އަންކާރާ (އެޕްރީލް 16) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފަށް ބޮޑެތި ބާރުތައް ދިނުމަށް އެ ގައުމުގެ ގާނޫނޫ އަސާސީ އަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ރައްޔިތުން ވޯޓު ދޭން ފަށައިފި އެވެ.
ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ބޭނުންފުޅު ވަނީ ތުރުކީގައި އޮތް ބަރުލަމާނީ ނިޒާމުގެ ބަދަލުގައި އެކްޒެކެޓިވް ޕްރެޒިޑެންސީ ނިޒާމެއް ގާއިމްކުރާށެވެ. ގާނޫނު އަސާސީ އަށް ގެންނަ ބަދަލު ރައްޔިތުން ފާސްކޮށްފި ނަމަ އުރުދުޣާން އަށް 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވޭނެ އެވެ.
އުރުދުޣާންގެ ސަޕޯޓަރުން ބުނަމުން ދަނީ މިއީ ޒަމާނީ ގައުމަކަށް ތުރުކީ ބަދަލު ކުރަން ގެންނަ ބަދަލުތަކެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މި ބަދަލުގެ ސަބަބުން ޚުދުމުޚްތާރު ވެރިކަމެއް ތުރުކީގައި ގާއިމްވާނެ ކަމަށެވެ.
ތުރުކީގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ 167،000 ވޯޓު ފޮއްޓަށް ވޯޓު ލުމުގެ ހައްގު 55 މިލިއަން މީހުންނަށް ލިބިގެންނެވެ އެވެ. ވޯޓުގެ ނަތީޖާ މިރޭގެ ވަގުތެއްގައި ލިބޭނެ ކަމަށް ބެލެވެ އެވެ.
ރައްޔިތުންގެ ވޯޓު އުރުދުޣާން އަށް ކާމިޔާބުވެއްޖެ ނަމަ ރައީސް އަށް އާދަޔާޚިލާފު ބޮޑެތި ބާރުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ކެބިނެޓަށް ބޭފުޅުން ހަމަޖެއްސުމާއި ވަކިކުރުމާއި ރިޔާސީ ގަރާރު ނެރުމާއި ފަނޑިޔާރުން އައްޔަން ކުރުމާ އަދި ޕާލަމެންޓް އުވާލުމުގެ ބާރު ވެސް ލިބޭނެ އެވެ. މީގެ އިތުރުން ނައިބް ރައީސުން އައްޔަން ކުރުމާއި ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ.
އުރުދުޣާން ވިދާޅުވީ މި ބަދަލުތައް ގެންނަން ޖެހެނީ ތުރުކީ އަށް ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތަކުން މިންޖުވުމަށް އަވަސް ފިޔަވަޅު އެޅުމަށާއި މާޒީގައި ތަޖްރިބާކުރި ކޯލީޝަން ސަރުކާރުތައް ރޫޅުމުން ސަލާމަތްވުމަށް ކަމަށެވެ.
ކެމްޕޭނުގެ އެންމެ ފަހު އެއްވުމުގައި އިސްތަންބޫލްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބަދަލު ގެނެސް އާ ގާނޫނީ އަސާސީ އަކަށް ދާން ޖެހެނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދަން ކަމަށެވެ.
ތުރުކީގެ ބޮޑު ވަޒީރުކަން ދިހަ ވަރަކަށް އަހަރު ކުރެއްވުމަށް ފަހު އެ ގައުމުގެ ރައީސްކަމާ އުރުދުޣާން ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. ގާނޫނު އަސާސީ އަށް ގެންނަ ބަދަލުގެ ތެރޭގައި ބޮޑު ވަޒީރުގެ މަގާމު އުވާލުން ހިމެނެ އެވެ.
ގާނޫނު އަސާސީ އަށް ގެންނަ ބަދަލުގެ ތެރޭގައި ތުރުކީގައި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބު ދެން ބާއްވާނީ ނޮވެމްބަރު 3، 2019 ގަ އެވެ. އަދި ރައީސް އަށް ފަސް އަހަރުގެ ދެ ދައުރު ލިބޭނެ އެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރައްވައިފި ނަމަ އިތުރު ދައުރަކަށް ކުރިމަތިލައްވާ 2029 އާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ލިބޭނެ އެވެ.