އިސްތަންބޫލް (އެޕްރީލް 18) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފު ބާރުތައް ދިނުމަށް އެ ގައުމުގައި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓުގައި ކަން ހިނގާފައިވަނީ އިންސާފުން ނޫން ކަމަށް ބައިނަލްއަގުވާމީ މޮނިޓަރުން ބުނެފައިވާތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރައްދު ދެއްވައިފި އެވެ.
މޮނިޓަރުން ބުނެފައި ވަނީ ވޯޓުގައި ކަންކަން ކޮށްފައި ވަނީ އުރުދުޣާންގެ ކޭމްޕަށް ފަހިވާ ގޮތަށް ކަމަށެވެ. އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އާއި ކައުންސިލް އޮފް ޔޫރަޕް އިން ބުނެފައި ވަނީ ކެމްޕޭން ކުރުމަށް ދެ ފަރާތަށް ހަމަހަމަ ފުރުސަތު ދީފައި ނުވާ ކަމަށެވެ. ރައީސް އާއި ސަރުކާރުގެ އިސް އޮފިޝަލުން ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް އަދި ސަރުކާރުގެ ރިސޯސްތައް ވެސް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް މޮނިޓަރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާތީ އަސާސީ އެތައް ހައްގެއް ހިފަހައްޓާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސްޓޭމްޕް ނުޖަހާ ވޯޓު ކަރުދާސް ވެސް ސައްހަ ވާނެ ކަމަށް ތުރުކީގެ އިލެކްޝަން ބޯޑުން އެންމެ ފަހު ވަގުތު ނިންމުމުން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ 60 ޕަސެންޓް ވޯޓުލާފައި ވަނީ ސްޓޭމްޕް ނުޖަހާ ވޯޓު ކަރުދާހުގައި ކަމަށެވެ.
"ތުރުކީގެ ވޯޓު ކުރިއަށް ދިޔައީ ޔޫރަޕުގެ ކައުންސިލްގެ ސްޓެންޑަޑާ އެއްގޮތަކަށް ނޫން،" ތުރުކީ އަށް ދިޔަ ކައުންސިލްގެ ވަފުދުގެ އިސް މެމްބަރު ސީޒާ ފްލޮރިން ޕްރެޑާ ވިދާޅުވި އެވެ.
ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އަންކަރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ އުރުދުޣާން ވިދާޅުވީ ސިޔާސީ ގޮތުން އުފައްދާފައިވާ ރިޕޯޓްތައް އަޑު ނާއްސަވާނެ ކަމަށެވެ. އަދި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބަހުސް ވަނީ ނިމިފައި ކަމަށާއި މިހާރުން މިހާރަށް ވެސް އެ ބަދަލުތައް ގެންނަން ފަށާނެ ކަމަށެވެ.
ޖުމްހޫރިއްޔަތަކަށް ތުރުކީ ބަދަލުވި ފަހުން ތުުރުކީގެ ގާނޫނު އަސާސީ އަށް ގެނައި އެންމެ ބޮޑު ބަދަލަށް ރައްޔިތުންގެ ފެންނަން ނުފެންނަ ވޯޓުގައި ބަދަލުތަކަށް ރުހޭ ކަމަށް 51.37 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. ގާނޫނު އަސާސީ ބަދަލު ކުރަން ދެކޮޅު ކަމަށް ބުނެފައި ވަނީ 48.63 ޕަސެންޓް މީހުންނެވެ.
ގާނޫނު އަސާސީ އަށް މި ގެނައި ބަދަލާ އެކު އުރުދުޣާން އަށް 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ލިބޭނެ އެވެ. ތުރުކީގެ ބޮޑު ވަޒީރުކަން ދިހަ ވަރަކަށް އަހަރު ކުރެއްވުމަށް ފަހު އެ ގައުމުގެ ރައީސްކަމާ އުރުދުޣާން ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.