ޔޫކޭގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ކުރިމަތިވި ފިއްތުންތަކަށް ފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
މިއާ އެކު، ފާއިތުވި 10 އަހަރު ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑުވަޒީރަކު އައްޔަންކުރުމުގެ މަރުހަލާ ވަނީ ފެށިފަ އެވެ.
ޖުލައި 2024 އިން ފެށިގެން މަގާމުގައި ހުންނެވި ސްޓާމާ ދެއްވި ބަޔާނުގައި ވިދާޅުވީ، އޭނާގެ ލޭބާ ޕާޓީގެ މަޖިލިސް މެންބަރުންގެ ތާއީދު އޭނާއަށް ގެއްލިފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އާ ލޭބާ ލީޑަރެއް، އަދި ބޮޑުވަޒީރެއް އިންތިހާބު ކުރުމަށްޓަކައި، އިސްތިއުފާ ދެއްވުމަށް ނިންމެވިކަން ރަސްގެފާނު ޗާލްސް އަށް އަންގަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އާ ބޮޑުވަޒީރަކު ހޮވުމުގެ މަރުހަލާ ނިމެންދެން އަޅުގަނޑު މަގާމުގައި ދެމިހުންނާނަން. އަދި އޮމާންކަމާ އެކު ބާރުތައް ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މޭ މަހު ބޭއްވި ލޯކަލް އަދި ރީޖަނަލް އިންތިހާބުތަކުގައި ލޭބާ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ސްޓާމާގެ ބާރުތައް ދިޔައީ ކުޑަވަމުންނެވެ. އަދި އޭނާގެ ވާދަވެރިޔާ އެންޑީ ބާންހަމް އަލުން މަޖިލީހަށް ވަޑައިގަންނަވާނެކަން މިދިޔަ ހަފުތާގައި ކަށަވަރުވުމާ އެކު، ލީޑަޝިޕް ބަދަލުކުރުމުގެ ފިއްތުންތަކަށް ސްޓާމާއަށް ކުރިމަތިލާން ދަތިވެފަ އެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ މޭކަފީލްޑް ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމަށް ފަހު، ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ ބާންހަމް ހޯމަ ދުވަހުގެ ވަގުތެއްގައި ހައުސް އޮފް ކޮމަންސްގެ ގޮނޑިއާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
އަސަރާ އެކު ވާހަކަދައްކަވަމުން ސްޓާމާ ވިދާޅުވީ، އޭނާ ނިންމެވި ކޮންމެ ނިންމުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް އިސްކޮށްގެން ނިންމެވި ނިންމުމެއް ކަމަށެވެ. އަދި އާ ލީޑަރަކު ހޮވުމުގެ ނޮމިނޭޝަންތައް ޖުލައި 9 ގައި ހުޅުވާލުމަށް ޕާޓީގެ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީގައި އެދިވަޑައިގެންފައިވާނެ ކަމަށާއި، ސެޕްޓެމްބަރު މަހު މަޖިލިސް އަލުން ފެށުމުގެ ކުރިން އާ ލީޑަރަކު އައްޔަންކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ، ގިނަ މެންބަރުން އެދޭ ފަދައިން އެއްވެސް ވާދަވެރިކަމެއް ނެތި ބާންހަމްއަށް ލީޑަރުކަން ލިބޭނެތޯ، ނުވަތަ ކުރީގެ ހެލްތު މިނިސްޓަރު، ވެސް ސްޓްރީޓިން ފަދަ އެހެން ބޭފުޅަކު ކުރިމަތިލައްވާނެތޯ ބެލުމަށެވެ. ލޭބާ ޕާޓީގެ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ލީޑަރަކަށް ވާންޖެހޭނީ މަޖިލީހުގެ މެންބަރެކެވެ.
ގްރޭޓާ މެންޗެސްޓާގެ މޭޔަރުކަން 2017 އިން ފެށިގެން ކުރެއްވި، އުމުރުން 56 އަހަރުގެ ބާންހަމް ވަނީ ލޭބަާ ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވައިފަ އެވެ. ލޭބާ ޕާޓީއަށް މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް އޮތުމުން، އޭނާ މިކަން ކާމިޔާބު ކުރައްވައިފި ނަމަ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ އެވެ.
މިދިޔަ މާޗް މަހު، ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ޕީޓާ މެންޑެލްސަން އެމެރިކާގެ ސަފީރަކަށް އައްޔަންކުރަން އުޅުމުގެ މައްސަލައިގައި ވެސް ސްޓާމާ މަގާމުން ވަކިކުރުމާ ގާތަށް ދިޔަ އެވެ. އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަވެފައިވާ ސްޓާމާގެ ވެރިކަން ފާހަގަވެގެން ގޮސްފައިވަނީ ގޯސް ނިންމުންތަކާއި، ސިޔާސަތުތައް ބަދަލުކުރުމާއި އެކި މައްސަލަތަކުންނެވެ.
ލޭބާ ޕާޓީގެ "ސޮފްޓް-ލެފްޓް" ފިކުރަށް ނިސްބަތްވާ ބާންހަމް ވެރިކަމަށް ވަޑައިގެންފި ނަމަ ގެންގުޅުއްވާނެ ސިޔާސަތުތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް، ޔޫކޭގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އޭނާ ގަސްދުކުރައްވަނީ ފައިނޭންސް މިނިސްޓަރު ރޭޗަލް ރީވްސް ބަދަލުކުރުމަށާއި، އިންޓީރިއާ މިނިސްޓަރު ޝަބާނާ މަހްމޫދު މަގާމުގައި ބެހެއްޓުމަށެވެ. މީގެއިތުރުން، ހާޑް-ރައިޓް ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވަނީ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައްވައިފަ އެވެ.