އާމްދަނީ ލިބޭނެ ވަސީލަތެއް ހުރިކަން ނޭނގި، އަގު ބޮޑު މުދާ ކުއްލިއަކަށް ހޯދަމުންދާ އަދި މާބޮޑަށް މުއްސަނދި ދިރިއުޅުމެއް އުޅޭ މީހުންގެ މައުލޫމާތު ރިޕޯޓުކުރުމަށް ސްރީ ލަންކާ ފުލުހުން އާންމުންގެ ކިބައިން އެދެފި އެވެ.

ފުލުހުން ބުނި ގޮތުގައި، ގާނޫނާ ހިލާފަށް ހޯދާފައިވާ މުދަލާއި ފައިސާއާ ގުޅޭގޮތުން ހިންގަމުންދާ ތަހުގީގުތަކުގެ ދަށުން، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން އަންނަނީ މިފަދަ މައްސަލަތައް ވަރަށް ގާތުން ބަލަމުންނެވެ.

މި ތަހުގީގުތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެ ނޫން ވެސް ގާނޫނާ ހިލާފު އެކިއެކި އަމަލުތަކުން ހޯދާފައިވާ ކަމަށް ބެލެވޭ މުދަލަށެވެ. އަދި މި އޮޕަރޭޝަންތައް މުޅި ގައުމުގައި މިހާރު ވެސް ދަނީ ކުރިއަށެވެ.

ޝައްކުކުރެވޭ ފަދަ މީހުންނާއި ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ތަހުގީގުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށާއި މުޖުތަމައުގެ ރައްކާތެރިކުރުމަށްޓަކައި އާންމުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ސްރީލަންކާ ސަރުކާރުން މަސްތުވާތަކެއްޗާއި އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. 

މި އޮޕަރޭޝަންތަކުގެ ދަށުން މިހާތަނަށް 168,000 އަށްވުރެ ގިނަ މީހުން އެކި ތުހުމަތަށް ހައްޔަރުކޮށްފައިވެ އެވެ. މީގެ ތެރެއިން އެތައް ހާސް ބަޔަކު ވަނީ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ހިންގާ ރީހެބިލިޓޭޝަން ސެންޓަރުތަކަށް ފޮނުވާފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ އެތައް ހާސް ކިލޯއެއްގެ ހެރޮއިން، ކެނަބިސް، ކޮކެއިން އަދި ކްރިސްޓަލް މެތައެމްފެޓަމީން (އައިސް) އާއި މަސްތުވުމަށް ބޭނުންކުރާ ގުޅޭ ބޭހުގެ މިލިއަނަކަށްވުރެ ގިނަ ގުޅަ އަތުލައިގެންފަ އެވެ.

އިންތިޒާމުވެގެން ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ އަދި ގައުމުން ބޭރަށް ފިލައިގެން ގޮސްފައި ތިބި 29 އަށްވުރެ ގިނަ މީހުން އެކްސްޓްރަޑިޝަން ގާނޫނުގެ ދަށުން ލަންކާއަށް އަނބުރާ ގެންގޮސްފައި ވެސް ވެ އެވެ.

މި އޮޕަރޭޝަނުގެ އެންމެ މުހިންމު އެއް އަމާޒަކީ ކުށްކޮށްގެން ހޯދާ ފައިސާއިން ގަނެފައިވާ މުދާ ހިފެހެއްޓުމެވެ. ވޭތުވެދިޔަ އަހަރުތަކުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ އަތުން ބިލިއަނަކަށްވުރެ ގިނަ ރުޕީސްގެ އަގުހުރި ރަން، ފައިސާ، އުޅަނދުފަހަރު އަދި ބިންތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި އޮޕަރޭޝަނަށް ލަންކާގެ ގިނަ އާންމުންގެ ތާއީދު ލިބުނު ނަމަވެސް، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ލަންކާގެ ސަރުކާރާއި ފުލުހުންގެ އިސްވެރިން މި ފާޑުކިޔުންތައް ދިފާއުކުރައްވައި ވިދާޅުވަނީ، މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުން ކޮންމެހެން މަޖުބޫރު ކަމަށެވެ.