މީގެ 10 އަހަރަށް ވުރެ ކުރިން ގެއްލިފައިވާ، މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް އިތުރު އެއް އަހަރުގެ މުއްދަތު ދޭން މެލޭޝިއާ ސަރުކާރުން ނިންމައިފި އެވެ.
ކުއާލަލަމްޕޫރުން ފުރައިގެން ބެއިޖިންއަށް 239 މީހުންނާ އެކު ދަތުރުކުރި ބޮއިން 777 މަރުކާގެ މި ބޯޓު ރާޑަރުތަކުން ގެއްލުނީ މާޗް 8، 2014 ގަ އެވެ. މިއީ އޭވިއޭޝަންގެ ތާރީހުގައި މިހާތަނަށް އެންމެ އަޖައިބުކުރުވަނިވި އެއް ހާދިސާ އެވެ.
ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ޗައިނާ ރައްޔިތުންނެވެ. ދެން ތިބީ މެލޭޝިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، އެމެރިކާ، ނެދަލޭންޑްސް އަދި ފްރާންސްގެ ރައްޔިތުންނެވެ.
މަތިންދާބޯޓެއް ހޯދުމަށް އޭވިއޭޝަން ތާރީހުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރި މަސައްކަތް ވެސް ކޮށްފައިވަނީ މި ބޯޓު ހޯދުމަށެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ހޯމަ ދުވަހު ވިދާޅުވީ، ބޯޓު ހޯދުމުގެ މުއްދަތު ޖޫން 30، 2027 އާ ހަމައަށް އިތުރުކުރާނެ ކަމަށެވެ. އަދި މިހާރު ވެސް ބޯޓު ހޯދުމުގެ މަސައްކަތްކުރާ ކުންފުނި ކަމަށްވާ އޯޝަން އިންފިނިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ހުރިހާ ޝަރުތުތަކެއް އެގޮތުގައި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތެރޭގައި "ބޯޓު ފެނިއްޖެ ހާލަތެއްގައި ނޫނީ ފައިސާ ނުދޭން އޮތް" އުސޫލު ހިމެނެ އެވެ. އެކަމަކު ބޯޓުގެ ބައިތައް ފެނިއްޖެ ނަމަ އެ ކުންފުންޏަށް 70 މިލިއަން ޑޮލަރު ދޭންޖެހޭނެ އެވެ.
"މި ނިންމުމަކީ އެމްއެޗް370 ގެ ފަސިންޖަރުންގެ އާއިލާތަކަށް ހިތްހަމަޖެހުމެއް ހޯދައިދިނުމަށް ސަރުކާރުން މެދުކެނޑުމެއްނެތި ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއް،" ލޯކް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މުއްދަތު އިތުރުކުރުމުގެ މަގްސަދަކީ، ބޯޓު ހޯދުމަށް ބަލަން ބާކީ އޮތް 7،428.54 އަކަކިލޯމީޓަރު (2،868 އަކަމޭލު) ގެ ސަރަހައްދު އެ ކުންފުންޏަށް އެއްކޮށް ބަލައި ނިންމުމަށް ފުރުސަތު ދިނުން ކަމަށެވެ.
މިނިސްޓަރު ލޯކް ވިދާޅުވި ގޮތުގައި އޯޝަން އިންފިނިޓީއަށް އަށް އޮތް ވިޔަފާރީގެ އެހެން ޒިންމާތަކެއްގެ ސަބަބުން، ބޯޓު ހޯދުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތައް ވަގުތީގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހުމަކީ ވެސް މުއްދަތު އިތުރުކޮށްދިން އެއް ސަބަބެވެ.
"މި ވަސީލަތްތައް އެހެން ތަނަކަށް ބަދަލުކުރުމާއި ތާވަލު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ކަނޑު މަޑު ދުވަސްވަރެއް ކަމަށްވާ ނޮވެމްބަރު 2026 އާއި އެޕްރީލް 2027 އާ ދެމެދު. އެއީ ހޯދުމުގެ މަސައްކަތުގެ ރައްކާތެރިކަމާއި ފައިދާހުރި ގޮތް ކަށަވަރުކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ބޯޓު ހޯދުމުގެ މަސައްކަތް ދެ މަރުހަލާއަކަށް ބަހާލައިގެން ފެށީ މާޗް 2025 ގަ އެވެ. ނަމަވެސް އެ މަސައްކަތުގައި އެ ކުންފުންޏަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
ބޯޓު ގެއްލުނުތާ 12 އަހަރު ފުރުނު — މިދިޔަ މާޗް 8 ގައި— ޗައިނާ ފަސިންޖަރުންގެ އާއިލާތަކުން ވަނީ މިކަމާ ގުޅިގެން، ސިޓީއެއް އާންމުކޮށް، އެންމެ ފަހުން ކުރި މަސައްކަތުގެ ސާފު މައުލޫމާތު ނުލިބޭ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.
"ބޯޓު ހޯދުމުގެ މަސައްކަތުގައި ހުރި ދަތިތައް އަހަރެމެންނަށް ވެސް ވިސްނޭ،" މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުވި ސިޓީގައި އާއިލާތަނުން ބުނެފައިވެ އެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާތީ ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
"ނަމަވެސް، މި އަހަރުގެ ޖެނުއަރީ 15 ގެ ފަހުން، ބޯޓު ހޯދުމުގެ މަސައްކަތާ ބެހޭ އެއްވެސް މައުލޫމާތެއް އާއިލާތަކަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވޭ،" އެ ސިޓީގައިވެ އެވެ.
އޯޝަން އިންފިނިޓީން 2018 ވަނަ އަހަރު ވެސް ބޯޓު ހޯދުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާއިރު، އޮސްޓްރޭލިއާއިން ވެސް ވަނީ ބޯޓު ހޯދުމުގެ މަސައްކަތް ޖެނުއަރީ 2017 އާ ހަމައަށް، ތިން އަހަރު ވަންދެން ކޮށްފަ އެވެ. -- އޭއެފްޕީ