހު އަމަލުކުރަން ފެށި ގާނޫނާ ބެހޭ ގޮތުން މެލޭޝިއާގެ 'ޕޭރެންޓް އެކްޝަން ގްރޫޕް ފޯ އެޑިއުކޭޝަން' ގެ ދާތިން ނޫރް އަޒީމާ އަބްދުލް ރަހީމް ވިދާޅުވި އެވެ.

ނެދަލޭންޑްސްގެ ޖަމްއިއްޔާއަކުން 2023 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، ދުނިޔޭގެ ނިސްބަތުން، އަށްވަނަ ގްރޭޑްގެ ކުދިންނަށް އެންމެ ގިނައިން ބުލީކުރާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ ހިމެނެ އެވެ. އަދި މިދިޔަ އަހަރު ނެގި 'އިޕްސޮސް' ގެ ޕޯލްއަކުން ދެއްކި ގޮތުގައި، ސުވާލުކުރެވުނު 400 މެލޭޝިއާ ރައްޔިތުންގެ ތެރެއިން 65 ޕަސެންޓް މީހުން (260 މީހުން) ވަނީ ސުކޫލް ދައުރުގައި ބުލީކުރުމުގެ ހާދިސާތަކާ ކުރިމަތިލާންޖެހުނު ކަމަށް ބުނެފަ އެވެ.

އާ ގާނޫނާއެކު މެލޭޝިއާގައި ވަނީ 'އެންޓި-ބުލީ ޓްރައިބިއުނަލް' އެއްވެސް އުފައްދާފަ އެވެ. މި ޓްރައިބިއުނަލްގައި 58 މާހިރުން ހިމެނޭއިރު، އެ ބޭފުޅުން ބައްލަވާނީ ސުކޫލް ފެންވަރުގައި ހައްލުކުރަން އުނދަގޫ ބޮޑެތި މައްސަލަތަކެވެ.

މި ގާނޫނުގެ ދަށުން ފާހަގަކޮށްލެވޭ އެއް މާއްދާއަކީ، ކުޑަކުއްޖަކު ބުލީކުރިކަން ޓްރައިބިއުނަލަށް ސާބިތުވެއްޖެ ނަމަ، އެ ކުއްޖެއްގެ އަމަލުތަކަށް އެ ގައުމުގެ ގާނޫނުތަކުގެ ދަށުން ބެލެނިވެރިން ވެސް ޒިންމާދާރުކުރެވި، ކޯޓު މަރުހަލާތަކާ ކުރިމަތިލާންޖެހުމާއި ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް އޮތުމެވެ.

"ނަމަވެސް ގާނޫނީ ގޮތުން ބެލެނިވެރިން ޒިންމާދާރުކުރުމުގައި ވަރަށް ފަރުވާތެރިވާންޖެހޭ،" އޭއެފްޕީ އަށް ނޫރް ވިދާޅުވި އެވެ. "ހާއްސަކޮށް އޮންލައިން އަދި މުޖުތަމައުގެ މާހައުލު މިހާރު އޮތްގޮތުން، ހުރިހާ ބެލެނިވެރިންނަށް އެ މީހުންގެ ކުދިން ކުރާ ކޮންމެ ކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ."

މިދިޔަ އަހަރު މެލޭޝިއާގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ، އެ ގައުމުގެ އިރުމަތީ ސަބާހް ޕްރޮވިންސްގެ ދީނީ ބޯޑިން ސުކޫލެއްގެ ހޮސްޓެލްގެ ތިންވަނަ ބުރިން ވެއްޓި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވި ހާދިސާ އެވެ. އެ ކުއްޖާ މަރުވީ ބުލީކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ ސަބަބުން ކަމަށް ބެލެވުމާ އެކު މުޅި ގައުމުގައި އެކަމާ ދެކޮޅު ޝުއޫރުތައް ފާޅުކުރި އެވެ. މި މައްސަލާގައި ފަހުން ފަސް ދަރިވަރަކަށް ވަނީ ބުލީކުރުމުގެ ދައުވާ އުފުލައިފަ އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ޓްރައިބިއުނަލްގެ ސަބަބުން، މިފަދަ ކަންކަން ކުރަން އުޅޭ ކުދިން ޖެހިލުންވާނެ ކަމަށް. ސަބަބަކީ އެފަދަ ކަންކަން ކުރާ ކުދިންނަށް ބޮޑެތި އަދަބުތައް ލިބޭނެކަން މިހާރު އެނގޭނެތީ،" ޔޫނިއަނިސްޓެއް ކަމަށްވާ ފައުޒީ ސިންގޮން ވިދާޅުވި އެވެ. -- އޭއެފްޕީ