މީގެ 12 އަހަރު ކުރިން ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދަން އެންމެ ފަހުން ކުރި މަސައްކަތް ވެސް މިދިޔަ ޖެނުއަރީ މަހު ނިންމާލި އިރު އެ ބޯޓުގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ބޯއިން 777 ގެ އެ ބޯޓު 239 މީހުންނާ އެކު މާޗް 8، 2014 ގައި ކުއާލަ ލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް ރާޑަރުތަކަށް ގެއްލި އަދި މިހާތަނަށް ވެސް ބޯޓު ފެނިފައި ނުވާތީ މިއީ ވައިގެ ދަތުރުފަތުރުގައި އެންމެ ބޮޑު އެއް އަޖައިބަށް ވަނީ ވެފަ އެވެ.
އެ ބޯޓުގައި ދަތުރުކުރި މީހުންގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ވެސް ގިނައީ ޗައިނާ މީހުންނެވެ. ދެން ތިބީ މެލޭޝިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، އެމެރިކާ، ޑަޗް އަދި ފްރާންސް މީހުންނެވެ.
އޭވިއޭޝަންގެ ތާރީހުގައި މިހާތަނަށް ބޯޓެއް ހޯދަން ކުރި އެންމެ ބޮޑު މަސައްކަތްކޮށް މި ބޯޓު ހޯދަން ކޮށްފައިވާއިރު މަތިންދާބޯޓާއި ފަސިންޖަރުން އަދި ބްލެކް ބޮކްސް ވެސް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު މަހު ފެށި މަސައްކަތުގައި 15،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް ބޯޓު ވެއްޓުނު ތަނެއް ކަށަވަރު ކުރެވޭ އެއްވެސް އެއްޗެއް ހޯދިފައި ނުވާ ކަމަށެވެ.
މި މަސައްކަތްކުރީ އިނގިރޭސިވިލާތާއި އެމެރިކާގައި ހިންގާ "އޯޝަން އިންފިނިޓީ" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ބޯޓު ގެއްލުނުތާ 12 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޗައިނާ ފަސިންޖަރުންގެ އާއިލާތަކުން ވަނީ އެ ފްލައިޓް ހޯދުމުގެ ކުރިން ލިބުނު މައުލޫމާތުތައް ހާމަކޮށްފައި ނުވާތީ ފާޑުކިޔައި ސިޓީއެއް ޝާއިއުކޮށްފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުވި ސިޓީގައި އާއިލާތަކުން ބުނެފައި ވަނީ ބޯޓު ހޯދުމަކީ ކިހާ އުނދަގޫ މަސައްކަތެއްކަން އެނގޭ ކަމަށާއި އެކަމަކު މި އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން އެއްވެސް މައުލޫމާތެއް އާއިލާތަކާ ހިއްސާކޮށްފައިނުވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްއެޗް370 ހޯދުމުގެ އާ މަސައްކަތްތަކެއް ފަށަން އެއްބަސްވެފައިވާކަން މެލޭޝިއާ ސަރުކާރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހާމަކުރި އިރު ބުނީ އެ ކުންފުންޏާ މަސައްކަތް ހަވާލުކުރަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އަދި 70 މިލިއަން ޑޮލަރުގެ ފީއަކަށް ކަމަށެވެ. އެކަމަކު ކުރިން ވެސް އެ ކުންފުނިން މަސައްކަތްކުރި ގޮތަށް، މިފަހަރު ވެސް ކުރަނީ ބޯޓު ނުފެނިއްޖެ ނަމަ ފައިސާ ދޭން ނުޖެހޭ ގޮތަށެވެ. -- އޭއެފްޕީ