އަންކާރާ (އެޕްރީލް 17) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފަށް ބޮޑެތި ބާރުތައް ދިނުމަށް އެ ގައުމުގެ ގާނޫނޫ އަސާސީ އަށް ގެންނަން ހުށަހެޅި ބަދަލުތަކަށް ހަނި އަޣުލަބިއްޔަތަކުން ރައްޔިތުން ރުހުން ދީފި އެވެ.

މީގެ ގަރުނެއް ކުރިން ޖުމްހޫރިއްޔަތަކަށް ތުރުކީ ބަދަލުވި ފަހުން އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެނައި އެންމެ ބޮޑު ބަދަލަށް ރައްޔިތުންގެ ފެންނަން ނުފެންނަ ވޯޓުގައި 99.45 ޕަސެންޓް ނަތީޖާ ސާފުކުރި އިރު ބަދަލުތަކަށް ރުހޭ ކަމަށް 51.37 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. ގާނޫނު އަސާސީ ބަދަލު ކުރަން ދެކޮޅު ކަމަށް ބުނެފައި ވަނީ 48.63 ޕަސެންޓް މީހުންނެވެ.

ގާނޫނު އަސާސީ އަށް މި ގެނައި ބަދަލާ އެކު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވޭނެ އެވެ. ރައީސް އުރުދުޣާން ބޭނުންފުޅު ވަނީ ތުރުކީގައި އޮތް ބަރުލަމާނީ ނިޒާމުގެ ބަދަލުގައި އެކްޒެކެޓިވް ޕްރެޒިޑެންސީ ނިޒާމެއް ގާއިމްކުރާށެވެ. އެއީ ގައުމު ޒަމާނީ ކުރުމަށް ކަމަށް އުރުދުޣާން ވިދާޅުވެފައިވެ އެވެ.

ތުރުކީގެ އިިދިކޮޅު ޕާޓީތަކުން ވަނީ ނަތީޖާއާ ދެކޮޅު ހަދައިފަ އެވެ. ރިޕަބްލިކަން ޕީޕަލްސް ޕާޓީން ވަނީ 60 ޕަސެންޓް ވޯޓު އަލުން ގުނުމަށް ގޮވާލައިފަ އެވެ. އެއީ ސްޓޭމްޕް ނުޖަހާ ވޯޓު ކަރުދާސް ވެސް ބޭނުންކޮށްފައިވާތީ އެވެ. ވޯޓުލާން ޖެހޭ ގޮތާ މެދު ހިނގި ހަމަނުޖެހުމެއްގައި އިރުމަތީގެ ޕްރޮވިންސް ދިޔަރްބާކިރުގައި ވަނީ ތިން މީހުން މަރުވެފަ އެވެ.

އުރުދުޣާން ވަނީ ނަތީޖާ އަށް އިހުތިރާމް ކުރުމަށް ގޮވާލައްވައިފަ އެވެ.

"ތުުރުކީގެ ރައްޔިތުން ވަނީ މުހިންމު ނިންމުމެއް ނިންމާފައި،" އިސްތަންބޫލްގައި ހުންނަ ރަސްމީ ގަނޑުވަރުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. "ރައްޔިތުންގެ ތާއީދާ އެކު މި ވަނީ މި ޒަމާނުގެ ތާރީޚުގައި އެންމެ ބޮޑު އިސްލާހީ ބަދަލު ގެނެވިފައި."

ތުރުކީގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެނޭތޯ ބެލުމަށް ވެސް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުުރުކީގެ ގާނޫނު އަސާސީ އަށް ގެންނަ ބަދަލުން ރައީސް އަށް ލިބޭ ބާރުތައް

ސަރުކާރުގެ އިސް މަގާމުތަކާއި ކެބިނެޓަށް ބޭފުޅުން ހަމަޖެއްސުން

ރިޔާސީ ގަރާރުތައް ނެރުން

ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން

ޕާލަމެންޓް އުވާލުމުގެ ބާރު

ނައިބް ރައީސުން އައްޔަން ކުރުމުގެ ބާރު

ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު

ބޮޑު ވަޒީރުގެ މަގާމު އުވާލުން

އުރުދުޣާން ވިދާޅުވީ މި ބަދަލުތައް ގެންނަން ޖެހެނީ ތުރުކީ އަށް ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތަކުން މިންޖުވުމަށް އަވަސް ފިޔަވަޅު އެޅުމަށާއި މާޒީގައި ތަޖްރިބާކުރި ކޯލީޝަން ސަރުކާރުތައް ރޫޅުމުން ސަލާމަތްވުމަށް ކަމަށެވެ. ތުރުކީގެ ބޮޑު ވަޒީރުކަން ދިހަ ވަރަކަށް އަހަރު ކުރެއްވުމަށް ފަހު އެ ގައުމުގެ ރައީސްކަމާ އުރުދުޣާން ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. ގާނޫނު އަސާސީ އަށް ގެންނަ ބަދަލުގެ ތެރޭގައި ތުރުކީގައި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބު ދެން ބާއްވާނީ ނޮވެމްބަރު 3، 2019 ގަ އެވެ. އަދި ރައީސް އަށް ފަސް އަހަރުގެ ދެ ދައުރު ލިބޭނެ އެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރައްވައިފި ނަމަ އިތުރު ދައުރަކަށް ކުރިމަތިލައްވާ 2029 އާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ލިބޭނެ އެވެ.